ހަބަރު

ކުޑަކުދިންނާއި ގުޅޭ ދެ ބިލަކަށް ސުކޫލްކުދިންނަށް ފޯރަމެއް ބާއްވައިފި

ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ބިލާއި، ކުޑަކުދިންގެ އަދުލުގެ ބިލާ ގުޅޭގޮތުން ސްކޫލް ކުދިން ހޭލުންތެރިކޮށް، އެކުދިންގެ ހިޔާލާ މަޝްވަރާ ހޯދުމަށް ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) އިން އިންތިޒާމްކޮށްގެން ފޯރަމެއް ބާއްވައިފިއެވެ.

އެޗްއާރުސީއެމުން ބުނީ އެ ފޯރަމްގެ މަގުސަދަކީ ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ބިލާއި ކުޑަކުދިންގެ އަދުލުގެ ބިލާ ގުޅޭގޮތުން ސްކޫލް ކުދިން ހޭލުންތެރިކޮށް، އެކުދިންގެ ހިޔާލާ މަޝްވަރާ ހޯދުމަކީ މުހިއްމު ކަމަކަށްވާތީ އެކުދިންގެ ހިޔާލާއި މަޝްވަރާހޯދުމަށް ކަމަށެވެ.

އެ ފޯރަމްގައި 18 ސްކޫލަކުން 15 އަހަރާ 18 އަހަރާ ދެމެދުގެ 36 ދަރިވަރުން ބައިވެރިވެފައިވާ ކަމަށާއި، އެގޮތުން ހިއުމަން ރައިޓްސް ކްލަބްތައް ގާއިމުކޮށްފައިވާ ސްކޫލްތަކުން ހިއުމަން ރައިޓްސް ކްލަބްތަކުގައި ހަރަކާތްތެރިވާ ދަރިވަރުންނަށާއި ކްލަބްތައް ގާއިމުކޮށްފައި ނުވާ ސްކޫލްތަކުގެ ދަރިވަރުންނަށްވެސް އެ ފޯރަމްގައި ބައިވެރިވުމުގެ ފުރުސަތު ދީފައިވާ ކަމަށެވެ.

މީގެ އިތުރުން، އެ ފޯރަމްގައި އެ ދެ ބިލުގައި ހިމެނޭ ބައިތަކުގެ ތެރެއިން ހާއްސަކޮށް ކުޑަކުދިންގެ ހައްގުތަކަށް އިސްކަން ދިނުމުގެ ހައްގާއި، ތައުލީމު ލިބުމުގެ ހައްގާއި، ރަނގަޅު ސިއްހަތެއް ލިބުމުގެ ހައްގާއި، ދައުލަތުގެ ޒިންމާތަކާއި، މައިންބަފައިންގެ ޒިންމާތައް އަދި ކުޑަކުދިންގެ ޒިންމާތަކާ ގުޅޭގޮތުން މަޝްވަރާކޮށް، އެ ކުދިންގެ ހިޔާލު ހޯދާފައިވާ ކަމަށެވެ.

އެޗްއާރުސީއެމުން އިތުރަށް ބުނީ، އެ ފޯރަމް އަށް ފަހު ފޯރަމްގައި ދަރިވަރުން ފާހަގަކުރި ހިޔާލުތައް އެކުލަވާލާ ތައްޔާރުކުރާ ކަރުދާހެއް ރައްޔިތުންގެ މަޖިލީހާ އަދި ގުޅުންހުރި އެހެނިހެން މުއައްސަސާތަކާ ހިއްސާކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.