ހަބަރު

ކުޑަކުއްޖާ ބަލިވެ އިން މައްސަލަ ބަލަން ފަށައިފި

ކުޑަކުއްޖަކު ބަލިވެ އިން މައްސަލައެއް ބަލަން ފަށާފައިވާ ކަމަށް ޖެންޑާ މިނިސްޓްރީން ބުނެފި އެވެ.

ޖެންޑާ މިނިސްޓްރީން މިހެން ބުނެފައިވަނީ މާރާމާރީއެެއްގައި ވަޅިން ހަމަލާދީ ވަރަށް ބޮޑަށް ޒަހަމްކޮށްލުމަށްފަހު އިއްޔެ ކަނޑަށް އެއްލާލި ޒުވާނާ 13 އަހަރުގެ ކުޑަކުއްޖަކާ ކައިވެނިކޮށް އެ ކުއްޖާ ބަލިވެ އިން ކަމަށް ބުނާ މައްސަލައެއް ފެންމަތިވެފައިވަނިކޮށެވެ.

ޖެންޑާ މިނިސްޓްރީން މިއަދު ބުނީ ކުޑަ ކުއްޖަކު ބަލިވެއިންކަމުގެ ރިޕޯޓެއް ލިބުމާ ގުޅިގެން މިނިސްޓްރީން ފުރިހަމަ ކުރަންޖެހޭ އިޖުރާއަތްތައް ވަގުތުން ފުރިހަމަކޮށް، ތުހުމަތުކުރެވޭ ބޮޑެތި މީހުންނާމެދު ފިޔަވަޅު އަޅައިދިނުމަށް ތަހުގީގީ އިދާރާއަށް ރަސްމީކޮށް އެދިފައިވާކަމުގެ ފުރިހަމަ ޔަގީންކަން އަރުވާ ކަމަށެވެ. ނަމަވެސް އިތުރު ތަފްސީލެއް ނުދެއެވެ.

ފުލުހުންވެސް ބުނީ ކުޑަކުއްޖަކު ބަލިވެ އިން މައްސަލައެއް ޖެންޑާ މިނިސްޓްރީއާއި ގުޅިގެން ބަލަމުންދާ ކަމަށެވެ.

މާރާމާރީއެެއްގައި ވަޅިން ހަމަލާދީ ވަރަށް ބޮޑަށް ޒަހަމްކޮށްލުމަށްފަހު އިއްޔެ ކަނޑަށް އެއްލާލާފައިވަނީ ރ. މަޑުއްވަރީ، ފެހިއަލި، އިސްމާއިލް ހައްމާދެވެ. ހަމްދާނަށް މިހާރު ދަނީ އައިޖީއެމްއެޗްގެ އައިސީޔޫގައި ފަރުވާ ދެމުންނެވެ.

އޭނާއަށް ވަޅިން ހަމަލާދީ ބޮޑެތި ޒަހަމްތަކެއް ދީފައިވާއިރު، އޭނާއަކީ ހަރުކަށި ފިކުރުގެ މީހެއް ކަމަށް ރަށުގެ ބައެއް މީހުންނާ ހަވާލާދީ ނޫސްތަކުގައި ރިޕޯޓްކޮށްފައިވެއެވެ. އަދި އޭނާ އުޅެނީ 13 އަހަރުގެ އަންހެން ކުއްޖަކާ ކޯޓުން ބޭރުން ކައިވެނިކޮށްގެން ކަމަށާ އެ ކުއްޖާ މިހާރު އިނީ ބަލިވެ ކަމަށްވެސް ރިޕޯޓްކޮށްފައިވެއެވެ.