ހަބަރު

އިދިކޮޅުގެ މަލާމާތަށް ނަޝީދު ރައްދު ދެއްވައިފި

Nov 23, 2019
2

ވެރިކަން ކުރާ ކޯލިޝަނުގެ މައި ޕާޓީ، އެމްޑީޕީގެ ލީޑަޝިޕް ހޮވަން އިއްޔެ ބޭއްވި އިންތިހާބުގައި ވޯޓުލީ މީހުން އަދަދު މަދުކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން އަމާޒުކޮށްފައިވާ ފާޑިކިޔުންތަކަށް އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ރައްދު ދެއްވައިފި އެވެ.

އިންތިހާބުގައި 87،439 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިފައިވާކަމަށް އެމްޑީޕީން ހާމަކުރި ނަމަވެސް، ރެއާ ހަމައަށް އިއުލާން ކޮށްފައިވާ 172 ފޮށީގެ ވަގުތީ ނަތީޖާ ދައްކާގޮތުން، ވޯޓު ލުމުގައި ބައިވެރިވެފައި ވަނީ 23،613 މީހުންނެވެ. އެއީ ވޯޓުލުމުގެ ހައްގު ލިބިގެންވާ މީހުންގެ 27 ޕަސެންޓެވެ.

މީގެ ފަސް އަހަރުކުރިން، ބޭއްވި އިންތިހާބުގައި ރައީސަކު ހޮވުމަށް ވޯޓުލެވޭ 57،204 މީހުންގެ ތެރެއިން 33،709 މެންބަރުން ވަނީ ވޯޓުލައިފަ އެވެ. އެއީ ވޯޓުލުމުގެ ހައްގު ލިބިފައިވާ މެންބަރުންގެ 58 ޕަސަންޓަށް ވުރެ މައްޗެވެ.

އެކަމާ ގުޅިގެން، އިދިކޮޅުގެ ބައެއް ބޭފުޅުން ގެންދަވަނީ އެމްޑީޕީއަށާއި ނަޝީދަށް ސޯޝަލް މީޑިޔާގައި ފާޑުކިޔުންތައް އަމާޒުކުރަމުންނެވެ. އަދި ވޯޓުލާ މީހުންގެ އަދަދު މަދުވުމަކީ، އެމްޑީޕީއާމެދު އެ ޕާޓީގެ މެންބަރުންވެސް މާޔޫސްވެފައިވާ މިންވަރު ސާފުވާކަމެއްކަމަށްވެސް އިދިކޮޅުން ދަނީ ބުނަމުންނެވެ.

މިއަދު ތިމާވެއްޓަށް މަސައްކަތްކުރާ އަމިއްލަ ގްރޫޕެއް ކަމަށްވާ "ބެއްޔާ" އިން ޓީ-ޝާޓް ވިއްކުމުގެ ކެމްޕޭން ލޯންޗު ކުރުމަށް މޯލްޑިވިއަންގެ ސީ ޕްލޭން ޓާމިނަލުގައި މިއަދު ބޭއްވި ރަސްމިއްޔާތަކަށްފަހު މީޑިޔާއަށް މައުލޫމާތު ދެއްވަމުން ނަޝީދު ވިދާޅުވީ، ތަރައްގީވެފައިވާ ގައުމުތަކުގެ ސިޔާސީ ޕާޓީތަކުގައިވެސް ޖުމްލަކޮށް އުޅޭނީ ވޯޓު އާބާދީގެ ހަތް ޕަސެންޓް އާއި އަށްޕަސެންޓް ކަމަށެވެ.

އަދި އިއްޔެ ވޯޓުލާން ނުކުމެފައިވަނީ އެމްޑީޕީގެ އިސް ސަފުގައި ހަރަކާތްތެރިވާ ހުރިހާ މެންބަރުން ކަމަށާއި، ވޯޓުލީ އަދާދާމެދު ހިތްހަމަޖެހިވަޑައިގަންނަވާކަމަށް ރައްްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް ނަޝީދު ވިދާޅުވި އެވެ.

"މި ޕާޓީގެ އިންތިހާބުތަކުން މޮޅުކުރުމަށް ހަރަކާތްތެރިވާ 25،000 މީހުން އެތިބީ ހަމަ އެއްވެސް ބަދަލެއް ނައިސް. އަޅުގަނޑު ވާދަވެރިން ކައިރީގައި އަހާލަން ބޭނުންވަނީ ތިޔަ ބޭފުޅުން 200 އެއްހާ މީހުން ނެރުއްވަން ވީ ނޫންތޯއޭ؟" އިދިކޮޅުގެ ވާހަކަތަކަށް ރައްދު ދެއްވަމުން ރައީސް ނަޝީދު ވިދާޅުވި އެވެ.

އެމްޑީޕީގެ ލީޑަޝިޕްގެ އިންތިހާބުގައި އެ ޕާޓީގެ ރައީސް ކަމަށް ނަޝީދު، އަދި ނައިބު ރައީސަކަށް ކުރިން ވެސް އެ މަގާމުގައި ހުންނެވި ރައީސް އޮފީހުގެ މިނިސްޓަރު މުހައްމަދު ޝިފާޒް ވަނީ އިންތިހާބު ވެފަ އެވެ.

އިންތިހާބުގައި ޕާޓީގެ ރައީސް ކަމަށް ވާދަކުރެއްވީ ރައީސް ނަޝީދު އެކަންޏެވެ. އެހެން ކަމުން އެމަނިކުފާނު ރައީސްކަމުގައި ހުންނަން ފެނޭތޯ ނަގާފައި ވަނީ ފެންނަ ނުފެންނަ ވޯޓެކެވެ.

އިންތިހާބުގެ ވަގުތީ ނަތީޖާ ދައްކާ ގޮތުން، ނަޝީދު އެ މަގާމުގައި ހުންނަން ފެންނަކަމަށް 23،369 މީހުން ވޯޓުލީއިރު ނުފެންނަ ކަމަށް 63 މީހުން ވަނީ ވޯޓު ދީފަ އެވެ.

އެމްޑީޕީގެ ނައިބު ރައީސްކަމަށް މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމާ ވާދަކުރައްވައިގެން ޝިފާޒް އިންތިހާބުވެފައިވަނީ 13،233 ވޯޓުންނެވެ. އަސްލަމަށް ލިބިވަޑައިގެންނެވީ 9،957 ވޯޓެވެ.