ކުޅިވަރު

ތައިލެންޑްގެ ޔޫތު މުބާރާތަށް މާޒިޔާ އާއި ޓީސީ

އަންނަ މަހު ތައިލޭންޑްގައި ބާއްވާ އިންޓަނޭޝަނަލް ޔޫތު ކަޕްގައި ރާއްޖޭގެ މާޒިޔާ އާއި ޓީސީގެ އެކެޑެމީ ޓީމުތައް ބައިވެރިވާ ގޮތަށް ހަމަޖެހިއްޖެ އެވެ.

މިއަހަރު ޔޫތު ލީގްގެ 14 އަހަރުން ދަށުގެ މުބާރާތާއި 12 އަހަރުން ދަށުގެ މުބާރާތުގެ ޗެމްޕިއަންކަން ހޯދި މާޒިޔާގެ އެކެޑެމީގެ ޓީމު ވަނީ އިންޑިއާގެ ޗެންނާއިގައި މިއަހަރު ބޭއްވި އިންޓަނޭޝަނަލް ކަޕް އޮފް ޖޯއީގެ ޗެމްޕިއަންކަން ހޯދާފަ އެވެ.

ތައިލޭންޑްގެ މުބާރާތުގައި މާޒިޔާއިން އެއް ޓީމު ވާދަ ކުރަން ވަނީ ހަމަޖެހިފަ އެވެ. ޔޫތު ލީގްގެ 12 އަހަރުން ދަށުގެ ރަނަރަފް ޓީމު ޓީސީ އިން ދެ ޓީމެއް ތައިލެންޑްގެ މުބާރާތުގައި ބައިވެރި ވުމަށް ވަނީ ހަމަޖެހިފަ އެވެ.

މި އަންނަ މަހު ބާއްވާ މުބާރާތުގައި އޭޝިއާގެ 11 ގައުމަކުން ޔޫތު ޓީމުތައް ވާދަ ކުރާނެ އެވެ. އެއީ ޖަޕާން، ޗައިނާ، ހޮންކޮންގް، މެލޭޝިއާ، އިންޑޮނޭޝިއާ، ވިއެޓްނާމް، އިންޑިއާ ސިންގަޕޫރު، ލާއޯސް، ތައިލެންޑް އަދި ދިވެހިރާއްޖެ އެވެ.

އޭޝިއާގެ ފުޓްބޯޅައިގައި އެންމެ ކުރި އަރާފައިވާ ޖަޕާންގެ ފިޓާ އެކެޑެމީން ދެ އުމުރުފުރާއިން ތިންް ޓީމު ވާދަ ކުރުމަށް ވަނީ ހަމަޖެހިފަ އެވެ. މުބާރާތުގައި ތައިލޭންޑުން ބޭރުން އެންމެ ގިނަ ޓީމުތައް ބައިވެރި ވަނީ ޗައިނާއިންނެވެ. އެގައުމުގެ ބެއިޖިން ރެންހް އެފްސީ، ލޮކާ ފުޓްބޯލަ އެކެޑެމީން ދެ ޓިމު، ރޮކް އެފްސީން ދެ ޓީމު، ޒަހަންގް ޓޭ އެފްސީ، ޗޮންގްޝިންގް ޝައިކޭންގް އެފްސީ އަދި އެތުލެޓިކް އެފްސީ ވާދަ ކުރާނެ އެވެ.

ހޮންކޮންގުން އޭޝިއާ ޕެސިފިކް ފުޓްބޯޅަ އެކެޑެމީ މުބާރާތުގައި ވާދަ ކުރާނެ އެވެ. އަދި އެގައުމުގެ ޓައިޓަމް އެފްސީ ޓައިގާސްވެސް މުބާރާތުގައި ވާދަ ކުރާނެ އެވެ. މެލޭޝިއާގެ ޓީއެސްއެސް އެފްސީގެ ދެ ޓީމަކުން މުބާރާތުގައި ވާދަ ކުރުމަށް ވަނީ ހަމަޖެހިފަ އެވެ.