ކުޅިވަރު

ފަސް އަހަރަށް ފަހު ޕޮޗެޓިނޯ ވަކިކޮށްފި

ޓޮޓެންހަމް ހޮޓްސްޕާސްގެ ކޯޗް ކަމުގައި ހުރި އާޖެންޓީނާގެ މައުރީޝިއޯ ޕޮޗެޓީނޯ ފަސް އަހަރަށް ފަހު އެ ޓީމުގެ ކޯޗް ކަމުން ވަކި ކޮށްފި އެވެ.

މިދިޔަ ސީޒަންގެ ހަތަރު ވަނަ މަގާމު ހޯދި ސްޕާސް މިވަގުތު އޮތީ 14 ވަނައިގަ އެވެ. އެ ކުލަބުގެ ޗެއާމަން ޑެނިއަލް ލެވީ ވިދާޅުވީ ކުލަބުގެ ހާލަތު ރަނގަޅު ކުރުމަށް ގެންނާން ޖެހިއްޖެ ކޮންމެ ބަދަލެއް ގެނައުމަކީ ކުލަބުގެ ބޯޑުން ފަސް ޖެހޭނެ ކަމެއް ނޫން ކަމަށެވެ. މިދިޔަ ސީޒަންގެ ޗެމްޕިއަންސް ލީގްގެ ފައިނަލަށް ދަތުރު ކުރި ކުލަބުގެ ޗެއާމަން ވިދާޅުވީ މިދިޔަ ސީޒަނުން ފެށިގެން ކުލަބުގެ ޑޮމެސްޓިކް ނަތީޖާތައް ދަށަށް ގޮސްފައިވާ ކަމަށެވެ.

މެއި 2014 ގައި ޓޮޓެންހަމްގެ ކޯޗް ކަމާ ހަވާލުވި ޕޮޗެޓިނޯ ވަނީ މިދިޔަ ފަސް އަހަރު ތެރޭ އެ ޓީމަށް ބޮޑެތި ކުރިއެރުންތަކެއް ހޯދައިދިފަ އެވެ. މިދިޔަ ހަތަރު އަހަރު ވެސް އެ ކުލަބު ނިންމާލީ ޕްރިމިއާ ލީގްގެ ގަދަ ހަތަރެއްގެ ތެރޭގަ އެވެ. ޒުވާން ކުޅުންތެރިން ޑިވެލޮޕްކޮށް އެ ކުޅުންތެރިންނާއެކު އޭނާ ވަނީ ބޮޑެތި ކާމިޔާބުތަކެއް ހޯދާފަ އެވެ.

ޕޮޗެޓިނޯގެ އެސިސްޓެންޓްގެ ގޮތުގައި މަސައްކަތް ކުރި އާޖެންޓީނާގެ ދެ އެސިސްޓެންޓް ކޯޗް ޖެސޫސް ޕެރޭޒް އާއި މިގްއެލް އަގޮސްޓިނޯ ވެސް ވަނީ ކުލަބު ދޫކޮށްލާފަ އެވެ. ޓޮޓެންހަމްގެ ކޯޗް ކަމަށް ދެން އަންނާނެ ކަމަށް ބެލެވެނީ، ހޯޒޭ މޮރީނިއޯ އެވެ.