ރައީސް އަބްދުﷲ ޔާމީން

ރައީސް މައުމޫނަށް، ރައީސް ޔާމީން ފާޑުވިދާޅުވެއްޖެ

މިހާރު ފެންނަމުން ދަނީ ރިޔާސީ ނިޒާމެއްގެ ސިފަތަކެއް ނޫން ކަމަށް ވިދާޅުވެ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވާހަކަފުޅު ދެއްކެވިނަމަވެސް މިހާރު ފެންނަން އޮތީ ކޮން ނިޒާމެއްކަން ވިދާޅުވާން ކެރިވަޑައިނުގެން ކަމަށް ވިދާޅުވެ ކުރީގެ ރައީސް އަބްދުﷲ ޔާމީން، ރައީސް މައުމޫނަށް ފާޑުވިދާޅުވެއްޖެ އެވެ.

"ހިބަރު ވަދު" މިނަމުގައި އިދިކޮޅުން ރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް ޔާމީން ވަނީ ރައީސް މައުމޫންގެ ނަންފުޅު ވިދާޅުނުވެ އެމަނިކުފާނު ދެއްކެވި ވާހަކަފުޅުތަކަށް ރައްދު ދެއްވާފައެވެ. ޖުމްހޫރީ ދުވަހު ބައެއް ޓީވީ ޗެނަލްތަކަށް ދެއްވި އިންޓަވިއުއެއްގައި ރައީސް މައުމޫން ވަނީ ރާއްޖެއިން މިހާރު ފެންނަމުންދާ ބައެއް ކަންކަމަކީ ރިޔާސީ ނިޒާމެއް އޮންނަ ގައުމުތަކުން ފެންނަމުންދާ ކަންކަން ނޫން ކަމަށް ވިދާޅުވެފައެވެ.

ރައީސް ޔާމީން ރޭ ވިދާޅުވީ ފެންނަމުން ދަނީ ރިޔާސީ ނިޒާމެއްގެ ސިފަތަކެއް ނޫން ކަމަށް ވިދާޅުވާނަމަ މިހާރު ފެންނަމުންދަނީ ކޮން ނިޒާމެއްކަން ބުނެދޭން ޖެހޭ ކަމަށެވެ. ނަމަވެސް އެހެން ވިދާޅުވާ ބޭފުޅުންނަށް އެ ސުވާލަށް ޖަވާބުދޭން ކެރިވަޑައިނުގަންނަވާ ކަމަށެވެ.

ޔާމީން ވިދާޅުވީ ރާއްޖޭގައި މިހާރު އޮތީ ދުވަހަކުވެސް މި ގައުމު ނުދެެކޭ ފަދަ ހުދުމުހުތާރު ވެރިކަމެއް ކަމަށެވެ.

"މި ބޭފުޅުންނާ [ސަރުކާރާ] އެކު ހުންނެވި ބޭފުޅަކު [ރައީސް މައުމޫން] މި ވިދާޅުވަނީ ކީކޭތޯ. އެ ސިޔާސީ ލީޑަރަކު މި ވިދާޅުވަނީ.. ދެން މިފަހަރު ވިދާޅުވި ބަސްފުޅު ދިމާވޭ. މި ފެންނަނީ ރިޔާސީ ނިޒާމުގެ ސިފަތަކެއް ނޫނޭ. އެކަމަކު، އެކަމަކު ފެންނަން އޮތީ ކޮން ނިޒާމެއްގެ ސިފަތަކެއް ކަމަށް ވިދާޅުވާން ކެރިވަޑައެއް ނުގެންނެވި. ވިދާޅުވި މި ފެންނަނީ ރިޔާސީ ނިޒާމުގެ ސިފައެއް ނޫނޭ. އެހެންވީމަ ލާޒިމް އެބަކުރޭ އަޅުގަނޑުމެންގެ ޒަމީރު މި ފެންނަނީ ކޮން ނިޒާމެއްގެ ސިފައެއްތޯ ބުނަން. މި ފެންނަނީ އެއަށްވުރެ ހުދުމުހުތާރު ވެރިކަމެއް ނެތް ދެވަނަ އެއް ނެތްފަދަ ހުދުމުތާރު ވެރިކަމުގެ ނިޒާމް. އަންބޮޑި ބޮޑުކުރާ ނިޒާމް. ސިޔާސީގޮތުން، އިގްތިސާދީގޮތުން ގާތްތިމާގެ މީހުންނަށް ޖާގަ ދިނުމުގެ ނިޒާމް. ކޮންމެ ކަމެއް މި ކުރަނީ މިގޮތަށް." ރައީސް ޔާމީން ވިދާޅުވިއެވެ.

ރައީސް ޔާމީން މިހެން ވިދާޅުވިނަމަވެސް އެ އިންޓަވިއުގައި ރައީސް މައުމޫން ވަނީ މިހާރު ފެންނަމުންދާ ކަންކަން ވައްތަރުވަނީ ބަރުލަމާނީ ނިޒާމެއްގެ ސިފަތަކާއި ކަމަށް ވިދާޅުވެފައެވެ. އަދި އެކަންކަމުގެ ބައެއް މިސާލުތައްވެސް މައުމޫން ދެއްކެވިއެވެ.

"ބަރުލަމާނީ ނިޒާމަކާއި މިހާރު ވައްތަރުވަނީ އަޅުގަނޑަށް ހީވަނީ ބައެއް ކަހަލަ ކަންތައްތައް ހިނގަމުންދާ ގޮތުން. އެހެންނަމަވެސް އެއީ އަޅުގަނޑުމެންގެ ނިޒާމްގައި ވާކަމެއް ނޫން. މިސާލަކަށް، ސަރުކާރުން ކުރާކަމެއް ހަމަ އެދުވަހުން އެދުވަހަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅިގެން ވޯޓެއް ނަގާ ނުވަތަ މީހުންނާއި ސުވާލުކޮށް، މިކަންތައްތައް ކުރެވޭ ގޮތަކަށް ނޫން އޮންނަނީކީ އަސްލުގައި. މިހާރު އަޅުގަނޑުމެންނަށް ފެންނަމުން ދަނީ މުޅިން އެހެން މަންޒަރެއް." އެ އިންޓަވިއުގައި މައުމޫން ވިދާޅުވިއެވެ.

2013 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ޕީޕީއެމްގެ ކެންޑިޑޭޓް އަދި މައުމޫންގެ ކޮއްކޯފުޅު އަބްދުﷲ ޔާމީން އިންތިޚާބު ކާމިޔާބުކުރުމުގައި ރައީސް މައުމޫންގެ ދައުރު ވަރަށް ބޮޑެވެ. ނަމަވެސް ވެރިކަމުގެ ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި ދެ ބޭފުޅުންގެ ގުޅުން ގޯސްވާން ފެށިއެވެ. އަދި ފަހުން ރައީސް މައުމޫން ވަނީ ރައީސް ޔާމީނަށް ކުރެއްވި ތާއީދު އަނބުރާ ގެނެސްފައިވާކަން އިއުލާނުކޮށް، ރައީސް ޔާމީނަށް ވޯޓްދެއްވުމަށް ރައްޔިތުންގެ ކިބައިން އެދިވަޑައިގެންނެވި އެދިވަޑައިގަތުމާމެދު ހިތާމަކުރައްވާ ކަމަށް ވިދާޅުވެފައެވެ.

އޭގެ ފަހުން ރައީސް މައުމޫން މަސައްކަތް ކުރެއްވީވެސް ރައީސް ޔާމީނާ ދެކޮޅަށެވެ. އޭރުގެ އިދިކޮޅު ފަރާތްތަކާއެކު މައުމޫން މަސައްކަތް ފެއްޓެވުން ޕީޕީއެމުން އެމަނިކުފާނާއި އެމަނިކުފާނަށް ވަފާތެރި ހުރިހާ ބޭފުޅުން ވަކިކުރެއްވިއެވެ. އަދި ތުހުމަތުތަކެއްގައި ޖަލުގައި ބަންދުކުރިއެވެ. އޭގެ ފަހުން އެމަނިކުފާނުގެ މައްޗަށް ދައުވާ އުފުލާ ހުކުމްވެސް ކުރިއެވެ. މައުމޫން ވަނީ 8 މަސްދުވަހު ޖަލުގައި ހޭދަކުރައްވާފައެވެ.

ރައީސް ސޯލިހުގެ ސަރުކާރު ގެނައުމަށް އެންމެ ބޮޑަށް މަސައްކަތްކުރެއްވި އަދި ކޯލިޝަން މި ސަރުކާރުގެ އެއް ހިއްސާދާރަކީވެސް މައުމޫނެވެ.