ވިޔަފާރި

ރެކޯޑަކާއެކު މާދަމާ 1.5 މިލިއަން ވަނަ ފަތުރުވެރިޔާ ރާއްޖެއަށް

ރާއްޖޭގެ ޓޫރިޒަމްގެ ރެކޯޑަކާއެކު 1.5 މިލިއަން ވަނަ ފަތުރުވެރިޔާ މާދަމާ އަންނާނެ އެވެ.

ރާއްޖެ އަށް 1.5 މިލިއަން ވަނަ ފަތުރުވެރިޔާ އައުން ފާހަގަ ކުރުމަށްޓަކައި މާދަމާ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގައި ހާއްސަ ރަސްމިއްޔާތެއް ބާއްވާނެ އެވެ. މި ރަސްމިއްޔާތު އޮންނާނީ ވީއައިއޭގައި މާދަމާ ހެނދުނު އެވެ.

މިމަހުގެ އޮކްޓޫބަރު މަހުގެ ނިޔަލަށް ރާއްޖެ އަށް 1.4 މިލިއަން ފަތުރުވެރިން އައިސްފައިވެ އެވެ. މިދިޔަ މަހު ރާއްޖެ އަށް އައި ފަތުރުވެރިންނާ އަޅާ ބަލާއިރު 15.4 ޕަސެންޓް އިތުރުވެފަ އެވެ. ހިސާބުތައް ދައްކާ ގޮތުގައި މި އަހަރުގެ ޖެނުއަރީން އޮކްޓޫބަރު މަހުގެ ނިޔަލަށް ޔޫރަޕުން 665،545 މީހުން އައިސްފައިވެ އެވެ. މިއީ މިދިޔަ އަހަރާ އަޅާ ބަލާއިރު 14.9 ޕަސެންޓުގެ އިތުރުވުމެކެވެ.

މިދިޔަ މަހު އެންމެ ގިނައިން މީހުން އައިސްފައިވަނީ ޗައިނާ އިން ނެވެ. އެ ގައުމުން 252،275 މީހުން އައިސްފައިވެ އެވެ. އެ ގައުމުން އައި މީހުންގެ އަދަދު ވަނީ 1.8 ޕަސެންޓު އިތުރުވެފަ އެވެ. އަދި ދެވަނަ އަށް އެންމެ ގިނައިން މީހުން އައިސްފައި ވަނީ އިންޑިއާ އިންނެވެ. އެ ގައުމުން 130،617 މީހުން އައިސްފައިވެ އެވެ. މިއީ މިދިޔަ އަހަރު އިންޑިއާއިން އައި ފަތުރުވެރިންނާ އަޅާ ބަލާއިރު 103 ޕަސެންޓުގެ އިތުރުވުމެކެވެ.