ރާއްޖޭގެ މިއަދު ހާލަތު ބަދަލުކުރުމުގައި ހުރިހާ ބާރެއް އޮތީ ޒުވާން ލީޑަރުންގެ މައްޗަށްކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.
ބައިނަލްއަގުވާމީ ގޮތުން ފާހަގަ ކުރާ "އަހިންސާ ދުވަހު"ގެ މުނާސަބަތުގައި ހޯމް މިނިސްޓްރީ އާއި ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީގެ ދަރިވަރުންގެ ޔޫނިއަން ގުޅިގެން ބޭއްވި ވާހަކަ ދެއްކުމުގެ ނަތީޖާ ފާޅުކުރުމުގެ ހަފްލާގައި މިނިސްޓަރު ވިދާޅުވީ، ރާއްޖެ ވަނީ ބޮޑުތަނުން ބަދަލުވެފައި ކަމަށާއި، ކުރިން ދުނިޔޭގެ ކުރިމަތީގައި ފަހުރުވެރިވަނީ ރާއްޖެއަކީ އެންމެ ސުލްހަވެރި އެންމެ އަމާން ގައުމަށް ވުމުންކަމަށެވެ. އަދި ގައުމު ކުރިން އޮތްފަދަ ސުލުހަވެރި އަމާން ގައުމެއްގެ ގޮތުގައި އަނބުރާ ގެންނަންޖެހޭކަމަށް ވިދާޅުވި އެވެ.
" ރާއްޖޭގެ މިއަދުގެ ހާލަތު ބަދަލުކުރުމުގައި ހަގީގަތުގައިވެސް ހުރިހާ ބާރެއް އޮތީ އަޅުގަނޑުމެންގެ ޒުވާން ލީޑަރުންގެ މައްޗަށް. އެހެންކަމުން ރާއްޖެއަށް ހެޔޮ ބަދަލު ގެނައުމަށް ޞުލުހަވެރިކަމާ އަމާންކަމާ އެކުވެރިކަމާއެކުގައި ބަދަލާ ދިމާއަށް އަޅުގަނޑުމެން ދަތުރުކުރަންޖެހޭ. އިސްލާމް ދީނަކީ ސުލުހަވެރި އަމާން ދީނެއް، ސުލުހައަށް ލޯބިކުރާ ދީނެއް." މިނިސްޓަރު ވިދާޅުވި އެވެ.
"އަހިންސާ" ދުވަހަކީ ބައިނަލްްއަގުވާމީ ގޮތުން ފާހަގަ ކުރާ އަނިޔާވެރިކަމާ ދެކޮޅުު ދުވަހެވެ. މި ދުވަސް ފާހަގަ ކުރަނީ އޮކްޓޯބަރު 2 ގަ އެވެ.
"އަހިންސާ ދުވަހު"ގެ މުނާސަބަތުގައި ބޭއްވި ވާހަކަދެއްކުމުގެ މުބާރާތުން އެއްވަނަ ހޯދީ ގައުމީ ޔުނިވާސިޓީގެ ފެކަލްޓީ އޮފް ލޯ އެންޑް އިސްލާމިކް ސްޓަޑީޒްގެ ދަރިވަރު އާއިޝަތު ޒަހާ އެވެ. ދެވަނަ ހޯދީ ސެންޓާ ފޮ ފައުންޑޭޝަން ސްޓަޑީޒްގެ އަނޫފާ ޢާލީ އެވެ. އަދި ތިންވަނަ ފެކަލްޓީ އޮފް ލޯ އެންޑް އިސްލާމިކް ސްޓަޑީޒްގެ މުޙައްމަދު އައިޝް މުސްތާ އެވެ.