ހަބަރު

ކުޑަކުދިންނަށް ގޯނާކުރަނީ ނުރައްކާތެރި ފަލްސަފާއެއްގެ ތެރެއިން: ނަޝީދު

Nov 24, 2019
1

ކުޑަކުދީންނަށް އަނިޔާކޮށް ޖިންސީ ގޯނާކުރުން ރާއްޖޭގައި އިންތިހާއަށް އިތުރުވެގެން ގޮސްފައިވަނީ މިހާރު ފެތުރެމުންދާ ނުރައްކާތެރި ފަލްސަފާއެއްގެ ތެރެއިން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.

ތ. އަތޮޅާއި ލ. އަތޮޅުގެ ޖުޑީޝަލް ދާއިރާއަށް ހާއްސަކޮށްގެން ކުރިއަށް ގެންދާ ކުޑަކުދިންގެ ހައްގުތަކާއި ކުޑަކުދިންގެ އަދުލުގެ ނިޒާމާ ބެހޭ ސެމިނާރު އިފްތިހާހުކޮށް ދެއްވަމުން ނަޝީދު ވިދާޅުވީ އަނދިރި ދައުލަތެއްގެ ތެރެއިން ދިވެހީންގެ ހިތްތަކާ ބީރަށްޓެހި ފަލްސަފާއެއް ފެތުރެން ފަށާފައިވާ ކަމަށެވެ.

އެ ފަލްސަފާގެ ތެރެއިން މީގެ ކުރިން ރާއްޖެ ނުދެކޭ ފަދަ މިންވަރަށް ކުޑަކުދީންނަށް ޖިންސީ ގޯނާކޮށް ހަރުކަށި އަދަބު ދެވޭނެކަމުގެ ވިސްނުމެއް ރާއްޖޭގައި ފެތުރެމުންދާކަމަށް ނަޝީދު ވިދާޅުވި އެވެ.

އަދި އެ ފަލްސަފާ ސަލާމަތީ ބާރުތައް ހިމެނޭ ގޮތަށް ރާއްޖޭގައި އަމުރު މައުރޫފު ހިންގާ މީހުންގެ ތެރެއަށްވެސް އެ ފަލްސަފާ ފެތުރި، އެ ފިކުރަށް ލެނބެން ފަށާފައިވާކަމަށް އެމަނިކުފާނު ތުހުމަތު ކުރެއްވި އެވެ.

"އިއްޔެވެސް އަޅުގަނޑަށް އަޑުއިވުނީ 13 އަހަރުގެ ކުޑަ ކުއްޖަކާ ކައިވެނިކުރު މީހަކަށް ސެޓްފިކެޓްވެސް ދީފައިވާކަން. އަދި ގޯއްޗެއް ހޯދަން އެ މީހާ އެ ސެޓްފިކެޓް ހިފައިގެން ދައުލަތުގެ ވުޒާރާއަކަށް ދިޔައީމާ، އެ ސެޓްފިކެޓް ބަލައިގެންފައިވާ ވާހަކަ،" ނަޝީދު ވިދާޅުވި އެވެ.

އެކަހަލަ ނޭދެވޭ ކަންކަން ރާއްޖޭގައި އިތުރުވެފައިވަނީ ދިވެހީންގެ ވިސްނުން ބަދަލުކުރުމަށް ބަޔަކު މީހުން ކުރަމުންދާ މަސައްކަތުގެ ތެރެއިން ކަމަށާއި، އެކަން ހުއްޓުވުމަށް ސަރުކާރުގެ ކަމާބެހޭ އިދާރާތައް އިހުމާލުވެފައިވާކަމަށްވެސް ނަޝީދު ވިދާޅުވި އެވެ.

ނަޝީދު މިއަދު ވަނީ ފުލުހުންނާއި ސިފައިންގެ ތެރެއަށްވެސް އަނދިރި ދައުލަތް ފެތުރުފައިވާކަން ތަކުރާރު ކުރައްވައި، ސަލަމާތީ ބާރުތަކަށްވެސް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފަ އެވެ.

"އަޅުގަނޑުމެންނަށް މިހާރު މި ފެންނަނީ އަނދިރި ދައުލަތެއްގެ ތެރެއިން އެހެން ނިޒާމަކަށް މަސައްކަތް ކުރާ މަންޒަރު. އެ ބަޔަކު މި ވާދަކުރަނީ އަޅުގަނޑުމެންގެ ނިޒާމާ. ވިސްނައި މިދެނީ ރައްޔިތުންގެ މަޖިލީހުން ފާސްކޮށް ރައީސުލްޖުމްހޫރިއްޔާ ތަސްދީގުކޮށްފައިވާ ގާނޫނުތައް ނުދެމެހެއްޓުން އެންމެ ރަނގަޅޭ. ދިފާއީ ބާރާއި ފުލުހުންގެ ތެރޭގައި މި ފެންނަނީ އެފަދަ މައްސަލަތަކަށް އަޅާނުލާކަން. ވަރިހަމަކޮށްލައިގެން ތިބޭތަން،" ނަޝީދު ތުހުމަތު ކުރެއްވި އެވެ.

އެމަނިކުފާނު ވިދާޅުވި ގޮތުގައި، ކުޑަކުދީންގެ ހައްގުތައް ރައްކާތެރި ނުކުރެވެނީ އެކަމަށް ބޭނުންވާ ގާނޫނުތައް ނެތިގެން ނޫން ކަމަށާއި، ގާނޫނުތައް ތަންފީޒު ކުރަން ތިބޭ މީހުންގެ ތެރެއިން ބަޔެއްގެ އިހުމާލުން ކަމަށެވެ.

"އަޅުގަނޑުމެންނަށް މި ފެންނަނީ މުޅީން އާ ފަލްސަފާއެއް، ފިކުރެއް، ހިޔާލާތެއް. ދިވެހިން އުޅެންޖެހޭގޮތް ބަދަލުކުރަން ބަޔަކު ނުކުމެއްޖެ. އެހެންވީމާ މިހާރު ކުރަމުންމިދަނީ ފިކުރީ ހަނގުރާމައެއް. ގާނޫނެއް ލިޔެގެން މިކަމެއް ނުވާނެ. ގާނޫނު ތަންފީޒު ކުރަންތިބޭ މީހުން އެފަދަ މައްސަލަތައް ނުބައްލަވާ ދޫކޮށްލަވާނީ. ސަލާމަތީ ބާރުތައްވެސް އަނެއް ފަލްސަފާއަށް ލެބެން ފަށައިފި،" ނިދީން ހޭލައިގެން އެކަން ނުހުއްޓުވައިފިނަމަ، ދިވެހީން އެދޭ ކުރިއެރުމާއި ތަރައްގީ ނުގެނެވޭކަން ފާހަގަކުރައްވަމުން ނަޝީދު ވިދާޅުވި އެވެ.

ނަޝީދު އިތުރަށް ވިދާޅުވީ ސަރުކާރުން މިހާރު ކުރަމުންދަނީ އެ މައްސަލަ ހައްލުކުރުމުގެ ރާސްތާއެއް ހޯދުމުގެ މަސައްކަތް ކަމަށެވެ.

ޖުޑީޝަލް އެކެޑަމީން އިންތިޒާމްކޮށްގެން މިއަދުން ފެށިގެން އަންނަ ބުރާސްފަތި ދުވަހާ ހަމައަށް ލ. ފޮނަދޫގައި ކުރިއަށް ގެންދާ މި ސެމިނާރުގައި ކުޑަކުދިންގެ ހައްގުތަކާއި ކުޑަކުދިންގެ އަދުލުގެ ނިޒާމު ހަރުދަނާ ކުރުމަށް ޓަކައި ކަމާ ގުޅޭ އެންމެހާ މުއައްސަސާތައް ހޭލުންތެރި ކުރުވުމާއެކު، ފަނޑިޔާރުންނާއި ކަމާގުޅުން ހުރި މުއައްސަސާތަކުގެ ބޭފުޅުންގެ މެދުގައި ބައިނަލް އަގުވާމީ ބެސްޓް ޕްރެކްޓިސްތަކާއި މައުލޫމާތާއި ތަޖުރިބާ ހިއްސާކުރުމަށް ވަނީ ހަމަޖެހިފަ އެވެ.

އަދި ކުޑަކުދީންގެ ހައްގުތައް ރައްކާތެރި ކުރާނެ ގޮތުގެ ފުރިހަމަ މައުލޫމާތު ހިއްސާ ކުރާނެ ޕްލެޓްފޯމެއް ބައިވެރިންގެ މެދުގައި ގާއިމުކޮށް، ކުޑަކުދިންގެ އަދުލުގެ ނިޒާމު ކުރިއަށް ގެންދިއުމުގައި އިދާރާތަކަށް ކުރިމަތިވާ ގޮންޖެހުންތައް ބައިވެރިންގެ މެދުގައި ބަދަލުކޮށް މަޝްވަރާކުރާނެކަމަށްވެސް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން ޑިޕާޓްމަންޓް (ޑީޖޭއޭ) އިން ވަނީ ބުނެފަ އެވެ.

ތ. އަދި ލ. އަތޮޅުގެ މެޖިސްޓްރޭޓް ކޯޓުތަކުގެ މެޖިސްޓްރޭޓުންނާއި، ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހާއި، ޕޮލިސް އާއި، ޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސްއާއި، ލ. އަތޮޅު ކައުންސިލާއި، ލ އަތޮޅުގެ ސްކޫލުތަކާއި، ލ. އަތޮޅުގެ ފެމިލީ އެންޑް ޗިލްޑްރަން ސެންޓަރުތަކުން ޖުމްލަ 30 ބައިވެރިން މި ސެމިނާރުގައި ބައިވެރިވާ ކަމަށް ޑީޖޭއޭ އިން އިތުރަށް ބުންޏެވެ.