ރިޕޯޓް

މަންމައެއްގެ ހިތުގެ އެންމެ ފުންމިނުން: ތުއްތު އެލީނާގެ ވާހަކަ

އުލްފަތު މުހައްދު ދީދީ އަށް މިހާރު 26 އަހަރެވެ. އުފަން ރަށް ޏ. ފުވައްމުލަކަށް ނިސްބަތާ މުސްލިފް ރަޝީދުއާ ކައިވެނިކޮށްގެން މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ވަނީ އަންހެން ކުއްޖަކު ލިބިފަ އެވެ. އެއީ އެލީނާ އެވެ. އޭނާ އަށް މިހާރު 11 މަހާއި 22 ދުވަހެވެ.

އެންމެ ފުރަތަމަ ހުރިހާ ކަމެއް ވެސް ދިޔައީ ނިކަން އަމާން އޮމާންކޮށެވެ. ރަށުގައި ގައިނީއެއް އަދި ސްކޭން ޑޮކްޓަރެއް ނެތަސް އުލްފަތު ބުނާ ގޮތުން ނަމަ ވީ މާ ބޮޑު ދައްޗެއް ނެތެވެ. އޭނާ ވިހެއީ ވެސް ޑޮކްޓަރެއްގެ އެއްވެސް އެހީއަކާ ނުލަ އެވެ. އެ ދުވަހު އެތަނުގައި ތިބީ ރަށު ހޮސްޕިޓަލުގެ ނަރުހުންނެވެ. ގައިނީއެއް އެ ހޮސްޕިޓަލުގައި ނެތީމަ އެވެ.

"ހަމަ ނޯމަލް ޑެލިވަރީއެއް. އެއްވެސް މައްސަލައެއް ދިމައެއް ނުވޭ،" އޭރުގެ ހާލަތު ކިޔައިދެމުން އުލްފަތު ބުންޏެވެ.

ނަމަވެސް އޭނާގެ ދިރިއުޅުމުގެ މިއަދުގެ ހާލަތު ވަނީ މުޅިން ބަދަލުވެފަ އެވެ. ކުރީގެ އުފާވެރި ދިރިއުޅުން އެ ފުށްމިފުށަށް ޖެހިފައިވާއިރު މިއަދު ކޮންމެ ދުވަހަކީ ވެސް އޭނާގެ ދެ ލޯ ފެންކަޅިވެ ކަރުނަތައް ހިލިގެންދާ ދުވަހެކެވެ.

މައެއްގެ ހިތަށް އެންމެ ތަދުވާނީ ބަނޑުއަޅައި ވިހޭ ދަރިއަށް ކަމެއްވީމަ އެވެ. އަދި އެއްވެސް މައްސަލައެއް ނެތް ތުއްތު ތުއްތު، ލޯބި ލޯބި ކުއްޖަކު ނުކުޅެދޭ ކުއްޖަކަށް ބަދަލުވާ މަންޒަރު ބަލަން ހުންނާކަށް ވެސް ކެތްކުރެވޭނީ ކާކަށް ހެއްޔެވެ؟

އުލްފަތު އާއި މުސްލިފުގެ ކުޑަ ކުޑަ އެލީނާގެ މައްސަލަ އަކީ ޓްރައިގޯނޯސެފަލީ އެވެ. އޭނާގެ ބޮލުގެ ނާށިގަނޑު އުފެދިފައި ވަނީ އާދައިގެ ކުއްޖެއްގެ ބޮލުގެ ނާށިގަނޑު ހުންނަ ގޮތަކަށް ނޫނެވެ.

އާދައިގެ ކުއްޖެއްގެ ބޮލުގެ ނާށިގަނޑު ބެހިފައި ހުންނާނީ ހަތަރު ބަޔަކަށެވެ. އެލީނާގެ ނާށިގަނޑު ބެހިފައި ވަނީ ތިން ބަޔަކަށެވެ. މިހެން ހުރުމުގެ ސަބަބުން އެލީނާގެ ސިކުނޑީގެ ތަރައްގީއަށް ހުރަސްއެޅި އޭނާ ބަދަލުވެގެންދާނީ އެބްނޯމަލް ކުއްޖަކަށެވެ.

"މިކަމުން ދަރިފުޅު އޮޕަރޭޝަންކުރަން ބަލާއިރު އެބަ ބޭނުންވޭ މަދުވެގެން 30،000 ޑޮލަރު. މިއީ ވަން އިޔާ ވުމުގެ ކުރިން ކުރަން ޖެހޭ އޮޕަރޭޝަނެއް. ދަރިފުޅުގެ އުމުރުން ފަސް އަހަރުވާއިރު މި އޮޕަރޭޝަނެއް ނުކުރެވިއްޖެ ނަމަ ދަރިފުޅުގެ ސިކުނޑި ބޮޑުވުމަށް ހުރަސްއެޅި އެބްނޯމަލް ކުއްޖަކަށް އޭނާ ބަދަލުވެގެންދާނެ ޑޮކްޓަރުން ބުނަނީ،" ފޯނުން ވާހަކަ ދައްކަމުން އުލްފަތު ކިޔައިދިނެވެ.

"ނިއްކުރީގެ ނާށިގަނޑު ފާޑަކަށް ހުންނަކަން އެނގޭ. އެކަމަކު އަޅުގަނޑު ހީކުރީ އެއް ފަހަރަކު ދަރިފުޅު ވެއްޓިފަ ދިމާވި ގޮތެއް ކަމަށް. އެކަމަކު އެފަހަރު ވެސް ލަންކާގައި ޑޮކްޓަރަކަށް ދެއްކީމަ ބުނީ އެއްވެސް މައްސަލައެއް ނެތޭ. ކަންބޮޑުނުވާށޭ،" އުލްފަތު ކިޔައިދިނެވެ.

ނަމަވެސް ދަރިފުޅުގެ ބޮލުގެ ނާށިގަނޑު އުފެދުމުގައި އައިބެއް އުޅޭކަން އެނގުނީ ދައްތައަކާ އެކު ބެންކޮކަށް ކުރި ދަތުރެއްގެ ތެރެއިން، ހުރިހާ ކަންބޮޑުވުމެއް ފިލުވައިލަން ޑޮކްޓަރަކަށް ދެއްކުމުންނެވެ.

"އަޅުގަނޑު މިފަހުން ރަށުގައި ހުރެފައި މާލެ އައީ އަޅުގަނޑުގެ އަނގައިގެ ދަތެއް ރަށުން ނުނެގިގެން އެ ދަތުގައި ރިއްސާވަރުން. ވިސްޑޮމް ޓޫތުގެ އެއް ބައި ރަށުން ނެގުނީ. އެމީހުން ބުނީ އަނެއް ބައި ނަގާށޭ މާލެ ގޮސް،" ދަރިފުޅަށް ކަމެއްވެގެން އުޅޭކަން އެނގުނު ގޮތާ ހަމަ އަށް ދެވުނު ގޮތް ކިޔައިދެމުން އުލްފަތު ބުންޏެވެ.

"ދެން މާލެ އައިސް އަޅުގަނޑުގެ ދަތުގެ ކަންތައް ނިންމާލި ތަނުން ދޮންތައާ އެކު ބެންކޮކަށް ދާން ފުރުސަތެއް ލިބުނީ. އެ ދަތުރެއްގައި ދިޔައީ ޓްރެވަލްކުރަން އަޅުގަނޑު ވެސް ޝައުގުވެރިވާތީ."

ނަމަވެސް އެ ދަތުރުވެގެން ދިޔައީ ހީކުރިހާ އަދި ޕްލޭންކުރިހާ އުފާވެރި ދަތުރަކަށް ނޫނެވެ. އެނބުރި އަންނަން ޖެހުނީ ކަރުނައިން ދެ ލޯ ފޯކޮށްލައިގެންނެވެ.

"އެންމެ ފުރަތަމަ ދައްތައާ އެކު ބެންކޮކަށް ދިޔައީ ޝޮޕިން އަކަށް. ގޮސްފައި ހިތަށް އެރީ ދަރިފުޅުގެ ވެސް ކުދިކުދި އެލާޖިކް މައްސަލަތަކެއް އުޅޭތީ ދައްކާލާނީއޭ. ދެން ދައްކާލިއިރު ދަރިފުޅުގެ ނިއްކުރިން ވެސް ފާހަގަކުރެވޭ މައްސަލަ ވެސް ބުނެލީ. ދެން އެމްއާރްއައި ސްކޭނެއް ހަދައިގެން ބުނީ މި މައްސަލަ ހުރި ވާހަކަ،" އުލްފަތު ކިޔައިދިނެވެ.

އެއަށް ފަހު އެނބުރި އައިގޮތަށް އޭނާ އުޅެނީ ދަރިފުޅުގެ އޮޕަރޭޝަނަށް ފައިސާ އެއްކުރުމަށެވެ. ދެމަފިރިންގެ އަތުގައި އަދި އާއިލާގައި ވެސް އެފަދަ ތަނަވަސްކަމެއް ނެތުމުން ސަރުކާރުގެ ވެރިންނާއި އާންމުންގެ ގާތުގައި ވެސް އޭނާ ދަނީ އެހީ އަށް އެދެމުންނެވެ.

ނަމަވެސް އަދި ހަމަ އެއް ވަރެއް ވެސް ނުވެ އެވެ.

"އާއިލާގެ މީހުން މާލޭގައި ކުއްޔަށް އުޅޭއިރު ވަޒީފާ އަށް ދިޔަޔަސް މާ ބޮޑު އެހީއެއް ނުދެވޭނެކަން އެނގޭ. އެއިން ކޮންމެ މީހަކަށް ވެސް އެންމެ ގިނަވެގެން ދެވެނީ 500 ޑޮލަރު. ކޮންމެ މީހަކު ވެސް ބުނޭ މުސާރަ ލިބުނީމަ އެހީއެއް ދޭނަމޭ ވާވަރަކުން،" އުލްފަތު ބުންޏެވެ.

އޭނާ ބުނީ ސަރުކާރުގެ އެހީއެއް ހޯދުމަށް މިހާތަނަށް ކުރި މަސައްކަތް ކާމިޔާބުވެފައި ނުވާ ކަމަށެވެ. އަދި އާސަންދައިގެ ދޮރެއް ވެސް އޭނާއަކަށް ނުހުޅުވޭ ކަމަށެވެ.

"އަޅުގަނޑަށް އަދި އާސަންދަ ވެސް ނުލިބޭ. އެއީ ޑޮކްޓަރަށް ދައްކައިގެން އެބަ ބޭނުންވޭ މިކޮޅުން ނުކުރެވޭވަރުގެ އޮޕަރޭޝަނެއް ކަމުގެ ލިޔުން ހޯދަން. އެކަމަކު އަދި މި އުޅެނީ މި ކަމަށް ހާއްސަ ޑޮކްޓަރަކަށް އޭޑީކޭ އިން ނަމްބަރު ނުލިބިގެން،" އުލްފަތު ކިޔައިދިނެވެ.

އޭނާ ބުނީ އިސްލާމިކް މިނިސްޓްރީއާ ގުޅިގެން އެލީނާ އަށް އެހީވުމަށް ފަންޑެއް ހުޅުވުމުގެ މަސައްކަތް ކުރުމުން އެކަމެއް ވެސް ކާމިޔާބެއް ނުވި ކަމަށެވެ.

"އިސްލާމިކް މިނިސްޓްރީގައި އަޅުގަނޑު އެދުނީ އެމީހުންނާ ގުޅިގެން އަޅުގަނޑުގެ ދަރިފުޅަށް އެހީވުމަށް ފައިސާ ހޯދަން ފަންޑެއް ހުޅުވުމާ ބެހޭ ގޮތުން ވާހަކަ ދައްކާލަން އެޕޮއިންޓްމެންޓަކަށް. އެދުނީމަ ބުނީ ފަންޑް ފޮށިތަކުގެ ނާޖާއިޒު ފައިދާ އެކި މީހުން ނަގާތީ އެކަހަލަ ފަންޑް ފޮށިތައް ހުޅުވައެއް ނުދެމޭ މިހާރު،" އުލްފަތު ބުންޏެވެ.

"މީހުން ގުޅާފައި ބުނޭ ވީ މިންވަރެއް ދޭނަމޭ. އަޅުގަނޑަށް މި ވަގުތު ވަރަށް މުހިންމު 10 ރުފިޔާ ވެސް."

"ރީއްޗަށް އުޅެއުޅެ ހުރި ކުއްޖަކު މޮޔަވާތަން ބަލަން ހުރެވޭނެތަ. އޮޕަރޭޝަންނުކޮށްފިއްޔާނު ދަރިފުޅުގެ ސިކުނޑި ހަލާކުވާނީ."