އުސޫލަށް ބަދަލު ގެނެސް ހައްޖު ކޯޕަރޭޝަންގެ ހައްޖު ކޯޓާގެ ފަސް ޕަސެންޓް ބޮޑެތި ބަލިތައް ތަހައްމަލުކުރާ މީހުނަށް ހާއްސަ ކުރަން ނިންމައިފި އެވެ.
އެ ކޯޕަރެޝަނުން ބުނީ ބޮޑެތި ބަލިތަކުގެ ގޮތުގައި ބަލަނީ ފުރާނައަށް ނުރައްކާވާފަދަ ބަލިތައް ތަހައްމަލު ކުރަމުންދާ ފަރާތްތައް ކަމަށާއި، އެފަދަ ފަރާތްތަކުން ލިއުމާއިއެކު އެ ކޯޕަރޭޝަނުން ކޮންމެ ހައްޖު މޫސުމަކާއި ދިމާކޮށް ކޯޓާއަށް ހުށަހަޅަން އާންމުކޮށް ހުޅުވާލާނެ ކަމަށެވެ.
ބޮޑެތި ބަލިތަކުގެ މީހުނަށް ހާއްސަ ކޯޓާގެ ފުރުސަތު ހުޅުވާލުމުން އެ ފަރާތަކީ އެފަދަ ބައްޔެއް ތަހައްމަލުކުރާ ފަރާތެއްކަން ބަޔާން ކޮށްފައިވާ ޑޮކްޓަރުގެ ލިޔުން ހުށަހަޅަން ޖެހެ އެވެ. އަދި ހުޅުވާލުމުން ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ހައްޖު ޖާގަ ލިސްޓަށް އަރާ ތަރުތީބުން އެ ފަރާތްތަކަށް ޖާގަ ދޭނެ އެވެ. ޖާގަ ދިނުމުގައި އެ ފަރާތެއްގެ ބަލި ހާލަތަށް ރިއާޔަތްކޮށް ގިނަ ވެގެން ދެ އެހީތެރިއަކަށް ޖާގަ ދެއެވެ.
ކޯޕަރޭޝަނުން އުސޫލަށް ގެނައި ދެވަނަ ބަދަލަކާއެކު ކަނޑައަޅާފައިވާ ޝަރުތުތައް ފުރިހަމަވާ ކުންފުނިތަކަށް މިހާރު އެ ކޯޕަރޭޝަންގައި ރަޖިސްޓްރީވެ މެންބަރުންނަށްވުމުގެ ފުރުސަތު ލިބެ އެވެ. އެ ބަދަލާއެކު ރާއްޖޭގައި ރަޖިސްޓްރީ ކޮށްގެން ހިންގާ ކުންފުނިތަކުން އެ ކުންފުނިތަކުގެ މުވައްޒަފުން ހައްޖަށް ފޮނުވަން ކޯޕަރޭޝަނުގައި ރަޖިސްޓްރީކޮށް ފައިސާ ދެއްކޭނެ އެވެ.
ރަޖިސްޓްރީ ކުރެވޭެނީ ސަރުކާރު ހިއްސާވާ ކުންފުނިތަކާއި ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ ކުންފުނިތަކުގެ ތެރެއިން ރަޖިސްޓްރީ ކުރި ފަހުން އަހަރު ހަމަވެފައިވާ، ވަޒީފާ އަދާކުރާ ދިވެހި މުވައްޒަފުންގެ އަދަދު 10 އަށްވުރެ މަދުނޫން ކުންފުނިތަކަށެވެ.