ދުނިޔެ

އިރާނުގައި އިންޓަނެޓް ކަނޑާލުމުން އެމެރިކާއިން ފިޔަވަޅު އަޅައިފި

Nov 23, 2019
1

ތެހެރާން (ނޮވެމްބަރު 23) - އިރާނުގައި ތެޔޮ އަގު ބޮޑު ކުރުމާ ދެކޮޅަށް އާއްމުން ކުރަމުންދާ މުޒާހަރާތައް ހުއްޓުވުމަށް އެ ގައުމުގައި އިންޓަނެޓުގެ ހިދުމަތް ކަނޑާލުމާ ގުޅިގެން ކޮމިޔުނިކޭޝަންސް މިނިސްޓަރާ ދެކޮޅަށް އެމެރިކާއިން ދަތިރިކުރުމުގެ ފިޔަވަޅު އަޅައިފި އެވެ.

އެމެރިކާގެ ޓްރެޜަރީ ޑިޕާޓްމަންޓުން އިއްޔެ ބުނި ގޮތުގައި އެމެރިކާގެ އިހުތިސާސްގެ ދަށުގައިހުރި އިރާނުގެ ކޮމިޔުނިކޭޝަންސް މިނިސްޓަރު މުހައްމަދު ޖަވާދު އަޒާރީ-ޖަހްރޯމީގެ މުދަލާއި ގެދޮރު "ފްރީޒް" ކޮށްފައިވާ ކަމަށެވެ. އަދި ފްރީޒްކޮށްފައިވާ ތަނަކާގުޅޭ އެއްވެސް މުއާމަލާތެއް ކުރުންވެސް ވަނީ މަނާކޮށްފަ އެވެ.

އިރާނުގައި އިންޓަނެޓް ބްލޮކްކޮށްފައިވަނީ، މުޒާހަރާ ގުޅޭ ވީޑިއޯތަކާއި ފޮޓޯތައް ސޯޝަލް މީޑިއާގައި ޕޯސްޓްކޮށް މުޒާހަރާއަށް ބައިވެރިން އިތުރުކުރުމަށް ކުރަމުންދާ މަސައްކަތްތައް ހުއްޓުވުމަށްކަމަށް އިރާނުގެ ސަރުކާރުން ވަނީ ބުނެފަ އެވެ.

އެމްނެސްޓީ އިންޓަނޭޝަނަލް އިން ބުނި ގޮތުގައި އެ މުޒާހަރާތަކުގައި މިހާތަނަށް 100 އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފަ އެވެ.

މުޒާހަރާތަކުގައި ބޮޑެތި ހަމަނުޖެއްހުންތައް ހިނގަމުންދާއިރު، އެކަން ހުއްޓުވުމަށް އިރާނު ސިފައިން ވަނީ އެ މުޒާހަރާތައް އިންތިޒާމްކުރުމުގައި އިސްކޮށް އުޅޭ މީހުންގެ ތެރެއިން 100 އަށް ވުރެ ގިނަ މީހުން ހައްޔަރުކޮށްފަ އެވެ. އަދި މުޒާހަރާގެ ތެރެއިން ސަލާމަތީ ބާރުތަކާ ކުރިމަތިލައި، ދައުލަތުގެ އިތުރުން އާއްމުންގެ މުދަލަށާއި ތަކެއްޗަށް ގެއްލުން ދިން ކަމުގެ ތުހުމަތުގައި މިހާތަނަށް 1000 އަށް ވުރެ ގިނަ މީހުން ހައްޔަރުކޮށްފައިވާކަމަށާއި، އެމީހުންނަށް ހަރުކަށި އަދަބު ދޭނެކަމަށް އިރާނުގެ ސަރުކާރުން ވަނީ ބުނެފަ އެވެ.

އިރާނުގެ ސަރުކާރާ އެގައުމުގެ ލައްކައަކަށް ގާތްކުރާ ވަރަށް މީހުން ދަނީ މުޒާހަރާ ކުރަމުންނެވެ. ބައިވެރިން ވަނީ އިރާނުގެ 12 ބޭންކެއްގައި އަލިފާން ރޯކޮށްފަ އެވެ.

ގައުމު ނާމާންކަމަށް ވެއްޓެމުންދާތީ ރައީސް ހަސަން ރޫހާނީ ވިދާޅުވީ، އެމެރިކާއިން އިރާނުގެ އިގްތިސޯދު ހަލާކުކޮށްލަން އުޅޭކަން ހުރިހާ މީހުނަށް ވެސް އެނގޭ ކަމަށެވެ. އަދި ކުއްލިއަކަށް ސަރުކާރާ ދެކޮޅަށް މުޒާހަރާ ކުރަން ފެށުމަކީ ބޭރުގެ ނުފޫޒެއް އޮތްކަން ހާމަވެގެންދާ ކަމެއް ކަމަށެވެ. އިތުރަށް ވިދާޅުވީ، ބޭރުގެ ނުފޫޒާއެކު ވެސް މުޒާހަރާ ކުރަން ޖެހޭނީ އިމުގެ ތެރެއިން ކަމަށެވެ.

މި މަހު ކުރީ ކޮޅު އެމެރިކާއިން އިރާނުގެ ރޫހާނީ ލީޑަރު އާޔަތުﷲ އަލީ ހާމަނާއީ އަށް ދަތިކުރުމުގެ ގޮތުން ހާމަނާއީގެ ގާތް މީހުނަށް އަމާޒުކޮށް ދަތިކުރުމުގެ ފިޔަވަޅުތަކެއް ވަނީ އަޅައިފަ އެވެ. އެމެރިކާއިން ފިޔަވަޅު އަޅާފައި ވަނީ ހާމަނާއީއާ ގުޅުން އޮންނަ ނުވަ މީހަކަށެވެ.

ފިޔަވަޅު އަޅާފައިވާ މީހުންގެ ތެރޭގައި ހާމަނާއީގެ ފިރިހެން ދަރިފުޅު ވެސް ހިމެނެ އެވެ. ދެން ފިޔަވަޅު އަޅާފައި ވަނީ އިރާނުގެ ޖުޑިޝަރީގެ މެމްބަރުންނަށާއި ހާމަނާއީގެ ޗީފް އޮސް ސްޓާފްގެ އިތުރުން އިރާނުގެ އަސްކަރިއްޔާގެ އިސް އޮފިޝަލުންގެ މައްޗަށެވެ.