މަސްތުވާތަކެތި

5.6 މިލިއަން ރުފިޔާގެ ޑުރަގް އަތުލައިގެންފި

Nov 22, 2019

ވައިގެ މަގުން ބްރެޒިލުން ރާއްޖެ އައި ދެ މީހެއްގެ އަތުން މަސްތުވާތަކެތި ކަސްޓަމުން އަތުލައިގެންފި އެވެ. އެ ދެ މީހުން މަސްތުވާތަކެތި އެތެރެކުރަން އުޅެފައިވަނީ ދިރުވާލައި ހަށިގަނޑުގެ އެތެރޭގައި ފޮރުވައިގެންނެވެ.

ކަސްޓަމުން ބުނި ގޮތުގައި މީގެ ތެރެއިން ފުރަތަމަ މީހާއަކީ 42 އަހަރުގެ ފިރިހެނެކެވެ. އޭނާ ރާއްޖެއައީ މިދިއަ މަހުގެ ހަވަނަ ދުވަހު އެވެ. އޭނާ ބަލާ ފާސް ކުރިއިރު، ހަށިގަނޑުގެ އެތެރޭގައި މަސްތުވާތަކެތި ފޮރުވާފައިހުރި ކަމަށް ޝައްކު ކުރެވިގެން ބެލިއިރު، އޭނާގެ ހަށިގަނޑުގެ ތެރެއިން މަސްތުވާތަކެތި ފެނުނެވެ. އެ ތަކެތި ކަސްޓަމްސް އިން ތަހުލީލު ކުރިއިރު ކޮކެއިންއަށް ޕޮޒިޓިވް ވި އެވެ. އޭނާގެ އަތުން އަތުލި މަސްތުވާތަކެތީގެ ބަރުދަނުގައި ޕެކިންއާއެކު 837.2 ގްރާމް ހުއްޓެވެ.

ދެވަނަ މީހާ ރާއްޖެ އައިސްފައިވަނީ މިދިއަ މަހުގެ 25 ގަ އެވެ. އެއީ 29 އަހަރުގެ މީހެކެވެ. ކަސްޓަމުން އޭނާ ބަލާ ފާސް ކުރިއިރު، ހަށިގަނޑުގެ އެތެރޭގައި މަސްތުވާތަކެތި ފޮރުވާފައިހުރި ކަމަށް ޝައްކުކުރެވިގެން އިތުރަށް ބެލިއިރު، އޭނާގެ ހަށިގަނޑުގެ ތެރެއިން މަސްތުވާތަކެތި ވަނީ ފެނިފައެވެ. އެ ތަހުލީލު ކުރިއިރު ކޮކެއިންއަށް ޕޮޒިޓިވި އެވެ. އެ މަސްތުވާތަކެތީގެ ބަރުދަނުގައި ޕެކިންއާއެކު ޖުމްލަ 765.5 ގްރާމް ހުއްޓެވެ.

މި ދެ މީހުން އަތުން އަތުލައިގަތް އިރު މަސްތުވާތަކެތީގެ ޖުމްލަ ބަރުދަނުގައި 1.60 ކިލޯ ހުރިއިރު މިތަކެތީގެ މަގުމަތީ އަގު ގާތްގަނޑަކަށް 5.6 މިލިއަން ރުފިޔާއަށް އަރަ އެވެ.

މި މައްސަލައިގައި ހިމެނޭ ދެ މީހުނާއި އަތުލައިގަތް މަސްތުވާތަކެތި ވަނީ ފުލުހާ ހަވާލުކޮށްފަ އެވެ.