މޯލްޑިވްސް ޕޮލިސް ސާވިސް

ވަޅި ހަރާ ޒަހަމްކޮށް ކަނޑަށް އެއްލާލި ޒުވާނެއްގެ ހާލު ސީރިއަސް

މާރާމާރީއެެއްގައި ވަޅިން ހަމަލާދީ ވަރަށް ބޮޑަށް ޒަހަމްކޮށްލުމަށްފަހު ކަނޑަށް އެއްލާލާފައިވާ ޒުވާނެއްގެ ހާލު ސީރިއަސްވެ ފަރުވާއަށް މާލެ ގެނެސްފި އެވެ.

އެނގިފައިވާ ގޮތުގައި މިއީ ދޯންޏެއްގެ ތެރޭގައި ހިނގާދިޔަ މާރާމާރީ އެކެވެ. އަދި ސީރިއަސް ޒަހަމްތަކެއް ލިބުނު ޒުވާނާއަށް ވަޅިން ހަމަލާދީ ކަނޑަށް އެއްލާލުމުން އޭނާ ފަތާފައި ގޮސް މާޅޮހަށް އެރީއެވެ.

ފުލުހުން ބުނީ އޭނާގެ ގައިގައި ވަޅި އެޅުމަށް ފަހު، ކަނޑަށް އެއްލާލާފައިވާ ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ. އަދި ސިފައިންގެ އެހީތެެރިކަމާއެކު އޭނާ މިހާރު މާލެ ގެނެސް އައިޖީއެމް ހޮސްޕިޓަލްގައި ފަރުވާ ދެމުންދާ ކަމަށެވެ.

ފުލުހުން އިތުރު ތަފްސީލެއް ނުދީ ބުނެފައިވަނީ 26 އަހަރުގެ އެ ޒުވާނާއަށް ހަމަލާދިން މައްސަލަ އާއި ގުޅިގެން ސުވާލުކުރަންޖެހޭ ފަރާތްތަކާ ސުވާލުކުރަމުންދާ ކަމަށެވެ.

މާޅޮހު ކައުންސިލުން ބުނީ ލަނޑާ ނަގާ ދޯންޏެއްގައި ހިނގި މާރާމާރީގައި ޒަހަމްވި މީހާ އެ ރަށައް އެރީ ރޭ މެންދަމުގެ ވަގުތެއްގައި ކަމަށެވެ. އަދި އެމީހާ ފަރުވާއަށް މަރުކަޒަށް ގެންގޮސްފައިވަނީ ރަށުގެ ދެ މީހަކަަށް އޭނާ ފެނިގެންނެވެ. އެއީ މެންދަމު 3:00 އެހާކަން ހާއިރެވެ.

މާރާމާރީގައި ޒަހަމްކޮށްލާފައިވަނީ މަޑުއްވަރީ އަށް ނިސްބަތްވާ ޒުވާނެކެވެ.