ހަބަރު

ޑީޖޭއޭއަށް ވެހިކަލް ގަތީ ތިން ގުނަ އަގު ބޮޑުކޮށް

މީގެ ތިން އަހަރު ކުރިން ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އަށް ވެހިކަލްތަކެއް ގަނެފައިވަނީ އެތައް ގުނައެއް ބޮޑު ކޮށް ކަމަށް އޮޑިޓާ ޖެނެރަލްގެ އޮފީހުން ބުނެފި އެވެ.

ޑީޖޭއޭއަށް ބޭނުންވެގެން 2016 ވަނަ އަހަރު ހޯދަން އިއުލާނުކުރި ނިސާން ބްރޭންޑްގެ މާޗް މޮޑެލްގެ ތިން ކާރާއި ޓޮޔޯޓާ ބްރޭންޑްގެ ހައިއޭސް މޮޑެލްގެ އެއް ވޭން ގަތުމުގެ ތިން މިލިއަން ރުފިޔާއަށް ވުރެ ބޮޑު މުއާމަލާތްތަކުގެ މައްޗަށް އޮޑިޓް އޮފީހުން ވަނީ ހާއްސަ އޮޑިޓެއް ކޮށްފަ އެވެ.

އެ ގޮތުން، އަމިއްލަ ކުންފުންޏަކާ ހަވާލު ކޮށްގެން ތިން ކާރު ގަނެފައިވަނީ 1.4 މިލިއަން ރުފިޔާއަށް ކަމަށާއި، ވޭން ގަނެފައިވަނީ 1.69 މިލިއަން ރުފިޔާއަށް ކަމަށް އެ ރިޕޯޓުގައި ވަނީ ބުނެފަ އެވެ.

އެ އުޅަނދުތައް ގަނެފައިވަނީ އެކަށީގެންވާ އަގުތަކެއްގައިތޯ ބެލި ބެލުމުގައި، އެވަރެޖު ގޮތެއްގައި ޑީޖޭއޭއަށް ކާރެއް ވިއްކާފައި ވަނީ ތިން ގުނަ ބޮޑު އަގެއްގައި ކަމަށާއި، ވޭންގެ އަގު ހަ ގުނަ ބޮޑު ކަމަށް މިމަހު އާއްމު ކޮށްފައިވާ ރިޕޯޓުގައި ވަނީ ފާހަގަ ކޮށްފަ އެވެ.

އެގޮތުން، އެ މޮޑެލްގެ ވޭނެއް ގާތްގަނޑަކަށް 260،000 އަށް ލިބޭކަމަށާއި، ޑީޖޭއޭއިން ގަނެފައިވާ މޮޑެލްގެ ކާރެއް އެންމެ ބޮޑުވެގެން 190،000 އަށް ލިބޭކަމަށް އެ ރިޕޯޓުގައި ބުނެ އެވެ.

އަދި 1.5 މިލިއަން ރުފިޔާއަށް ވުރެ މަތީގެ ތަކެތި ޓެންޑާ ބޯޑު މެދުވެރިކޮށް ކުރަން މާލިއްޔަތު ގާނޫން ލާޒިމްކުރި ނަމަވެސް، 1.69 މިލިއަނަށް ވޭން ގަނެފައި ވަނީ ޓެންޑާ ބޯޑަށް ހުށަނާޅާކަން ވެސް އެ ރިޕޯޓުން އެނގެ އެވެ.

އޮޑިޓް ރިޕޯޓުގައި އިތުރަށް ބުނީ ޑީޖޭއޭއަށް ވިއްކާފައިވަނީ މާކުރިން ރާއްޖެ އެތެރެ ކޮށްފައިވާ ވެހިކަލްތަކެއް ނަމަވެސް، އެ ވެހިކަލްތައް ސަޕްލައި ކުރަން ބަޔާން ކޮށްފައިވާ މުއްދަތު ވަރަށް ބޮޑުތަނުން އިތުރު ކޮށްދީފައި ވަނީ ވެސް، ގަބޫލު ކުރެވޭ އެއްވެސް ސަބަބެއްނެތި، ކަނޑައެޅިފައިވާ އުސޫލުތަކުގެ ބޭރުން ކަމަށެވެ.

ޑީޖޭއޭއިން ގަނެފައިވާ އުޅަނދުތަކުގެ ތެރެއިން 1.69 މިލިއަން ރުފިޔާއަށް ގަނެފައިވާ ވޭން ޖޫން 8، 2017 ގެ ކުރިން ލިބިފައިވީ ނަމަވެސް، 2019 ވަނަ އަހަރުގެ އޯގަސްޓް މަހާ ހަމައަށް އެ އުޅަނދު ބޭނުން ކޮށްފައި ވަނީ ދެ ފަހަރެއްގެ މަތީން ކަމަށްވާތީ، އެ އުޅަނދުގެ ބޭނުން ޑީޖޭއޭއިން ހިފަމުން ނުދާ ކަމަށް އޮޑިޓް އޮފީހުން ބުންޏެވެ.

އެހެންކަމުން، ޑީޖޭއޭއިން 2016 ވަނަ އަހަރު ގަނެފައިވާ ވެހިކަލްތަކަކީ އެކަށީގެންވާ އަގަށްވުރެ ބޮޑު އަގަގަކަށް ގަނެފައިވާ އުޅަނދުތަކެއްކަމަށް ނިންމައި، އެކަމުގައި ޒިންމާވާ ފަރާތްތައް ޒިންމާދާރު ކުރުވުމަށް އޮޑިޓް ރިޕޯޓުގައި ވަނީ ބުނެފަ އެވެ.