ޓޫރިޒަމް

ރިސޯޓު އޮކިއުޕެންސީ 80 ޕަސެންޓަށްވުރެ މަތިވެއްޖެ

މި އަހަރުގެ ޓޫރިޒަމްގެ މައި ސީޒަންއާ ދިމާކޮށް، ރިސޯޓުތަކުގެ އޮކިއުޕެންސީ 80 ޕަސެންޓަށްވުރެ މަތިވެއްޖެ އެވެ.

ރާއްޖޭގެ އެންމެ ބޮޑު އެއް ރިސޯޓު ޗެއިން ކަމަށްވާ ވިލާ ހޮޓެލްސް ގްރޫޕް ޖެނެރަލް މެނޭޖަރު ގައިސަރު ނަސީމް ވިދާޅުވީ މި އަހަރުގެ މައި ސީޒަން ފެށިގެން މިދަނީ ވަރަށް ރަނގަޅަށް ކަމަށާ، ރިސޯޓުގެ އޮއުޕެންސީ އުޅެނީ ގާތްގަނޑަކަށް ފުލްކޮށް ކަމަށެވެ.

"ގާތްގަނޑަކަށް ފުލްކޮށް އުޅެނީ. މިދިޔަ އަހަރާ އަޅާ ބަލާނަމަ ވަރަށް ބޮޑުތަން ރަނގަޅުކޮށް ފެންނަނީ. މައިގަނޑު ސަބަބަކީ ޕޮލިޓިކަލް ސްޓެބިލިޓީ ރަނގަޅުވުން. އަނެއް ސަބަބަކީ މާކެޓިން ވެސް އިންޑަސްޓްރީ އާއި ސަރުކާރުން ވެސް ޖެއްސުން،" ގައިސަރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެ ރިސޯޓަށް އިންޑިއާ އިން އަންނަ މީހުންގެ އަދަދު މި އަހަރު މަދު ނަމަވެސް، ޔޫރަޕު މީހުންގެ އަދަދު ގިނަ ކަމަށެވެ.

"ޔޫރަޕު ގިނަވީމަ އެވްރެޖު ސްޓޭ ވެސް ވަނީ މަތިވެފައި. ހަމައެކަނި ޔޫރަޕެއް ނޫން. އޭޝިއާގެ އެހެން ގައުމުތަކުން ވެސް މީހުން އާދޭ،" ގައިސަރު ވިދާޅުވި އެވެ.

ރާއްޖޭގައި އެންމެ ގިނަ ރިސޯޓު ހިންގާ ކްރައުން އެންޑް ޗަމްޕާ ކުންފުނީން ވާހަކަ ދެއްކި އޮފިޝަލަކު ވިދާޅުވި ގޮތުގައި އެ ކުންފުނީގެ ރިސޯޓުތަކުގެ އޮކިއުޕެންސީ ވެސް 80 ޕަސެންޓަށްވުރެ މަތިވެފައިވެ އެވެ.

"އަޅުގަނޑުމެންގެ ރިސޯޓުތަކަށް ގިނައިން މި އަންނަނީ ޓްރެޑިޝަނަލް ޔޫރަޕިއަންސް. އެހެންވެ ސްޓޭ ވެސް އެވްރެޖު ގޮތެއްގައި 6.7 ނޫނީ 7 ގައި ހުރީ. އޮކިއުޕެންސީ ވެސް އުޅެނީ މަތީގައި،" އެ އޮފިޝަލް ވިދާޅުވި އެވެ.

އެނދު ގިނަވުމުން ގޮން ޖެހުން ބޮޑު

ރާއްޖޭގައި މިހާރު 155 ރިސޯޓު އޮތް އިރު ޖުމްލަ އެނދުގެ އަދަދު ވަނީ 50,905 އަށް އަރާފަ އެވެ. މިވަރަށް އެނދު ގިނަވުމުގެ ސަބަބުން ރިސޯޓުތައް ވިއްކުމުގައި ޓްރެވަލް އެޖެންޓުންނަށް ބޮޑެތި ގޮންޖެހުންތަކެއް ދަނީ ކުރިމަތިވަމުންނެވެ.

ރާއްޖޭގެ ފަސް ދޮޅަކަށް ވުރެ ގިނަ ރިސޯޓު ވިއްކާ، އިނަ މޯލްޑިވްސް ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު، އަބްދުﷲ ގިޔާސް ވިދާޅުވި ގޮތުގައި އެ ކުންފުނިން ވިއްކާ ރިސޯޓުތަކުގެ އޮކިއުޕެންސީ އުޅެނީ 80 ޕަސެންޓުން މަތީގައި ކަމަށެވެ.

"ރިސޯޓުތައް ގިނަވީމަ ޗެލެންޖިން ތަކެއް އެބަހުރި. އެކަމަކު ވެސް އޮކިއުޕެންސީ މި ފެންނަނީ ވަރަށް ރަނގަޅަށް. ގާތްގަނޑަކަށް 80 ޕްލަސްގައި މިހާރު އޮކިއުޕެންސީ ހުރީ،" ރާއްޖޭގެ ފަސް ދޮޅަކަށް ވުރެ ގިނަ ރިސޯޓު ވިއްކާ، ކުންފުނިން ވާހަކަ ދެއްކި އަބްދުﷲ ވިދާޅުވި އެވެ.

ރާއްޖެއަށް މަތީ ފަންތީގެ ޓޫރިސްޓުން ގެންނަ، ލެޓްސްގޯ ކުންފުނީގެ ވެރިޔާ، މުހައްމަދު ރިޔާޒު ވިދާޅުވި ގޮތުގައި ވިއްކަން ޗެލެންޖުތަކެއް ހުރި ނަމަވެސް މި ސީޒަންގައި އޮކިއުޕެންސީ ރަނގަޅުވެފައިވާ ކަމަށެވެ.

"އަޅުގަނޑުމެން މި ގެންނަނި ހައި އެންޑް މީހުން ގިނައިން. މި މާކެޓު މި ބެލެވެނީ ވަރަށް ރަނގަޅު ކަމަށް. ނޮވެމްބަރު މަސް ވެސް މިދިޔައީ ވަރަށް ރަނގަޅަށް. ގިނަ ތަންތަނުގެ އޮކިއުޕެންސީ އުޅެނީ ވަރަށް މަތިކޮށް،" ރިޔާޒު ވިދާޅުވި އެވެ.

ޓޫރިޒަމް މިނިސްޓްރީގެ ހިސާބުތައް ދައްކާ ގޮތުގައި މި އަހަރުގެ އޮކްޓޫބަރު މަހުގެ ނިޔަލަށް 1.4 މިލިއަން ޓޫރިސްޓުން އައިސްފައިވެ އެވެ. އަދި މިމަހު ތެރޭގައި 1.5 މިލިއަން ޓޫރިސްޓުން އަންނާނެ ކަމަށް ސަރުކާރުން ބުނެފައިވެ އެވެ.