ގާސިމް އިބްރާހިމް

ކޯލިޝަން ދަމަހައްޓަވާތީ ގާސިމްގެ ޝުކުރު ރައީސަށް

ކޯލިޝަން ސަރުކާރު ދެމެހެއްޓެވުމުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކާމިޔާބު ހޯއްދަވާފައިވާ ކަމަށް ވިދާޅުވެ ކޯލިޝަންގެ އެއް ބައިވެރިޔާ، ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ރައީސް ސޯލިހަށް ތައުރީފު ކުރައްވައިފި އެވެ.

ޖުމްހޫރީ ޕާޓީއާއި މެންބަރުންތަކެއް ގުޅުމަށް ބޭއްވި ޖަލްސާއެއްގައި މިރޭ ވާހަކަފުޅު ދައްކަވަމުން ގާސިމް ވިދާޅުވީ ކޯލިޝަން ސަރުކާރުތަކުގައި ޖޭޕީއަށް ހިތި ތަޖުރިބާތަކެއް ކުރެވިފައިވާ ކަމަށެވެ. އެގޮތުން 2008 ވަނަ އަހަރު އެމްޑީޕީގެ ސަރުކާރު ގެނައުމުގައި އަދި 2013 ވަނަ އަހަރު ޕީޕީއެމްގެ ސަރުކާރެއް ގެނައުމުގައި ޖުމްހޫރީ ޕާޓީން ހިއްސާވެފައިވާ ކަމަށާ ނަމަވެސް އެ ދެފަހަރުވެސް ނިކުތީ އުންމީދުުކުރި ނަތީޖާ ނޫން ކަމަށެވެ.

އެމްޑީޕީންވެސް އަދި ޕީޕީއެމުންވެސް ޖުމްހޫރީ ޕާޓީ ސަރުކާރުގެ ތެރެއިން ބޭރުކޮށްލާ، ޕާޓީގެ ސްލޮޓްތަކުގައި މަގާމުތަކުގައި ތިއްބެވި ބޭފުޅުންނަށް މަޖުބޫރުކޮށްގެން ޕާޓީ ބަދަލުކުރުވީ ކަމަށް ގާސިމް ވިދާޅުވިއެވެ.

ނަމަވެސް ގާސިމް ވިދާޅުވީ ކޯލިޝަން ސަރުކާރު ދެމެހެއްޓުމުގައި ރައީސް ސޯލިހް ތަފާތު ކަމަށެވެ. އަދި ކާމިޔާބުކަމާއެކު އެއް އަހަރު، ކޯލިޝަން ސަރުކާރެއް ދަމަހައްޓަވައިދެއްވީތީ ގާސިމް ވަނީ ރައީސަށް ޝުކުރު ދަންނަވާފައެވެ.

"އަޅުގަނޑުމެން އިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާއަށް އިޚްލާސްތެރިކަމާއެކު ޝުކުރާ މަރުހަބާ ދަންނަވަން. މި ކޯލިޝަން ސަރުކާރު ދަމަހައްޓާ ނަގަހެއްޓުމުގަޔާއި އަދި ދިވެހި ރައްޔިތުންގެ މެދުގައި ހަމަހަމަކަމާއެކީ ކަންތައްްކުރެއްވުމުގެ މާތް ވިސްނުން އެމަނިކުފާނު ގެންގުޅުއްވާތީ، އެކަމަށްޓަކައި އިޚްލާސްތެރިކަމާއެކު ޝުކުރު ދަންނަވަން. އަޅުގަނޑު މިހެން ދަންނަވާއިރުވެސް ތިޔަ ބޭފުޅުން ޔަގީންކުރައްްވާ އެ ތަފާތުކޮށް އެކި މީހުންނަށް އެކި ގޮތްހަދާ، މީހުންނަށް އަނިޔާވެރިވާން ފަށައިފިއްޔާ އަޅުގަނޑުގެ އަނގައި މި ބަސް ނުނިކުންނާނެ. މި ބަސް ބަދަލުވެގެންދާނެ. އެއީ ކޮންމެހެން އަޅުގަނޑު އެޑްވާސްކޮށް ދައްކަންޖެެހޭ ވާހަކައެއް ނޫން." ގާސިމް ވިދާޅުވިއެެވެ.

ގާސިމް މިރޭވެސް ވަނީ ކުރިއަށް އޮތް ރިޔާސީ އިންތިޚާބަށް ޖުމްހޫރީ ޕާޓީން ކެންޑިޑޭޓަކު ނެރޭނެ ކަމަށް އިއުލާނު ކުރުމުން އެކަމާ ބައެއް ބޭފުޅުން ކަންބޮޑުވުންފާޅު ކުރަމުން ގެންދާތީ އެކަމާ ގުޅޭގޮތުން ވާހަކަދައްކަވާފައެވެ.

ޖޭޕީގެ ކުރީގެ ނާއިބް ރައީސް އަދި ޖުމްހޫރީ ޕާޓީގެ ސްލޮޓެއްގައި ސިންގަޕޫރަށް ކަނޑައެޅި ސަފީރުގެ ގޮތުގައި ހުންނެވި ޑރ. މައުސޫމްވެސް އެ މޭރުމުން ވާހަކަފުޅު ދައްކަވާފައިވާ ކަމަށް ވިދާޅުވެ ގާސިމް ވަނީ މައުސޫމަށްވެސް ރައްދު ދެއްވާފައެވެ.

ގާސިމް ވިދާޅުވީ 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބަށް ކެންޑިޑޭޓަކު ނުނެރޭނެ ކަމަށް ބުނާނަމަ ޖުމްހޫރީ ޕާޓީއާއި ބަޔަކު ގުޅުމުގެ އެއްވެސް ބޭނުމެއް ނެތް ކަމަށެވެ. ޕާޓީތައް އުފައްދާފައިވަނީ ސިޔާސަތުތަކެއް އެކުލަވާލާ އެކަންކަން ތަންފީޒުކޮށް ރައްޔިތުންނަށް ހެޔޮ ވެރިކަމެއް ގާއިމްކޮށްދިނުމަށް ކަމަށްވާއިރު އިންތިހާބުތަކުގައި ވާދަކުރުމުގެ ޝައުގުވެރިކަން ޕާޓީތަކުން ފާޅުކުރަން ޖެހޭ ކަމަށް ގާސިމް ވިދާޅުވި އެވެ.

"ޖުމްހޫރީން ޕާޓީން ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް ވާދަކުރާނެ މީހަކު ނުނެރޭނެ ކަމަށް އަޅުގަނޑުމެން ނިންމައިފިއްޔާ، ދެން ކީއްކުރަންތޯ އެއްވެސް މީހަކު މި ޕާޓީއަށް އަންނަންވީ. ކޮބައިތޯ ބޭނުމެއް. އެހެންވީމަ އަޅުގަނޑުމެން ބުނަންޖެހޭ ދޯ ކޮންމެ ރެއަކުވެސް، އެތައް ފަހަރަކު ބުނަންޖެހޭ ކޮންމެ ބޭފުޅަކުވެސް އަޅުގަނޑުމެން 2023 އަށް ޖުމްހޫރީ ޕާޓީން ރިޔާސީ ކެންޑިޑޭޓަކު ނެރޭނަމޭ ދިވެހި ރައްޔިތުންގެ ތެރޭ. ބާރަށް ބުނަންޖެހޭ." ގާސިމް ވިދާޅުވި އެވެ.

"ރައްޔިތުންނަށް ކަށަވަރުކޮށްދޭން އެބަޖެހޭ ތިޔަ ބޭފުޅުންގެ ހައްގުގައި، ރައްޔިތުންގެ ހައްގުގައި ރައްޔިތުންނަށް ޚިދުމަތް ކޮށްދޭނެ މީހަކު ހޮވުމަށްޓަކައި ރައްޔިތުންގެ މެދުގައި ވޯޓެއް ނަގާއިރު އަޅުގަނޑުމެން ނެރޭނެނަމޭ ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް ބޭފުޅަކު،"

ޖުމްހޫރީން ޕާޓީން ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް ވާދަކުރާނެ މީހަކު ނުނެރޭނެ ކަމަށް އަޅުގަނޑުމެން ނިންމައިފިއްޔާ، ދެން ކީއްކުރަންތޯ އެއްވެސް މީހަކު މި ޕާޓީއަށް އަންނަންވީ. ކޮބައިތޯ ބޭނުމެއް. އެހެންވީމަ އަޅުގަނޑުމެން ބުނަންޖެހޭ ދޯ ކޮންމެ ރެއަކުވެސް، އެތައް ފަހަރަކު ބުނަންޖެހޭ ކޮންމެ ބޭފުޅަކުވެސް އަޅުގަނޑުމެން 2023 އަށް ޖުމްހޫރީ ޕާޓީން ރިޔާސީ ކެންޑިޑޭޓަކު ނެރޭނަމޭ ދިވެހި ރައްޔިތުންގެ ތެރޭ. ބާރަށް ބުނަންޖެހޭ. ރައްޔިތުންނަށް ކަށަވަރުކޮށްދޭން އެބަޖެހޭ ތިޔަ ބޭފުޅުންގެ ހައްގުގައި، ރައްޔިތުންގެ ހައްގުގައި ރައްޔިތުންނަށް ޚިދުމަތް ކޮށްދޭނެ މީހަކު ހޮވުމަށްޓަކައި ރައްޔިތުންގެ މެދުގައި ވޯޓެއް ނަގާއިރު އަޅުގަނޑުމެން ނެރޭނެނަމޭ ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް ބޭފުޅަކު
ގާސިމް އިބްރާހިމް | ޖުމްހޫރީ ޕާޓީގެ ލީޑަރު

ބަޔަކު ކިތަންމެ ކަންބޮޑުވި ނަމަވެސް ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ޖޭޕީގެ ކެންޑިޑޭޓަކު ނެރޭނެ ކަމަށް އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް މީގެ ކުރިންވެސް ވަނީ ވިދާޅުވެފައެވެ.

ގާސިމް ވިދާޅުވީ ޖޭޕީ ދެމި އޮންނާނީ ރައްޔިތުންނަށް ހަގީގީ ޖުމްހޫރީ ވެރިކަމެއް ހޯދައި ދިނުމަށް މަސައްކަތް ކުރުމުގައި ކަމަށެވެ. އަދި އެ މަސައްކަތުގައި މީހަކު ކޮށްފާނެ އަނިޔާއަކަށް، ޖެއްސުމަކަށް ނުބަލާ ކަމަށެވެ.