ލައިފްސްޓައިލް

ދިވެހިި ކިމޯނޯ އެއް ދައްކާލައިފި

ޖަޕާނުގެ ސަގާފީ ހެދުމުގައި އާއްމުކޮށް ފެންނާނީ އެ ގައުމުގެ އެކިއެކި މާމެލާމެއްޔެވެ. ބަހާރު މޫސުމުގައި އެ ގައުމު އެއްކޮށް އެއް ކުލަ ކޮށްލާފައި އޮންނަ ޗެރީ ބްލޮސަމް ފިޔާތޮށި މާތަކުގެ ޕްރިންޓު މި ހެދުންތަކުން ފެނެ އެވެ. އެމީހުންގެ ގިނަ ކިމޯނޯ ކަލެކްޝަންތަކުގައި ހުންނަނީ މިކަހަލަ ޕްރިންޓުތަކެކެވެ.

އެހެން ނަމަވެސް، އިއްޔެ ޓޯކިޔޯގައި ބޭއްވި "އިމޭޖިން ވަން ވޯލްޑްސް ކިމޯނޯ ޕްރޮޖެކްޓު" ގެ ދަށުން "ފައިވް ކޮންޓިނެންޓް" ކިމޯނޯ ކަލެކްޝަން ޝޯގައި ރާއްޖެ ރަމްޒުވާނެހެން ކިމޯނޯ އެއް ދައްކާލި އެވެ.

ޖަޕާނުގެ އަކޭމީ ސަކައި ސްޕޮންސާކޮށް، ސެކިޔާ ޔުކީޑޭ ޑިޒައިން ކޮށްފައިވާ މި ކިމޯނޯއިން ދިވެހިވަންތަ ގިނަ ކަންތައްތަކެއް ފެނެ އެވެ. ކިމޯނޯގެ މެދަށްވާ ގޮތަށް އޮޅައިގެން ހަރުކޮށްފައި ހުންނަ ފޮތިގަނޑުގައި ފެންނަން ހުރީ ދިވެހި ރަތް ލިބާހުގެ ކަސަބު އެޅި ބޯވަޅެވެ. މި "އޮތައިކޯ" ފޮތިގަނޑު ފަހަތަށް ގެންގޮސް ގޮށެއް ޖަހާފައި އޮތް އިރު އެ ގޮށުގައި ކަނޑިކީގެ ކަޅާއި ހުދު ޕެޓާން ވެސް ފެނެ އެވެ.

މުޅި ކިމޯނޯއަށް އޮއްސާލާފައި އޮތީ ގައުމީ ފިޔާތޮށި ފިނިފެން މާތަކެވެ. ތިރިއަށް ރާއްޖޭގެ ކަނޑުތަކުން އާއްމުކޮށް ފެންނަ ރީތި ދޮން ބިބީވެސް ފެނެ އެވެ. ދިވެހި ދިދައިގެ ތިން ކުލައާއި ޒަމާންވީ ލިޔެލާ ޖެހުމުގެ ފުރިހަމަ މަސައްކަތުގެ ޑިޒައިންތައް ވެސް ކިމޯނޯގެ އެކި ތަންތަނުގައި ހިމަނާފައި ވެ އެވެ.

"އިމޭޖިން ވަން ވޯލްޑްސް ކިމޯނޯ ޕްރޮޖެކްޓު" އަކީ ޖަޕާނު ކިމޯނޯތަކުގައި އެހެން ގައުމުތައް ރަމްޒުވާނެ ގޮތަށް ދައްކާލުމަށް ކުރިއަށްގެންދާ ޕްރޮޖެކްޓެކެވެ. އެގޮތުން، އަންނަ އަހަރު ޓޯކިޔޯ އޮލިމްޕިކްސްގައި ބައިވެރިވާ 206 ގައުމުގެ ކިމޯނޯ މި ޕްރޮޖެކްޓުގެ ދަށުން ތައްޔާރު ކުރާނެ އެވެ.