އަމީތާބު

އަމީތާބުގެ "ޗެހެރޭ" އިން ކްރީތީ ކަރްބަންޑާ ބޭރުކޮށްފި

އަމީތާބް ބައްޗަން އާއި އިމްރާން ހާޝިމީ ބަތަލުގެ ބައި ކުޅޭ "ޗެހެރޭ" އިން ކްރީތީ ކަރްބަންޑާ ބޭރު ކޮށްލައިފި އެވެ. އޭނާ ފިލްމުން ވަކި ކުރީ އޭނާ އާއި ފިލްމު ޕްރޮޑިއުސްކުރާ ފަރާތާ ޚިޔާލު ތަފާތުވުމުގެ ސަބަބުންނެވެ.

ރޫމީ ޖެފްރީ ޑައިރެކްޓް ކުރާ މި ފިލްމުގައި ކްރީތީ މިހާރު ބައިވެރި ނުވާކަން ޕްރޮޑިއުސަރުން ވަނީ ޔަގީން ކޮށްދީފަ އެވެ. ޕްރޮޑިއުސަރުންގެ ފަރާތުން ވާހަކަ ދެއްކި މީހަކު ބުނެފައިވަނީ ކްރީތީ މިހާރު "ޗެހެރޭ" ގެ އެކްޓަރުންގެ ތެރޭގައި ނުހިމެނޭ ކަމަށާއި އޭނަގެ ބަދަލުގައި އެހެން ބަތަލާއަކު ހޯދަމުންދާ ކަމަށެވެ.

ކްރީތީ ފުރަތަމަ މަސައްކަތް ކޮށްފައިވަނީ ސައުތު ފިލްމު އިންޑަސްޓްރީގަ އެވެ. ސައުތުގައި ކްރީތީ ވަނީ ފުދޭވަރެއްގެ މަޝްހޫރު ކަމެއް ހޯދާފަ އެވެ. އޭނާގެ ފުރަތަމަ ހިންދީ ފިލްމަކީ އަކްޝޭ ކުމާރުގެ "ހައުސްފުލް 4" އެވެ. އެ ފިލްމު ވަނީ ބޮކްސް އޮފީހުގައި ބޮޑު ކާމިޔާބެއް ހޯދާފަ އެވެ. އަދި ކްރީތީގެ ދެ ވަނަ ފިލްމު "ޕާގަލްޕަންތީ" މިހާރު އޮތީ ރިލީޒް ވުމަށް ތައްޔާރުވެފަ އެވެ. އެހެންކަމުން ބޮލީވުޑްގައި ވެސް ކްރީތީ ރަނގަޅަށް ފައިތިލަ ސާބިތުކޮށްފި ކަމަށް ގިނަ ބަޔަކު ތިބީ ގަބޫލު ކޮށްގެންނެވެ.

ނަމަވެސް "ޗެހެރޭ"އިން އޭނާ ބޭރުކޮށްލުމުން އޭނަގެ ކެރިއަރާ މެދު ވަނީ ސުވާލުތައް އުފެދިފަ އެވެ.

ފިލްމު އިންޑަސްޓްރީގެ މީހަކު މައުލޫމާތު ދިން ގޮތުގައި ކްރީތީ އާއި އޭނާގެ ޓީމަކީ ވަރަށް ރުޅިގަދަކޮށް ހަޅޭއްލަވާ ބައެކެވެ. ކްރީތީގެ ތާރީޚްތައް ހަމަޖެއްސުމުގެ މަރުހަލާގައި ވެސް ވަރަށް ވަރުގަދައަށް އޭނާގެ ޓީމާއި "ޗެހެރޭ"ގެ ޕްރޮޑަކްޝަން ޓީމާ ދެމެދު އަރާރުންތައް ހިނގިކަމަށް ވެއެވެ. މި އަރާރުންތަކާ ހެދި ފިލްމުގައި ކްރިތީ ބައިވެރިކުރާނީތޯ ނުވަތަ ފިލްމުން އޭނާ ބޭރުކޮށްލާނީތޯ ނިންމަން މަޖްބޫރުވީ އެވެ. އެންމެ ފަހުން ނިންމީ ކްރީތީ އަށް ފިލްމު ނުދީ މުޅިން އާ ބަތަލާއެއް ފިލްމަށް ހޯދުމަށެވެ.

އަންނަ އޭޕްރީލް މަހު ޝޫޓިން ފަށަން ހަމަޖެހިފައިވާ މި ފިލްމަށް ރަނގަޅު ބަތަލާއަކު ހޯދުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށް ޚަބަރު ލިބެ އެވެ. ފިލްމުގެ ޝޫޓީން ވަރަށް އަވަހަށް ނިންމާލަން "ޗެހެރާ" އުފައްދާ ފަރާތުން ވަނީ ނިންމާފަ އެވެ.