ހަބަރު

"ވޯޓުލީ އަދަދުން އެމްޑީޕީ މެންބަރުން މާޔޫސްކަަން ސާފު"

Nov 23, 2019
7

ވެރިކަން ކުރާ ކޯލިޝަނުގެ މައި ޕާޓީ، އެމްޑީޕީގެ ލީޑަޝިޕް ހޮވަން އިއްޔެ ބޭއްވި އިންތިހާބުގައި ވޯޓުލީ މީހުންގެ އަދަދު ރަމްޒު ކޮށްދެނީ އެ ޕާޓީއާމެދު މެންބަރުން މާޔޫސްވެފައިތިބި މިންވަރު ކަމަށް، މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެ އެވެ.

އިންތިހާބުގައި 87،439 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިފައިވާކަމަށް އެމްޑީޕީން ހާމަކުރި ނަމަވެސް، ރެއާ ހަމައަށް އިއުލާން ކޮށްފައިވާ 172 ފޮށީގެ ވަގުތީ ނަތީޖާ ދައްކާގޮތުން، ވޯޓު ލުމުގައި ބައިވެރިވެފައި ވަނީ 23،613 މީހުންނެވެ. އެއީ ވޯޓުލުމުގެ ހައްގު ލިބިގެންވާ މީހުންގެ 27 ޕަސެންޓެވެ.

މީގެ ފަސް އަހަރުކުރިން، ބޭއްވި އިންތިހާބުގައި ރައީސަކު ހޮވުމަށް ވޯޓުލެވޭ 57،204 މީހުންގެ ތެރެއިން 33،709 މެންބަރުން ވަނީ ވޯޓުލައިފަ އެވެ. އެއީ ވޯޓުލުމުގެ ހައްގު ލިބިފައިވާ މެންބަރުންގެ 58 ޕަސަންޓަށް ވުރެ މައްޗެވެ.

އެކަމަށް އިޝާރާތްކުރައްވައި، އާދަމް ޝަރީފް ވިދާޅުވީ އެމްޑީޕީ އިންތިހާބުގައި ވޯޓުލީ މީހުން މަދުވުމުން އަންގައިދެނީ، ހިތްހަމަނުޖެހުން އޮތް މިންވަރު ކަމަށެވެ.

"ސަރުކާރާ މެދު ޕާޓީގެ މެންބަރުން ވެސް މާޔޫސްވެފައިވާކަން. ޕާޓީއަށް ތާއީދުކުރާ މެންބަރުން އެ އަދަދަށް ނެތުން،" ކުރީގެ ޑިފެންސް މިނިސްޓަރުކަން ކުރެއްވި އާދަމް ޝަރީފް އިތުރަށް ވިދާޅުވި އެވެ.

އެމްޑީޕީގެ ލީޑަޝިޕްގެ އިންތިހާބުގައި އެ ޕާޓީގެ ރައީސް ކަމަށް އާ ދައުރަކަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު، އަދި ނައިބު ރައީސަކަށް ކުރިން ވެސް އެ މަގާމުގައި ހުންނެވި ރައީސް އޮފީހުގެ މިނިސްޓަރު މުހައްމަދު ޝިފާޒް ވަނީ އިންތިހާބު ވެފަ އެވެ.

އިންތިހާބުގައި ޕާޓީގެ ރައީސް ކަމަށް ވާދަކުރެއްވީ ރައީސް ނަޝީދު އެކަންޏެވެ. އެހެން ކަމުން އެމަނިކުފާނު ރައީސްކަމުގައި ހުންނަން ފެނޭތޯ ނަގާފައި ވަނީ ފެންނަ ނުފެންނަ ވޯޓެކެވެ.

އިންތިހާބުގެ ވަގުތީ ނަތީޖާ ދައްކާ ގޮތުން، ނަޝީދު އެ މަގާމުގައި ހުންނަން ފެންނަކަމަށް 23،369 މީހުން ވޯޓުލީއިރު ނުފެންނަ ކަމަށް 63 މީހުން ވަނީ ވޯޓު ދީފަ އެވެ.

އެމްޑީޕީގެ ނައިބު ރައީސްކަމަށް މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމާ ވާދަކުރައްވައިގެން ޝިފާޒް އިންތިހާބުވެފައިވަނީ 13،233 ވޯޓުންނެވެ. އަސްލަމަށް ލިބިވަޑައިގެންނެވީ 9،957 ވޯޓެވެ.