ޑރ. އަފްރާޝީމް އަލީގެ މަރުގެ މައްސަލާގައި ދޮގު މައުލޫމާތު ދެއްވި ކަމަށް ބަލައި ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދަށް ފިޔަވަޅު އެޅުމަށް ރައްޔިތުންގެ މަޖިލީހުގެ ސަލަމަތީ ހިދުމަތްތަކާބެހޭ ކޮމިޓީއިން ނިންމައިފި އެވެ.
ކޮމިޓީއިން އެގޮތަށް ނިންމާފައިވަނީ އަފްރާޝީމް އަލީގެ މަރާ ގުޅިގެން ރިޔާސީ ކޮމިޝަނުން އެކުލަވާލި ރިޕޯޓް ދިރާސާ ކުރުމަށް ހެދި ރިޕޯޓްގަ އެވެ.
ރިޕޯޓްގައި ބުނެފައިވަނީ ރިޕޯޓަށް ދޮގު މައުލޫމާތު ދިން މީހުންނާއި މައުލޫމާތު އެނގި ތިބެ ސިއްރު ކުރި މީހުންނާއި މައުލޫމާތު ދިނުމަށް ލަސްކުރި މީހުންނަށް ލަސްނުކޮށް ފިޔަވަޅު އަޅަން ޖެހޭ ކަމަށެވެ. ފިޔަވަޅު އެޅުމަށް ކޮމިޓީއިން ލަފާދޭ މީހުންގެ ލިސްޓްގެ ޝަހީމްގެ ނަން ހިމެނެ އެވެ.
ކޮމިޝަންގެ ރިޕޯޓްގައި ޝަހީމަށް މީހަކު ފޮނުވާފައިވާ ޓެކްސް މެސެޖެއްގައި އަފްރާޝީމް "ރުޖޫއަވެ މީޑިއާގައި މައާފަށް އެދިވަޑަައިގެން ތައުބާ ވެއްޖެނަމަ ކިތަންމެހާ ވެސް ރަނގަޅު" ކަމަށް އޮތް ކަމަށް ބުނެ އެވެ. އަދި ޝަހީމް އެ މެސެޖް އަފްރާޝީމަށް ފޯވާޑް ކޮށްފައިވާ ކަމަށް ވެސް ބުނެ އެވެ.
ކޮމިޝަނަށް ޝަހީމް ދެއްވާފައިވާ ބަޔާނުގައިވާ ގޮތުން އަފްރާޝީމް އަވަހާރަކޮށްލި ދުވަހުގެ ރޭގެ ކުރިން އެ ދުވަހުގެ މެންދުރު އިސްލާމީ މަރުކަޒަށް އަފްރާޝީމް ވަޑައިގަތީ އޭނާގެ އެދިވަޑައިގަތުމުގެ މަތިންނެއް ނޫނެވެ. އަދި މެސެޖް ޝަހީމަށް ފޮނުވީ ކޮން ފަރާތަކުންތޯ ސުވާލު ކުރުމުން އެއީ ކާކުކަން ހަނދުމަފުޅުގައި ނެތް ކަމަށް ކޮމިޝަނަށް ވިދާޅުވި ކަމަށް ވެސް ރިޕޯޓްގައި ބުނެ އެވެ.
އެކަމަކު ޝަހީމާއި އެ މީހާ އަފްރާޝީމާ ދެމެދު މެސެޖް މެދުވެރިކޮށް ކޮށްފައިވާ މުއާމަލާތްތަކަށް ބަލާއިރު، ޝަހީމް ކޮމިޝަނަށް ދެއްވީ ތެދު މައުލޫމާތެއް ނޫން ކަމަށް ރިޕޯޓްގެ ހުލާސާ ހާމަ ކުރައްވަމުން ރައްޔިތުންގެ މަޖިލީހުގެ ރައީސް ނަޝީދު ވިދާޅުވެފައިވެ އެވެ.
ޝަހީމަށް އެފަދަ ތުހުމަތުތަކެއް ކޮށްފައިވާތީ ރާއްޖޭގެ ވަރަށް ގިނަ އިލްމުވެރިން ވަނީ ޝަހީމްގެ ދިފާއުގައި ވާހަކަދައްކަވާފައެވެ. އަދި މީހަކު މެރުމަށް ހިތްވަރު ދިނުން ފަދަ އެއްވެސް އަމަލެއް ޝަހީމް ނުކުރައްވާނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް އެ އިލްމުވެރިން ވިދާޅުވިއެވެ.