ޕީޕީއެމް

އެމްޕީ ހުސައިން އަލުން ޕީޕީއެމަށް

ފަރެސްމާތޮޑާ ދާއިރާގެ މެންބަރު ހުސައިން މުހައްމަދު ލަތީފު އިދިކޮޅު ޕީޕީއެމާއި އަލުން ގުޅިވަޑައިގެންފި އެވެ.

މެންބަރު ހުސައިން ޕީޕީއެމާއި ގުޅިވަޑައިގެންފައިވަނީ މިރޭ ޕީޕީއެމް / ޕީއެންސީން "ހިބަރުވަދު" ގެ ނަމުގައި ބާއްވަމުންދާ ޖަލްސާގަ އެވެ.

އޭނާ ވަނީ ރައީސް ޔާމީނަށް "ސަޕްރައިޒެއް" ދެއްވުމުގެ ގޮތުން ކަމަށް ވިދާޅުވެ ޕީޕީއެމަށް ސޮއި ކުރައްވާފައިވާ ފޯމް އެމަނިކުފާނާއި މިރޭ ހަވާލު ކުރައްވާފަ އެވެ.

ހުސައިންއަކީ މިދިޔަ 18 ވަނަ ރައްޔިތުންގެ މަޖިލީހުގައި ވެސް ޕީޕީއެމަށް ނިސްބަތްވެ ވަޑައިގެންނެވި މެންބަރެކެވެ. އަދި ރައީސް ޔާމީންގެ އަރިސް ބޭފުޅެކެވެ. ނަމަވެސް ރިޔާސީ އިންތިޚާބުގައި ޕީޕީއެމް ބަލިވެ، އެ ޕާޓީގެ ލީޑާޝިޕަށް ބަދަލު އަންނަން ޖެހޭ ކަމަށް ވިދާޅުވެ ރައީސް ޔާމީނަށް އޭނާ ފާޑުވިދާޅުވެ ވާހަކަފުޅު ދެއްކެވި އެވެ. އޭގެ ފަހުން އޭނާ ޖުމްހޫރީ ޕާޓީއާ ވެސް ގުޅިވަޑައިގެންނެވި އެވެ.

ނަމަވެސް 19 ވަނަ މަޖިލީސް އިންތިޚާބުގައި އޭނާ ވާދަ ކުރެއްވީ އަމިއްލަ މެންބަރެއްގެ ގޮތުގައެވެ. މިރޭ ޕީޕީއެމާއި ގުޅިވަޑައިގަތުމާއި ހަމައަށް އޭނާ މަޖިލީހުގައި ތަމްސީލް ކުރެއްވީ އަމިއްލަ މެންބަރެއްގެ ގޮތުގައެވެ.