ސަރުކާރުން ތަކުރާރުކޮށް މަސްވެރިންނަށް އިހްމާލުވަމުންދާ ކަމަށް ބުނެ ފަރެސްމާތޮޑާގެ މަސްވެރިންތަކެއް މުޒާހަރާ ކޮށްފި އެވެ.
މުޒާހަރާގައި ބައިވެރިވި މީހުން ވަނީ މަސްވެރިން ބާނާ މަހުގެ ހަމަ އަގު ނުލިބޭ ކަމަށް ބުނެ އަޑުއުފުލާފައެވެ. އަދި ސަރުކާރުން ވައުދުވި ގޮތަކަށް މަސްވެރިންނަށް ފައިސާ ނުލިބޭ ކަމަށާއި ބާނާ މަހަށް ހަމަ އަގު ލިބޭނީ ކޮންދުވަހަކުންތޯ މުޒާހަރާގެ ބައިވެރިން ވަނީ ސުވާލު ކޮށްފައެވެ. މީގެ އިތުރުން ގއ. ކޫއްޑޫ އަށް ކިރާ މަހުގެ ފައިސާ ނުލިބޭތީ އެކަމުގެ ކަންބޮޑުވުންވެސް އުފުލާފައިވެއެވެ.
ހުކުރު ދުވަހު ކުރިއަށް ގެންދިޔަ މި މުޒާހަރާއަކީ މަސްވެރި ހުރިހާ އާއިލާތަކުގެ ހައްގުގައި ކުރި މުޒާހަރާއެއް ކަމަށް އެ މީހުންބުނެއެވެ.
މި މުޒާހަރާ އާއި ގުޅިގެން ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ހުސައިން މުހައްމަދު ލަތީފް ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
މެމްބަރު ހުސައިން ވިދާޅުވީ ސަރުކާރުން މަސްވެރިންނަށް އިހުމާލުވަމުންދާ ކަމަށެވެ. އަދި ވިދާޅުވީ ހުކުރު ދުވަހު އެ ދާއިރާގެ ރައްޔިތުން މުޒާހަރާއަށް ނިކުތީ މަސްވެރި އާއިލާތަކުގެ އާދޭހުގެ އަޑު ސަރުކާރުގެ މަތީފަންތީގައި ތިބި ބޭފުޅުންނަށް އިއްވުމަށް ކަމަށެވެ.
އަވަސް އަށް މައުލޫމާތު ދެއްވަމުން ފަރެސްމާތޮޑާ ކައުންސިލް މެމްބަރު އިބްރާހިމް ސޮބާހް ވިދާޅުވީ މަސްވެރިން މުޒާހަރާ ކުރީ އައިސް ލިބުމުގެ ދަތިތަކާއި، މަސްކިރުމަށް އަދިވެސް ހައްލެއް ނުލިބޭ މައްސަލަ އާއި ގުޅިގެން ކަމަށެވެ. ހާއްސަކޮށް މަސްވެރިން ބާނާ މަހުގެ ހަމަ އަގު ނުލިބޭ މައްސަލައިގައި ކަމަށެވެ.
ސޮބާހް ވިދާޅުވީ ގދ. އަތޮޅުގައި ހަތަރު އައިސްޕްލާންޓެއް ހުރި ނަމަވެސް ގިނަ އައިސްޕްލާންޓްތައް ހަލާކުވެފައިވާ ކަމަށެވެ. އެހެން ކަމުން އައިސް ލިބުމަށް ވަރަށް ބޮޑެތި ދަތިތަކާއި މަސްވެރިންނަށް ކުރިމަތިލާން ޖެހޭ ކަމަށެވެ.
ހުވަދު އަތޮޅަކީ މަސްވެރި އަތޮޅެއްކަން ފާހަގަކޮށް ސޮބާހް ވިދާޅުވީ ގިނަ އާއިލާތަށް ބަރޯސާވެފައިވަނީ މަސްވެރިކަމުން ލިބޭ އާމްދަނީ އަކަށްވީއިރު ބާނާ މަހުގެ ހަމަ އަގު ނުލިބުމުން އާއިލާތަކަށް މިކަމުގެ އަސަރު ވަރަށް ބޮޑަށް ކުރިމަތިވާ ކަމަށެވެ.
"ސްކޫލް ނިންމާފަ ގިނަ ކުދިން މިދަނީ މަހަށް. ޒުވާނުން މިހާރު މަސްވެރިކަމުގަ މިއުޅެނީ. އާއިލާއެއް ބިނާކުރަން ބޭނުންވާނެތާ އެ މީހުންވެސް. އާމްދަނީ ހޯދަން އެމީހުން މިކުރަނީ މި މަސައްކަތް. އެކަމަކު މަސްކިރާލާފަ ލާރި ކޮޅު ނުލިބި އެބަޖެހޭ އެތަށް ދުވަހެއް ވަންދެން ތިބެން. މިއީ މަސްވެރިން އެއްގޮތަކަށްވެސް ބަލައިގަންނާނެ ކަމެއް ނޫން. ސަރުކާރުން ހަގީގަތުގަ މަސވެރިންނަކަށް އެއްވެސް ކަހަލަ އަޅަލުމެއް ނުގެންގުޅޭ." އޭނާ ވިދާޅުވި އެވެ.
މަސްވެރިންނަށް ރައީސް ސޯލިހާއި އެމްޑީޕީން ވެފައިވާ އެންމެ ބޮޑު ވައުދަކީ ވެސް މަހަށް ހަމަ އަގު ހޯދުމެވެ. އެކަން ކުރެވޭނެ ކަމަށް ލަފާކޮށް ބައެއް ކަންކަން ވެސް މަސްވެރިކަމުގެ ބިލުގައި ފާހަގަކުރި އެވެ. އެ ގޮތުން ބޭރުގެ ބޯޓު ފަހަރުތަކަށް ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް އައިސް މަސްވެރިންގެ އަތުން މަސް ގަތުމުގެ ފުރުސަތު ބިލުން ފަހި ކޮށްދެއެވެ. އަދި ފިޝަރީޒް މިނިސްޓްރީއަށް މަސް ގަނެވޭނެ އެންމެ ކުޑަ އަގެއް ކަނޑައެޅުމުގެ ބާރު ބިލުން ލިބިދެ އެވެ.