މި އަހަރުގެ މެއި މަހު ސްޕެއިންގެ ކޯޗް ކަމުން ވަކިވި ލުއިސް އެންރީކޭ އަލުން ސްޕެއިންގެ ކޯޗް ކަމަށް ހަމަޖައްސައިފި އެވެ.
މިދިޔަ އަހަރުގެ ވޯލްޑް ކަޕްގެ ކުރިން ސްޕެއިންގެ ކޯޗުގެ މަގާމާމެދު އުފެދުނު ހިތްހަމަނުޖެހުންތަކާ ގުޅިގެން ވޯލްޑް ކަޕަށް ފަހު ސްޕެއިންގެ ފެޑްރޭޝަނުން ކޯޗްކަން ހަވާލު ކުރީ އެންރީކޭ އަށެވެ. މެއި މަހު ސްޕެއިންގެ ކޯޗް ކަމުން އޭނާ ވަކިވީ އޭނާގެ އަންހެން ދަރިފުޅަށް ކަށީގެ ކެންސަރު ޖެހުމުން ފަރުވާ ކުރުމަށް ވަގުތު ހުސް ކުރުމުގެ ގޮތުންނެވެ. އެ ބައްޔަށް ފަރުވާ ކުރަމުން ދަނިކޮށް އޭނާގެ ދަރިފުޅު ޒާނާ ވަނީ މި އަހަރުގެ އޯގަސްޓް މަހު މަރު ވެފަ އެވެ.
ސްޕެއިންގެ ކޯޗް ކަމުން އެންރީކޭ ވަކިވި އިރު ސްޕެއިންގެ ރޯޔަލް ފުޓްބޯލް ފެޑްރޭޝަންގެ ރައީސް ލުއިސް ރުބިއަލެސް ވަނީ އެންރިކޭއަށް ޔަގީން ކަމެއް ދީފަ އެވެ. އެއީ އޭނާ ބޭނުންނަމަ ކޮންމެ އިރަކުވެސް ސްޕެއިންގެ ކޯޗް ކަމުގެ މަގާމު އަލުން އޭނާއަށް ދިނުމަށެވެ. އެހެންވެ ސްޕެއިްގެ ކޯޗް ކަމަށް ހަމަޖެއްސީ އެންރީކޭގެ އެސިސްޓެންޓް ކޯޗް ރޮބާޓޯ މޮރޭނޯ އެވެ.
އަންނަ އަހަރު ބާއްވާ ޔޫރޯއަށް ސްޕެއިން ކޮލިފައި ކޮށްދިނީ މޮރޭނޯ އެވެ. ކޮލިފިކޭޝަންގެ ފަހު މެޗުގައި ރޮމޭނިއާ އަތުން 5-0 މޮޅުވި މެޗަށް ފަހު މޮރޭނޯ ވަނީ ސްޕެއިންގެ މަގާމުން ވަކި ވެފަ އެވެ. އަދި އެ މެޗަށް ފަހު އޮތް ޕްރެސްއަށްވެސް މޮރޭނޯ ހާޒިރު ވެފައެއް ނުވެ އެވެ. ކާމިޔާބު ހޯދުމުންވެސް ސްޕެއިންގެ ކޯޗް ކަމުން މޮރޭނޯ ވަކި ކުރުމުން ސްޕެއިންގެ ފުޓްބޯޅަ ފެޑްރޭޝަނަށް ވަނީ ފާޑު ކިޔުން އަމާޒު ވެފަ އެވެ. ސްޕެއިންއަށް ވޯލްޑް ކަޕް ހޯދައިދިން ކެޕްޓަން އިކާ ކަސިއަސް ވަނީ ފާޑު ކިޔުން އޮއްސާލާފަ އެވެ.
މޮރޭނޯ ވަކި ކުރުމަށް ފަހު، އެންރިކޭ އާ ކޯޗް ކަން ހަވާލު ކުރި ސަބަބަކީ މޮރޭނޯ ހުރިިއިރު ކުޅުންތެރިން ޓީމުގެ ބައެއް ކަންކަމަށް ބާރު ފޯރުވުން ފެށުމެވެ. އެކަމާ ހުރެ ސްޕެއިންގެ ފެޑްރޭޝަނުން ބޭނުންވީ ކުޅުންތެރިންގެ ފަރާތުން އަންނަ ކަންކަން ކޮންޓްރޯލް ކުރެވޭނެ ވަރުގެ ލީޑަރެއް ކޯޗުގެ ގޮތުގައި ހުރުމަށެވެ.