މާޒިޔާ

މާޒިޔާ ޔޫތުގެ ކާމިޔާބަށް ފެއްސާއި ހުދުން މަރުހަބާ

ރާއްޖެ އާއި ބޭރުގެ މުބާރާތްތަކުން ރަން ވަނަތަށް ހޯދި މާޒިޔާގެ ޔޫތު ޓީމުތައް ހޯދި ކާމިޔާބަށް ފެހި ސިގުނަލްގައި މަރުހަބާ ކިޔުމަށް ކުލަގަދަ ހަރަކާތެއް ބާއްވައިފި އެވެ.

މާޒިޔާގެ އެކެޑެމީގެ ޓީމުތަކުގެ ތެރެއިން 12 އަހަރުން ދަށާއި 14 އަހަރުން ދަށުގެ ޓީމު ވަނީ އެ ދެ ޓީމު ވާދަ ކުރި ޔޫތު ލީގްގެ ދެ ކެޓަގަރީން ޗެމްޕިއަންކަން ހޯދާފަ އެވެ. އަދި މާޒިޔާގެ 14 އަހަރުން ދަށުގެ ޓީމު ވަނީ މިއަހަރު އިންޑިއާގެ ޗެންނާއީގައި ބޭއްވި އިންޓަނޭޝަނަލް ކަޕް އޮފް ޖޯއީގެ ޗެމްޕިއަންކަން ހޯދާފަ އެވެ. އެ މުބާރާތުގެ ޗެމްޕިއަންކަން މާޒިޔާއިން ހޯދީ، ފައިނަލުގައި ބެންގަލޫރުގެ ބެންގަލޯރ ފުޓްބޯޅަ އެކެޑެމީގެ ޓީމު ބަލި ކުރުމަށް ފަހު އެވެ.

މި ކާމިޔާބުތައް ފާހަގަ ކުރުމަށް، ކުޅިވަރު އެކުވެނީގެ ޓާފް ދަނޑުގައި ބޭއްވި އިވެންޓުގައި ފުޓްބޯޅައިގެ ގިނަ ފަރާތްތަކުން ބައިވެރި ވެފަ އެވެ. އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް އާއި މާޒިޔާގެ ޗެއާމަން އަހްމަދު ސާޖިދު ބައިވެރިވެ ވަޑައިގެންނެވި ހަފުލާގެ އެންމެ ހާއްސަ މެހެމާނުންނަކީ މާޒިޔާއިން ޔޫތު ފުޓްބޯޅައިގައި ކާމިޔާބު ހޯދި ކުދިންނެވެ.

މި ހަފުލާގައި ވާހަކަ ދައްކަމުން ބައްސާމް ވިދާޅުވީ މާޒިޔާގެ ކޮންސެޕްޓަށް އެހެން ކުލަބުތަކުންވެސް މަސައްކަތް ކުރަން ޖެހޭ ކަމަށާއި ފުޓްބޯޅައިގެ ވާދަވެރި ކަމަކީ ދަނޑުމަތީގެ އިތުރުން ފުޓްބޯޅަ މެނޭޖުމެންޓްގައިވެސް އޮންނަން ޖެހޭ ކަމެއް ކަމަށެވެ.