އަފްރާޝީމް ރިޕޯޓް

ސިޔާސީ މޮޅު ހޯދަން ކޮމިޓީގެ އޮޅުންބޮޅުމެއް!

ދައުލަތުގެ ސަލާމަތީ ހިދުމަތްތަކަށް ރައްޔިތުންގެ މަޖިލީހުގައި އޮންނަ 241 ކޮމިޓީ އަކީ ގާނޫނު އަސާސީން މަޖިލީހުގައި އޮންނަން ޖެހޭނެ ކަމަށް ލާޒިމު ކުރާ ކޮމިޓީއެކެވެ. މަޖިލީހުގެ އެހެން ކޮމިޓީތަކާ ހިލާފަށް އެ ކޮމިޓީ އެހާ މުހިއްމު ވަނީ ވެސް އެ ސަބަބަށްޓަކަ އެވެ. ކޮމިޓީގެ މަސްއޫލިއްޔަތުތަކުގެ ތެރެެއަށްދާ މައްސަލަތަކީ ހައްސާސް އަދި ގައުމީ ސަލާމަތާ ގުޅުން ހުރި ބޮޑެތި މައްސަލަތަކެވެ.

މިހާރު އޮތް 19 ވަނަ މަޖިލީހުގައި ވެސް އެފަދަ ބޮޑެތި މައްސަލަތަކެއް އެ ކޮމިޓީގައި ވަނީ ބަލައި ދިރާސާ ކޮށްފަ އެވެ. ނިމުނު ހަފުތާގައި އެ ކޮމިޓީން ދިރާސާކޮށް ނިންމަން އަމާޒު ކުރީ އިންސާފެއް ނުލިބި އެތައް އަހަރަކަށް މަޑުޖެހިފައިވާ ބޮޑު މައްސަލައެއްގެ ރިޕޯޓަށެވެ. އެއީ ޑރ. އަފްރާޝީމް އަލީގެ މަރުގެ މައްސަލާގައި ރިޔާސީ ކޮމިޝަނުން ކުރި ތަހުގީގު މައްޗަށް ތައްޔާރު ކުރި ރިޕޯޓެވެ.

ދީނީ އިލްމުވެރިޔާ އަދި މަޖިލީހުގެ ކުރީގެ މެންބަރު އަފްރާޝީމްގެ ގަތުލާ ގުޅިގެން ހަތް ކަމެއް ދިރާސާ ކުރުމުގެ ގޮތުން އެ ކޮމިޓީގެ ތެރެއިން ތިން މެންބަރުންގެ ސަބް ކޮމިޓީއެއް ނަގާފައި ވެއެވެ. އެއީ ހެންވޭރު ހުޅަނގު ދާއިރާގެ އެމްޑީޕީގެ މެންބަރު ހަސަން ލަތީފާއި، މަޑުއްވަރީ ދާއިރާގެ ޕީއެންސީގެ މެންބަރު އާދަމް ޝަރީފު އުމަރު އަަދި ފަރެސްމާތޮޑާ ދާއިރާގެ މެންބަަރު ހުސައިން މުހައްމަދު ލަތީފެވެ.

ސަބް ކޮމިޓީގެ މުގައްރިރުގެ ހައިސިއްޔަތުން ހަސަން ލަތީފު ސޮއި ކުރައްވައި މައި ކޮމިޓީއަށް ގެންދިޔަ ރިޕޯޓްގައި އޮތީ އަފްރާޝީމް އަލީގެ މަރުގެ ރިޕޯޓްގައި، ޓެރަރިޒަމަށް ވާގި ދޭ ކަމަށް ތުހުމަތު ކުރެވޭ ޖަމިއްޔާތަކަށް ފިޔަވަޅު އެޅުމަށް ލަފާ ދޭށެވެ. އޭގެ ތެރޭގައި ސަލަފު ޖަމިއްޔާ ހިމެނެ އެވެ. އެ ޖަމިއްޔާއަށް ފިޔަވަޅު އަޅަން އެމްޑީޕީގެ މެންބަރުން ގޮވާލުމުންދާއިރު މަޖިލީހުގެ ޕީޕީއެމްގެ މެންބަރުން ވިދާޅުވަނީ އެ ކަން ކޮށްގެން ނުވާނެއޭ އެވެ. އަނެއްކޮޅުން އެ ސަބު ކޮމިޓީގައި އޮތީ ވެސް އިދިކޮޅުގެ މެޖޯރިޓީ އެވެ.

މީޑިއާއަށް ސިއްރުން ކުރިއަށް ދިޔަ ކޮމިޓީގެ މަސައްކަތާ ގުޅިގެން މީޑިއާގެ ކުރިމަތީގައި އާދަމް ޝަރީފާއި ހުސައިން މުހައްމަދު ލަތީފް ވިދާޅުވަމުން ގެންދެވީ ސަބް ކޮމިޓީގެ މަސައްކަތް ކުރިއަށް ގެންގޮސް ރިޕޯޓް އެކުލަވާލީ އެ ބޭފުޅުންގެ ބައިވެރިވުމާއި ބަހެއް ވެސް އެކަމުގައި ނެތި ހަސަން ލަތީފު އެކަނި އިންނަވައިގެނެވެ.

އެއީ ކިހިނެއްވާ ކަމެއް ހެއްޔެވެ؟ ގައިމު ވެސް އެއީ މަޖިލީހުގެ ގަވާއިދު ތަން ދޭނެ ކަމެއް ނޫނެވެ. އެފަދަ މައްސަލައެއްގައި އަމުދުން އެ ގޮތަށް އަމަލު ކޮށްގެން ވެސް ނުވާނެ އެވެ.

"އަޅުގަނޑު އެކަން ކުށްވެރި ކުރަން. ސަބް ކޮމިޓީން ނިންމި ކަމަށް ބުނާ އެ ރިޕޯޓަކީ އަޅުގަނޑުމެން ގަބޫލު ކުރާ ގޮތުގައި އެއާ އެއްގޮތަށް އަމަލު ކުރެވިގެން ވާނެ ރިޕޯޓެއް ނޫން. ތިން މީހުން ހިމެނޭ ކޮމިޓީއެއްގައި އަޅުގަނޑުމެން އެ އިތުރަށް ކިޔައި ވާހަކަ ދައްކައި އަދި އެއަށް ކޮމެންޓެއް ކުރުމެއް ނެތި އަދި ތިން މީހުންގެ ތެރެއިން ދެ މީހަކު އެއަށް އެއްވެސް ގޮތަކަށް ވޯޓެއް ދީ ފާސްކޮށްފައި ނެތް އެއްޗެއްގެ މައްޗަށް ބިނާކޮށްގެން މަސައްކަތް ކުރުމަކީ ވެސް މީގެ ނުރަނގަޅު ނިޔަތެއްގައި ކުރެވޭ މަސައްކަތެއް ކަމަށް ބެލެވެނީ،" އާދަމް ޝަރީފް ވިދާޅުވި އެވެ.

ސިއްރުކޮށްގެން ކުރިއަށް ދިޔަ ސަބް ކޮމިޓީތަކާ ގުޅިގެން އާދަމް ޝަރީފާއި ހުސައިން ދެއްކެވި ވާހަކަތަކަށް ބަލާއިރު، ބައިވެރިވުން އޮތް ކަމަށް ހަމައެކަނި އެއްބަސްވެފައި ވަނީ ސަބް ކޮމިޓީގެ ތިން ބައްދަލުވުމަށް މަޖިލީހުގެ އިދާރާއިން އެ ބޭފުޅުންނަށް އެންގުމުން ބައެއް ބައްދަލުވުންތަކުގަ އެވެ. އެކަމަކު ރިޕޯޓް ފައިނަލް ކުރުމުގައި ބައިވެރިއެއް ނުކުރެ އެވެ. އެ ކަމާ ގުޅިގެން ހަސަން ލަތީފު އިހްތިޔާރު ކުރެއްވީ ހަނު ހުންނެވުމެވެ. އެއީ ސިއްރު ކޮމިޓީއަކަށްވާތީ ކަމަށް ވިދާޅުވެ އެވެ.

ހުޅުވާލި ކޮމެޓީން އެހެން މަންޒަރެއް

ސަބް ކޮމިޓީގެ މައްސަލަ ބޮޑުވެފައި ވަނިކޮށް، 241 ކޮމިޓީގެ އިތުރު ބައްދަލުވުމެއް މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި އެވެ. އެޖެންޑާގައި އޮތީ އަފްރާޝީމްގެ މަރުގެ ރިޕޯޓާ ގުޅިގެން ފާސްކުރި ކޮމިޓީގެ ފައިނަލް ރިޕޯޓްގައިވާ ރެކޮމެންޑޭޝަންތައް އަމަލު ކުރާނެ ގޮތަކާ މެދު މަޝްވަރާ ކުރުމެވެ. އެކަމަކު ކުރިން ވެސް ބެލެވުނު ގޮތަށް ޓީވީން ލައިވްކޮށްގެން ދެއްކި އެ ކޮމިޓީގައި ކުރެވުނީ ސަބް ކޮމިޓީ ކުރިއަށް ދިޔަ ގޮތުގެ ވާހަކަ އެވެ.

ކޮމިޓީގައި ފުރަތަމަ ވާހަކަ ދެއްކެވީ ހަސަން ލަތީފެވެ. އޭނާ މަސައްކަތް ކުރެއްވީ ސަބް ކޮމިޓީގެ މަސައްކަތްތައް ތަފްސީލް ކޮށްދޭށެވެ.

"ފުރަތަމަ ބައްދަލުވުމަށް ހާޒިރުވީ މަޑުއްވަރީ ދާއިރާގެ މެންބަރާއި އަޅުގަނޑާ، ތިން މެންބަރުންގެ ކޮމިޓީއެއްވީމަ ދެ މެންބަރުން ހަމަވުމުން އެ ކޮމިޓީ ބޭއްވޭ، ދެން ހަތް ނުކުތާގެ ތެރެއިން ފަސް ނުކުތާގައި ހިމެނޭ މީހުންގެ ނަންތައް ލިސްޓް ކުރަން އަމީންއާންމު އަރިހު ދަންނަވައިގެން އިތުރު އިދާރީ މުވައްޒަފުން ހަމަޖައްސައިގެން ކުރީ، އިދާރީ ރިޕޯޓް އެކުލަވާލުމުން އޭގައިވާ ކަންކަން ބަލައި މަޝްވަރާ ކުރީ ދެން ބޭއްވި ބައްދަލުވުމުގައި، ހާޒިރީއަކީ އަނެއްކާ ވެސް އަޅުގަނޑާއި މަޑުއްވަރީ ދާއިރާގެ މެންބަރު،"

ތިންވަނަ ބައްދަލުވުމުގެ ހާޒިރީއަކީ ހުސައިން މުހައްމަދު ލަތީފާއި ހަސަން ލަތީފެވެ. އެ ބައްދަލުވުގައި މުޅި ރިޕޯޓް ފައިނަލްކޮށް ނިންމި އެވެ.

ހަސަން ލަތީފް ވިދާޅުވި ގޮތުގައި، މެންބަރު ހުސައިން ބައިވެރިވެ މައްސަލައެއް ނެތް ކަމަށް އޭނާ އެއްބަސްވެގެން ފައިނަލް ކުރި ރިޕޯޓެކެވެ.

"އަކުރުން އަކުރަށް ރިޕޯޓްގައިވާ ކަންކަން އަޅުގަނޑު ދެންނެވިން، އަދި ރިޕޯޓްގައި މައްސަލައެއް އޮތްތޯ ދެންނެވިން، އެއްވެސް ވަރަކަށް ރިޕޯޓަށް އިއުތިރާޒެއް ނުކުރޭ،"

ކޮމިޓީގައި ކަންކަން ފާސްކުރާނީ ދެ އުސޫލުންނެވެ. އެއީ ބައެއް މެންބަރުން އެ ކަމަކަށް އިއުތިރާޒު ކުރާނަމަ ވޯޓަށް އަހައިގެން ކޮމިޓީގެ އަޣުލަބިއްޔަތު އެއްބަސްވާ ގޮތަކަށް ފާސްކުރުމެވެ. އަދި ކޮމިޓީގެ އެއްވެސް މެންބަރަކު އިއުތިރާޒު ނުކުރާނަމަ، އެ ހިސާބުން އެ ކަމެއް ފާސް ކުރެވޭނެ އެވެ.

ހަސަން ލަތީފަށް ފަހުން އާދަމް ޝަރީފް ވާހަކަ ދެއްކެވި އެވެ. މީގެ ކުރިން މީޑިއާގައި ވެސް ދެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ކަމަށް ވިދާޅުވި ކަން ފާހަގަ ކުރައްވައި ވިދާޅުވި ގޮތުގައި އޭނާގެ ކަންބޮޑުވުމަކީ ކޮމިޓީގެ ހުރިހާާ މެންބަރުންގެ ބަސް އޮވެގެން އެ ރިޕޯޓް ފާސް ކޮށްފައި ނެތުމެވެ.

އެމްޑީޕީގެ މެންބަރުން އާދަމް ޝަރީފްގެ ވާހަކަައަށް ހިތްހަމަނުޖެހުން ފާޅު ކުރަން ފެއްޓެވި އިރު އެ ކޮމިޓީގައި ހިމެނި ވަޑައި ނުގަންނަވާ ނައިފަރު ދާއިރާގެ ޕީޕީއެމްގެ މެންބަރު އަހްމަދު ޝިޔާމާއި މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު ކޮމިޓީ ރޫމްގައި އަޑުގަދަ ކުރެއްވި އެވެ.

ކޮމެޓީ ރޫމްގެ ޒުވާބުގައި އެމްޑީޕީގެ މެންބަރުން ވިދާޅުވި ގޮތުން ރިޕޯޓް ފައިނަލް ކުރުމުގައި އާދަމް ޝަރީފާއި ހުސައިން މުހައްމަދު ލަތީފް ބައިވެރިވެ ވަޑައިގަތެވެ. މައި ކޮމިޓީގައި ވެސް ބައިވެރިވެ ވަޑައިގަތެވެ.

"އާދަމް ޝަރީފް އޮތީ ވޯޓު ދެއްވާފައި. ހުސައިން މުހައްމަދު ލަތީފް ރިޔާސަތުގައި އިނދެގެން ނިންމާފައި އިން އެއްޗެއް މިއީ. މި އޮތީ ކޮމިޓީ ރިޕޯޓާއި ބައްދަލުވުމުގެ ހާޒިރީއާ ޔައުމިއްޔާ،" ހަސަން ލަތީފު ވިދާޅުވި އެވެ.

އިދިކޮޅު މެންބަރުންގެ ޒުވާބަށް މަޑުޖެހުމެއް އައީ ހުސައިން މުހައްމަދު ލަތީފް ރިޔާސަތާ ހަވާލުވެވަޑައިގަތުމުންނެވެ. އޭނާއަކީ 241 ކޮމިޓީގެ ނައިބު މުގައްރިރެވެ. އެ ކޮމިޓީގެ މުގައްރިރު އަދި އެމްޑީޕީގެ މެންބަރު މުހައްމަދު އަސްލަމް ހާޒިރުވެ ވަޑައެއް ނުގަންނަވަ އެވެ.

މީގެ ކުރިން އުސޫލުތަކާ ހިލާފަށް ސަބް ކޮމިޓީ އެކުލަވާލި ކަމަށް މީޑިއާގައި ވިދާޅުވި ހުސައިން ފާހަގަ ކުރައްވަނީ އެހެން ކަމެކެވެ. މަޖިލީހުގައި ކަން ކުރާ އިދާރީ އުސޫލެއް ސާފު ނުވާތީ އެވެ. ފައިނަލް ރިޕޯޓަށް ވޯޓަށް އެހީ އެކަން ސާފު ކުރެއްވުމަށް ފަހު އެވެ.

ސަބް ކޮމިޓީގެ މަސައްކަތަކީ އެ ކޮމިޓީއެއްގެ މެންބަރުންގެ ކޯރަމް ހަމަކޮށްގެން މައި ކޮމިޓީން ހަވާލު ކުރާ ކަމެއް ނިންމައި މައި ކޮމިޓީއަށް ގެނައުމެވެ. އެ ހިސާބުން ސަބް ކޮމިޓީގެ ދައުރު ނިމުނީ އެވެ. ދެން އޮންނާނީ މައި ކޮމިޓީގައި އެ ކަމާ ބަހުސްކޮށް ދިރާސާ ކުރުމަށްފަހު ގޮތެއް ނިންމުމެވެ. ވޯޓަށް އަހައި ފާސް ކުރާނީ މައި ކޮމިޓީން އެންމެ ފަހުން ފައިނަލް ކުރާ ރިޕޯޓެވެ.

ސިއްރުކޮށްގެން ބޭއްވި މައި ކޮމިޓީގެ ބައްދަލުވުމުގެ ޔައުމިއްޔާއާއި ފައިނަލް ރިޕޯޓް ދައްކާ ގޮތުން އާދަމް ޝަރީފް ވަނީ އެ ރިޕޯޓް ފާސް ކުރަން ފެންނަ ކަމަށް ވޯޓު ދެއްވާފަ އެވެ. އަދި ރިޔާސަތު ބެލެހެއްޓެވީ ހުސައިން މުހައްމަަދު ލަތީފެވެ. ފާސްކު ރަން ވޯޓަށް އަހާނީ ރިޔާސަތުގައި އިންނަވާ ބޭފުޅެކެވެ. ބައިވެރިވެވޭނީ މި ވަރަށެވެ. އެމްޑީޕީއާއެެކު އިދިކޮޅު ވެސް ބައިވެރިވީ ނޫންތޯ އެވެ؟

އިދިކޮޅު މެންބަރުން މަރު ކޮމިޝަންގެ ރިޕޯޓާ މެދު ސުވާލެއް އުފެއްދެވި އެވެ. ރިޕޯޓްގެ ސައްހަކަން ބަލަން ހުށަހެޅުއްވި އެވެ. އެ ކަން ކުރަން މަރު ކޮމިޝަންގެ ބޭފުޅުން ހާޒިރު ކުރަން ޖެހޭނެ ކަމަށް ވިދާޅުވެ އެވެ. އެކަމަކު އެމްޑީޕީގެ މެންބަރުން ވިދާޅުވީ މަސައްކަތް ލަސް ނުކުރެވޭނެއޭ އެވެ.

"އެ [ސިއްރު] ބައްދަލުވުން ކުރިއަށް ދިޔައިރު އަދި އެ ވޯޓާ ހަމައަށް ދިޔައިރު ވެސް އެ ހިސާބަށް ވޯޓު ދޭން ދިޔައިރު ވެސް އެއްވެސް އިހްތިޖާޖެއް ކޮށްފައި ނުވާ ކަން ވަރަށް ސާފު، ކޮންމެހެނެއް މިހާރު ކޮމިޝަން އަލުން އަނބުރާ މި ތަނަށް ގެނެސްގެނެއް މި މަސައްކަތް ފަސް ކުރާކަށް ލަސް ކުރާކަށް އިދިކޮޅު މެންބަރުން މަސައްކަތް ކުރާނެ ކަމެއް ނެތް،" މަޖިލީހުގެ ނައިބު ރައީސް އަދި ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އީވާ އަބްދުﷲ ވިދާޅުވި އެވެ.

ސިޔާސީ މޮޅަކަށްވުރެ މައްސަލަ ބޮޑު

އަފްރާޝީމްގެ މަރަކީ މީގެ ކުރިން ވެސް އެކި ގޮތްގޮތަށް ވާހަކަ ދެކެވި ތުހުމަތުތައް ކުރެވިފައިވާ މައްސަލައެކެވެ. ވަކިން ހާއްސަކޮށް އެ މަރާއި ސިޔާސީ މީހުނާ ގުޅުވައިގެން ސިޔާސީ ބޭފުޅުން ވެސް މީގެ ކުރިން އެކި ވާހަކަ ދައްކާފައިވެ އެވެ. މަރު ކޮމިޝަންގެ ރިޕޯޓް ތަހްގީގު ކުރުމުގައި ވެސް ބެލި ކަންކަމުގެ ތެރެއިން ތިން ކަންތައް ގުޅެނީ ސިޔާސީ ކަންކަމާ އެވެ.

އެއް ކަމަކީ އަފްރާޝީމް އަވަހާރަކޮށްލީ އޭރު އިދިކޮޅުގައި ތިބި އެމްޑީޕީގެ ބަޔަކު އަޑީގައި ތިބެގެން ސިޔާސީ މަގްސަދެއް ހާސިލު ކުރާށެވެ. ދެވަނަ ކަމަކީ އޭނާ އެ ވަގުތު ހުންނެވި ޕީޕީއެމްގެ އެތެރޭގައި އތް ސިޔާސީ ވާދަވެރި ކަމެއްގެ ތެރެއިން ޖެހުނު މައްސަލައެއްގަ އެވެ. ތިންވަނަ ކަމަކީ 2013 ގެ ރިޔާސީ އިންތިހާބު އެމްޑީޕީއަށް ކަމިޔާބު ކުރިއަނުދޭން އެ ޕާޓީގެ ބޮލުގައި އޭނާގެ މަރުގެ ތުހުމަތު އެޅުމުގައި ބޭނުމުގައި ސިޔާސީ އެހެން ބައެކެވެ.

ފަހު ކަމެއްގެ ގޮތުގައި ތަހުގީގު ފޯކަސްކޮށްފައި ވަނީ އެއީ ދީނީ ގޮތުން އުފެދިފައިވާ ހިޔާލު ތަފާތުވުމެއްގެ ތެރޭގައި ދީނީ ހަރުކަށި ބައަކު ކުރި ކަމެއްތޯ ބަލާށެވެ. މަރު ކޮމިޝަނަށް ބުރަ ވެވެނީ ވެސް އެ ގޮތަށް ކަމަށް ރިޕޯޓްގައި ވަނީ ފާހަގަކޮށްފަ އެވެ. އެހެންނަމަ މީގެ ކުރިން ސިޔާސީ ކަންކަމާއި އެ މަރާ ގުޅުވައި ދެއްކި ވާހަކަތަކާ މެދު ސިޔާސީ ބޭފުޅުން އެއްޗެއް ވިދާޅުވާން އެބަ ޖެހެ އެވެ.

މަރު ކޮމިޝަންގެ ރިޕޯޓް ކިޔާލުމުން ތަހުގީގު އެންމެ ފުރިހަމަ ނުވާ ކަން ސާފެވެ. އަފްރާޝީމްގެ އާއިލާއިން ވެސް ރިޕޯޓް ބަލައިގަންނަން ދެކޮޅު ހެދިއިރު، ގިނަ އާންމުން ވެސް ދަނީ ރިޕޯޓްގައި މައްސަލާގައި ގިނަ މުހިއްމު ފަރާތްތަކުގެ ބަހެއް ވެސް ނެތް ފާހަގަކޮށްފަ އެވެ. އެހެންވީއިރު މަޖިލީހުން އަވަސް އަރުވާލައިގެން މަސައްކަތް ކޮށްގެން ނުވާނެ ކަމަށް އެއް ބަޔަކު ދެކެ އެވެ.

އަހްމަދު ޝިޔާމް ވިދާޅުވި ގޮތުގައި އަފްރާޝީމްގެ މަރު ވަނީ ސިޔާސީ ހަތިޔާރަކަށް ހަދާފަ އެވެ. ކޮމިޝަންގެ ރިޕޯޓްގެ ސައްހަކަން ބަލަން އެމްޑީޕީއަކަށް ނުކުރޭނެ އެވެ.

"މިފަދަ ހައްސާސް މައްސަލައެއް އެހާ އަވަސް އަރުވާލައިގެން ކުރިއަށް ގެންދާކަށް ނުޖެހޭ، މަރު ކޮމިޝަންގެ ރިޕޯޓާ މެދު ފުރަތަމަ ދުވަހު ވެސް، އަދި މާ ފަހު ދުވަހެއްގައި ވެސް ސުވާލު އުފެދިދާނެ، ސުވާލު އުފައްދާނަމަ އެ ކަމެއް ބަަލަން ޖެހޭނެ، ރިޕޯޓްގައި މަރު ކޮމިޝަންގެ ހުރިހާ މެންބަރުންގެ ސޮއެއް ވެސް ނެތް،"

ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްޣަފޫރު މޫސާ ވިދާޅުވި ގޮތުގައި މަރު ކޮމިޝަންގެ ރިޕޯޓް އޮތީ ނިމިފަ އެވެ. ރިޕޯޓްގެ މައްސަލައެއް އުޅޭނަމަ އެ ކަމެއް އެ މެންބަރުން ފާހަގަ ކުރާނެ އެވެ.

"އެ މެންބަރުން އަދި ދުނިޔޭގައި އެބަ ތިބި، ތަހުގީގު ގޯސްކޮށް ދިޔަނަމަ އެ މެންބަރުން ފާހަގަ ކުރާނެ،"

ބައެއް ފަރާތްތަކުން ދެކޭ ގޮތުގައި އަދިވެސް އަފްރާޝީމްގެ މަރުގެ މައްސަލަ ނަގަނީ ސިޔާސީ ބޭނުމެއްގަ އެވެ. އަފްރާޝީމާއި ބައެއް ދީނީ އިލްމުުވެރިންނާ އެއް ދުވަސްވަރެއްގައި އޮތް ހިޔާލު ތަފާތުވުމުގެ ނާޖާއިޒު ފައިދާ ނެގުމުގެ ފުރުސަތު ބޮޑެވެ. އެ ކަމާ ގުޅޭ ގޮތުން އެމްޑީޕީ އާއި އިދިކޮޅުން ވެސް އެއް ބަޔަކު އަނެއް ބަޔަކަށް ތުހުމަތުކޮށް ވާހަކަ ދައްކަނީ އެވެ. ކޮންމެއަކަސް ރިޕޯޓް ފާސްކުރީ އެމްޑީޕީގެ މެންބަރުންނާއި އާދަމް ޝަރީފް ހިމެނޭ ގޮތަށް ކޮމިޓީގެ މެންބަރުންގެ އަޣުލަބިއްޔަތުންނެވެ.

އަފްރާޝީމްގެ މަރު އަދި އެހެން މީހެއްގެ މަރެއް ވެސް ސިޔާސީ ހަތިޔާރަކަށް ހަދައިގެން ނުވާނެ އެވެ. ދެ ފަރާތުން ވެސް އިހްލާސްތެރިކަން އިސްކޮށް، އެ މަރުގެ އަޑީގައިވާ ސިއްރުތައް ހޯދައި ހަގީގަތް ހޯދަން ޖެހެ އެވެ. އަމިއްލަ މަސްލަހަތަށްވުރެ ރައްޔިތުންގެ މަސްލަހަތު އިސް ކުރަން ޖެހެ އެވެ.