ސްކޫލްތަކުގެ ދަރިވަރުންގެ ތެރެއިން، ކުޅިވަރުގެ ރޮނގުން މަތީ ވަނަ ހާސިލު ކުރާ ދަރިވަރުންނަށް، އެޑިއުކޭޝަން މިނިސްޓްރީން ދޭ 'ކަލާސް އެވޯޑް' ދުވުންތެރިޔާ އައިޝަތު ހިމްނާ ހަސަން އަށް ދީފި އެވެ.
ރޭ ހުޅުމާލޭ ހުރަވީ ސްކޫލުގައި ބޭއްވި މި ޖަލްސާގައި އައްޑޫ ހައި ސްކޫލުގެ ދަރިވަރު ހިމްނާ އަށް އެވޯޑު ހަވާލުކޮށްދެއްވީ ސްޕޯޓްސް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު އަދި ކުރީގެ މަޝްހޫރު ކީޕަރު ކޯޗު މައުރޫފް އަހުމަދު (މާއްޓޭ) އެވެ. ހިމްނާ ވަނީ މިދިޔަ ސެޕްޓެމްބަރު މަހު ބޭއްވި ގައުމީ އެތްލެޓިކްސް މުބާރާތުގައި އެންމެ މޮޅު އަންހެން އެތުލީޓުގެ މަގާމް ހޯދާފަ އެވެ.
ކަލާސް އެވޯޑު ހަފްލާގައި ހިމްނާ އާއެކު އައުޓް ސްޓޭންޑިން އެތުލީޓުންނަށް ހޮވީ، ބެޑްމިންޓަން ކުޅުންތެރިޔާ ނިބާލް އަހުމަދާއި ޓީޓީ އިން ފާހަގަކޮށްލެވުނު ރަފާ ނާޒިމް އެވެ.
މީގެ އިތުރުން، މިނިސްޓަރުގެ ހާއްސަ އެވޯޑު ޓީޓީ ތަރި ދީމާ އަލީ އަށް ވަނީ ދީފަ އެވެ.
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެޑިއުކޭޝަން މިނިސްޓަރު ވިދާޅުވީ، ކިޔެވުމުގެ އިތުރުން ކުޅިވަރަކީވެސް މުހިއްމު ކަމެއް ކަމަށާއި، ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށް އުމުރުދުވަހު ކަސްރަތާއި ކުޅިވަރުތައް ކުޅެން ޖެހޭނެ ކަމަށެވެ.
"ކިޔެވުމުގެ އިތުރަށް، މުޅި ޢުމުރުގައި ކަސްރަތާއި ކުޅިވަރު ކުޅެން ޖެހޭނެ. ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށް މަސައްކަތް ކުރަންވާނެ. ހާއްސަކޮށް މަދަރުސާ ދައުރުގައި ހީވާގިކޮށް ހަރަކާތްތެރިވެ އުޅުމުގެ އާދަކާދަ ލިބިގަންނަން ވާނެ" މިނިސްޓަރު ވިދާޅުވި އެވެ.
އަދި ވިދާޅުވީ އެކި މާމަލުގެ ސިފަ ތަފާތުވާ ފަދައިން ކޮންމެ ދަރިވަރަކީވެސް ތަފާތު ނަފުސެއް ކަމަށާއި އެކި ކުދިން މޮޅުވާނީ އެކި ކަންކަމަށް ކަމުން ކޮންމެ ދަރިވަރަކީވެސް އެކުއްޖެއްގެ ގޮތުގައި ރަނގަޅު ދަރިވަރެއް ކަމަށެވެ.
މީގެ ކުރިން ކަލާސް އެވޯޑު ދިނީ 13 ކެޓަގަރީއަކުން ނަމަވެސް ތަފާތު 14 ކުޅިވަރަކުން 224 ދަރިވަރުންނަށް ރޭ ވަނީ ކަލާސް އެވޯޑް ދީފަ އެވެ. އެއީ މިއަހަރު އަލަށް ތައާރަފް ކުރި ބައިސްކަލު ދުއްވުމުގެ ކުޅިވަރާއެކު އެވެ.