ހަބަރު

ގައުމު ކުރިއަރާނީ އުފެއްދުންތެރި ޖީލެއް އުފެއްދިގެން: ނައިބު ރައީސް

Nov 24, 2019

ގައުމެއް ކުރިއަރާދާނީ އުފެއްދުންތެރި، ހުނަރުވެރި، ވަރުގަދަ ޖީލެއް އުފެއްދިގެން ކަމަށާއި އެކި ދާއިރާތަކުން ފާހަގަކޮށްލެވޭފަދަ ހިދުމަތްތެރި ފަރާތްތަކުގެ އަގު ވަޒަން ކުރުމަކީ އެފަރާތްތަކަށް ދެވޭ އިތުރު ހިއްވަރެއް ކަމުގައި ނައިބު ރައީސް ފައިސަލް ނަސީމު ވިދާޅުވެއްޖެ އެވެ.

ހއ. ދިއްދޫގައި ބޭއްވި ތިލައުތުރު އުއްތަމަ އަރުތަވެރިންގެ އިނާމް ދިނުމުގެ ޖަލްސާ ޝަރަފުވެރިކޮށްދެއްވައި ނައިބު ރައީސް ރޭ ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ ތިލަދުންމައްޗަކީ ވަރަށް ވަރުގަދަ ގައުމީ ބަތަލުންތަކެއް، އުފެއްދި އަތޮޅެއް ކަމަށެވެ.

”ތައުލީމީ ދާއިރާގައި ރަންވަނަތައް އަޅުގަނޑުމެން ފާހަގަކުރާއިރު، އަޅުގަނޑުގެ ހަނދާނަށް ގެންނަންޖެހޭ، ދިވެހިރާއްޖޭގެ ހުރިހާ އަތޮޅެއްގަވެސް، ހުރިހާ ރަށްތަކެއްގަވެސް، ގިނަގުނަ ހިދުމަތްތެރިން އެބަތިބިކަން. އަޅުގަނޑުމެން ހަނދާނަށް އެބަގެންނަންޖެހޭ އަޅުގަނޑުމެންގެ ގައުމު މިހާހިސާބަށް، އަޅުގަނޑުމެންނާ ހަމައަށް ގެނަސްދިނުމުގައި، ގިނަގުނަ މަސައްކަތްތަކެއް، ގިނަގުނަ ގުރުބާނީތަކެއްވި ވަރަށްގިނަ ބަޔަކުވާކަން،“ ފައިސަލް ވިދާޅުވި އެވެ.

ފައިސަލް އިތުރަށް ވިދާޅުވި ގޮތުގައި ގިނަ އަދަދެއްގެ ރައްޔިތުންގެ އެދިވަޑައިގެންނެވުމާއި އެއްގޮތަށް ލާމަރުކަޒީ ޤާނޫނަށް ބޮޑެތި ބަދަލުތަކެއް ގެނެވި، މިއިސްލާހުތަކާއިއެކު ލާމަރުކަޒީ އުސޫލުން އިދާރީ ދާއިރާތަށް ހިންގަން ފެށުމުން ރައްޔިތުންނަށް ވަރަށް ބޮޑު ފަސޭހަތަކެއް ލިބިގެންދާނެ ކަމަށެވެ.

އަދި ވޭތުވެދިޔަ އަހަރުތަކުގައި ކައުންސިލްތައް ހިންގުމުގައި ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެގެން ގޮސްފައިވީނަމަވެސް، މިއަދުގެ ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދޭ ކަމަކީ ކައުންސިލްތައް ބާރުވެރި ކުރުވައިގެން ރައްޔިތުންނަށް ދެވޭ ހިދުމަތްތައް ފުޅާކުރުން ކަމުގައި ނައިބު ރައީސް ވިދާޅުވި އެވެ.

”ގާނޫނަށް ގެންނަ ބަދަލުތަކާއެކުގައި، އަންނަ އަހަރު ވެގެންދާނީ ކައުންސިލްތައް މާލީގޮތުން ތަނަވަސްކަން އިތުރުވެގެންދާނެ އަހަރެއްގެ ގޮތުގައި. އެއާއެކު ރައްޔިތުންނަށް ގިނަގުނަ ފައިދާތަކެއް ވާނެކަން ކަށަވަރު،“ ފައިސަލް ވިދާޅުވި އެވެ.

ރޭ ބޭއްވުނު ޖަލްސާގައި އެކި ދާއިރާތަކުން ހއ. އަތޮޅުން ފާހަގަކޮށްލެވޭފަދަ ހިދުމަތްތެރީންގެ އަގުވަޒަންކޮށް އިނާމު ދީފައިވެ އެވެ. ތިލައުތުރު އުއްތަމަ އަރުތަވެރިންގެ އިނާމުގައި މިފަހަރު ހިމެނެނީ ޝަރަފުވެރިކަމުގެ އިނާމު، ހިތްވަރުދިނުމުގެ އިނާމު، ކައުންސިލުންދޭ ހާއްސަ އިނާމު، މަތީދަރަޖަ ހޯދާ ފަރާތްތަކަށް ކައުންސިލުން ދޭ ހާއްސަ އިނާމު، ހާއްސަ ހިދުމަތުގެ އިނާމު އަދި ހިންގުންތެރިކަމުގެ އިނާމެވެ.

ތިލައުތުރު އުއްތަމަ އަރުތަވެރިންގެ އިނާމަކީ އެކި ދާއިރާތަކުން ފާހަގަކުރެވޭފަދަ އަގުހުރި ހިދުމަތްތަކެއް ހއ. އަތޮޅަށް ކޮށްދެއްވާފައިވާ ފަރާތްތަކާއި، ތަފާތު ފަންނުތަކުން ފާހަގަކޮށްލެވޭފަދަ ހިދުމަތްތަކެއް ހއ. އަތޮޅަށް ކޮށްދެއްވާފައިވާ ފަރާތްތަކާއި ހއ. އަތޮޅު ސްކޫލް، މަދަރުސާތަކުން ފަހުރުވެރި ވަނަތައް ހޯދާ ދަރިވަރުންނާއި އަތޮޅަށް އެންމެ ހިދުމަތްތެރި ރިސޯޓާއި އަތޮޅުގެ އެންމެ ހިންގުންތެރި ރަށު ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކާއި ކްލަބް ޖަމިއްޔާތައް ފާހަގަކޮށް، އެފަރާތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުން ތިލައުތުރު އުއްތަމަ އަރުތަވެރިންގެ ނަމުގައި ހއ. އަތޮޅު ކައުންސިލުން ދެމުންގެންދާ އިނާމެކެވެ.