މީހެއްގެ ހަގީގީ ޝަހުސިއްޔަތު އެނގޭނީ އެމީހަކު ވޭޓަރުންނާ މެދު އަމަލު ކުރާ ގޮތަކުން ކަމަށް ވިލިއަމް އެޗް ސްވޯންސަން ގެ "ތާރޓީ ތްރީ އަންރިޓަން ރޫލްސް އޮފް މެނޭޖްމަންޓް" ފޮތުގައި ބުނެފައިވެއެވެ. މި ފިކުރަށް "ވެއިޓަރ ރޫލް" އޭ ކިޔައެވެ. މިއީ އެމެރިކާގެ ލިޔުންތެރިޔާ ޑޭވް ބެރީ ގެ ބަސްކޮޅަކުން ފައިދާ ވެގެން އައިސްފައިވާ "ރޫލް" އެކެވެ.
"މީހަކު ކަލެއަށް ކިތަންމެ ހެވަސް، ވޭޓަރަށް އަދަބުކުޑަކޮށް ހިތާނަމަ، އެމީހަކީ ހެޔޮ މީހެއް ނޫނެވެ." – ޑޭވް ބެރީ.
އެއްޗެކޭ ބުނަން ޖެހޭ ދަނޑިވަޅުގައި ބުނަން ޖެހޭ މީހާއާ ދިމާލަށް ބުނަން ނުކެރުނަސް، ވޭޓަރުންނާ ވާހަކަދައްކާއިރު ތިމާއަށްވުރެ ގައްޑާ މީހަކު ނެތޭ ހީވެ، ފުއްޕާ މީހުން ދިވެހިންގެ ތެރޭގައި ވެސް ވަރަށް ގިނައެވެ. "އޭ ފުރެންޑޫ" އޭ ކިޔާފައި ފެށިއަސް ޖުމްލައިގެ ބާކީ ބަޔަކުން އެބުނާ އެކުވެރިކަމެއް ނުފެނެއެވެ. މިފަދަ މީހުންނަށް ގިނަފަހަރު ސަޔެއް ބޮއެގެން ދެވޭ ކަމަށް ވަނީ ވޭޓަރަށް ތަފާތު އެތަކެއް ބުއިމެއް ބޯންދީފައެވެ.
ކެއިންބުއިމުގެ ކަންކަން ހަމަޖެއްސުމަކީ އާއިލާގެ ތެރޭގައި އަހަރެމެން ނުހަނު އިތުބާރުކުރާ އަދި ލޯބިވާ ބަޔަކު ރާވާ ހިންގަމުން ގެންދާ ކަންކަމެވެ.
ގިނަފަހަރު އެއީ މަންމައިންނާއި އަނބިންނެވެ. ޒަމާނަށް އައި ބަދަލުތަކުގެ ތެރެއިން ގިނަ ބައެއް މިހާރު މިވަނީ މި ޒިންމާ ހޮޓާ ކެފޭ އަދި ރެސްޓޯރެންޓްތަކާ ހަވާލު ކޮއްފައެވެ. ގޭތެރެއިން އެ ލިބުނު ރަހަ ލިބުނަސް ނުލިބުނަސް، ގިނަބައެއްގެ ދިރިއުޅުމަށް ހުންނަގޮތުން ބޭރުން ކެއުމަކީ ވަރަށް އާންމު ކަމެކެވެ. އެކަމަކު އަގުދީގެން ކަމެއް ކުރުވާނަމަ އެކަން ކޮއްދޭ ފަރާތަށް ކުރަން ޖެހޭނެ އިހުތިރާމެއް، ދޭން ޖެހޭނެ ގަދަރެއް އޮންނާނެ ކަމަކަށް ބައެއްމީހުން ނުދެކެއެވެ. ވޭޓަރުންނަށް ކަމެއްނެތި ބަވާ މީހުންގެ ވިސްނުމަކީ މިއީ ކަމަށް ވެދާނެއެވެ.
ވޭޓަރުންނަށް ވަރު ބޭލުމުގެ ފަހަތުގައި އަދި އެހެން ސަބަބެއް ވެސް އެބަ އޮތެވެ. އެއީ ވޭޓަރުންނަކީ މިއަދު މުޅީންހެން ބަންގާޅީންނަށް ވުމެވެ.
ބަންގާޅީއަކާ އާދައިގެ ގޮތަކަށް ވާހަކަ ދެއްކުމަކީ ވެސް ދަށް ކަމެއް ކަމަށް ގަބޫލުކުރާ މީހުން ގިނަ މި މުޖުތަމައުގައި، އާންމު އުސޫލަކީ ވޭޓަރުންނާ އަދަބުކުޑަކޮށް ވާހަކަ ދެއްކުން ކަމަށް ގަބޫލުކުރަން ދަތި ނުވެދާނެތާއެވެ. ނުވަދިހައިގެ އަހަރުތަކުގައި މާލޭގެ މަޝްހޫރު ސައި ހޮޓަލެއްގައި ވޭޓަރަކަށް އުޅުނު ދިވެއްސަކު ބުނި ގޮތުގައި އޭނާ ވޭޓަރަކަށް އުޅުނު ދުވަސްވަރު މި ކަމުގެ ތެރޭގައި މުޅިންހެން އުޅުނީ ދިވެހިންނެވެ. އޭރު ވެސް ވޭޓަރުންނަކީ ދަށް ބައެއްކަމަށް ދެކި އަދަބު ކުޑަކޮށް އެމީހުންނާ ވާހަކަދައްކާ މީހުން އުޅެއެވެ. އެކަމަކު މިއަދު ބިދޭސީ ވޭޓަރަށް ހަދާގޮތް ދިވެހިންނަށް ވީތީ އޭރު ނުހެދެނީ ކަމަށް އޭނާ ބުންޏެވެ.
"އަޅުގަނޑާ އެއްކޮށް ބަދިގެ ތެރޭގައި އުޅުނު ބައެއް ކުދިންވެސް އުޅޭނެ ކަސްޓަމަރުންގެ އުނދަގުލާހެދި ރުޅި އަރައިގަނެގެން. އަޅުގަނޑު އެންމެ ހަރު މީހަކަށް އޭރު އެތާ ހުރީ. ރުޅި އައިސްގެން މި ބުނާ ކަސްޓަމަރުންގެ ކާ ތަކެއްޗަށް ކުޅު ޖަހަނިކޮށް ފެނިގެން އަޅުގަނޑު ހުންނާނެ އެކަން ހުއްޓުވާ ނަސޭހަތް ދީފަވެސް. އެކުން އެހެން އެ ވަނީ ވެސް ހަމަ ބައެއް މީހުން ހޮޓަލަށް އަރާ، ކުރާ ޖެއްސުން ހައްދުން ނެއްޓޭތީ."
ވޭޓަރުންނަށް ކުރާ ދުއްތުރާލުގެ ތެރޭގައި މައްލަވައިގެ ބަސްތަކުން ފެށިގެންގޮސް ގަޔަށް ބޮލަށް އަރާ ހިސާބަށް ވެސް ދެއެވެ. ހާބަރު ކަޑައެއްގައި އުޅޭ ބިދޭސީ ވޭޓަރަކު ކިޔައިދިނެވެ.
"އަހަރެން ކޮއްކޯ ހުރީ ރާއްޖެ ކުރީގާ. މިހާރު ދިޔައީ. އޭނާ ހުރީ ހަމަ ވޭޓަރު. ކަސްޓަމަރު އޭނާ ވަރަށް އަނިޔާ. ބައިވަރު ބައިވަރު."
ބިދޭސީންނަށް އަނިޔާ ކުރުމުގެ އެތައް މައްސަލައެއް ފުލުހުންނަށް ވެސް ހުށަހެޅެއެވެ.
ބައެއް ގައުމުތަކާ ހިލާފަށް ވޭޓަރުންނަށް ޓިޕްސް ދިނުމަކީ ރާއްޖޭގައި އެހާ އާންމު ކަމެއް ނޫނެވެ. ހަރަދުތައް ހުންނަ ގޮތުން އެކަން ކުރެވެން ނޯންނަނީ ކަމަށް ވެސް ވެދާނެއެވެ. އެހެން ނަމަވެސް ޖެއްސުންކޮށް ފުރައްސާރަ ކުރާކަށް ނުޖެހޭނެއެވެ. ހިދުމަތެއް ހޯދުމަށް ލާރި ދިނުމަކީ އަދި އެ ހިދުމަތެއް ދޭ މީހާ އަޅަކަށް ހަދަން ޖެހޭ ކަމެއް ނޫނެވެ. މާލޭގައި ތިން ސައި ހޮޓާ ހިންގާ ފަރާތަކުން ބުނީ ކަސްޓަމަރުންގެ ތުރާލުގެ ޝަކުވާ ވޭޓަރުންގެ ކިބައިން ވަރަށް ގިނައިން އަންނަކަމަށެވެ. އަދި މި ކަމުގައި ހޮޓާތައް ހިންގާ ފަރާތްތައް ވެސް ގޯސް ހަދާ ކަމަށެވެ.
"މިސާލަކަށް އަޅުގަނޑު ގެ ހުރިހާ ހޮޓަލެއްގައިވެސް ސޭޓުންނަށް ތިބޭނީ ދިވެހިން. އެމީހުންނަށް އަންގާފައި އޮންނާނެ ވޭޓަރުންނަށް ބަލަން. އެމީހުންގެ ލޯ ކުރިމަތީ ކަސްޓަމަރަކަސް ބޭނުން ގޮތަކަށް އުޅޭކަށް ދުލެއް ނުކުރާނެ. ބައެއް ތަންތަނުގައި ވެރިއަކަށް ހުންނަ މީހާ ވެސް އެބަ ކަސްޓަމަރުން ކުރިމަތީ ބޭރު މީހުންވީމަ ވަރަށް އިހާނެތިކޮށް ވޭޓަރުންނަށް ކަން ކުރޭ. ބަސް ބުނޭ." އެމީހާ އިތުރަށް ބުންޏެވެ.
ގިނި ދުށް މީހާ ރަތް މަލަށް ބިރު ގަންނާނެއޭ ބުނެ އުޅެއެވެ. ކަމެއްގެ ސީރިއަސް ކަން ގިނަފަހަރު އެނގޭނީ ހިތި ތަޖުރިބާއެއް ކުރެވުނީމައެވެ.
"ބޭބެ މި ހޮޓަލަށް އަންނަތާ ވެދާނެ ދިހަ ވަރަކަށް އަހަރު. ކާ އެއްޗެއްގެ ސާފުތާހިރު ކަމުގެ ޝަކުވާއެއް ކުރާކަށް ނުޖެހޭ. އެކަމަކު އިހައްދުވަހު މިތާ ސައިބޯން އިން މީހަކު ހަމަ އަޑުކޮޅަށް ބޅ އަނބުރާފަ މިތާ އުޅޭ ސޮރަކާ ޒުވާބު ކޮއްފި ތިމަންނަ އަށް ފާޑުފާޑުގެ އެއްޗެހި އަޅައިގެންނޭ ކާއެއްޗެހި ގެނެއްސަ މިހުރީ. އެއީ ކޯއްޗެއް ކަމެއް ބުނާކަށް ވެސް ބޭބެ އަކަށް ނުކެރޭނެ." ލަދު ގޮތަކަށް ހެވިފައި އިނދެ މެދު އުމުރުގެ މީހަކު ކިޔާދިނެވެ.
އޭނާ ފާހަގަ ކުރިގޮތުގައި ބައެއް މީހުން އިންސާނެއް ވިއްޔާ ރުޅި އަންނާނެ ވަރަށް ވޭޓަރުންނަށް ޖެއްސުން ކުރެއެވެ. ބަދަލުގައި ކުރެވޭނެ މާ ބޮޑު ކަމެއް ނެތް ބަންގާޅީ ސޮރު ރައްދު ހަމަލާ ދޭނީ އޭނާއަށް ދެވެން އޮތް ގޮތަކަށް ތާއެވެ.
ވޭޓަރުންނަށް ފުރައްސާރަ ކުރުމަކީ ތަހުޒީބު މުޖުތަމައު ތަކުގައި އެއްގޮތަކަށްވެސް ބަލައިގަންނަ ކަންކަމެއް ނޫނެވެ. އެހެން ނަމަވެސް މި މައްސަލައަކީ އަޅުގަނޑުމެންގެ ތެރޭގައި އެކަނި އޮތްކަމެއް ނޫނެވެ. ތަފާތަކީ އަޅުގަނޑުމެންނާ ހިލާފަށް މި ދެންނެވި މުޖުތަމައު ތަކުގައި ވޭޓަރުންނަށް ކުރާ ތުރާސީރިއަސް ކަމެއްގެ ގޮތުގައި ބަލާކަމެވެ. މިގޮތުން ނިއުޒީލެންޑްގެ ބޮޑު ވަޒީރު ޖޯން ކީ އަކީ ވޭޓަރަކަށް ފުރައްސާރަކޮއްގެން ދާދި ފަހުން ނޫސް ތަކުގެ ފަލަ ސުރުހީއަށް އެރި ފަރާތެކެވެ. އޯކްލޭންޑްގެ އަންހެން ވޭޓަރެއްގެ އިސްތަށިގަނޑަށް ބޮޑުވަޒީރު "ސަމާސާއަކަށް" ދަމާލި ދެމުން ތަކުރާރު ވަމުން ގޮސް އެންމެ ފަހުން ވޭޓަރު އެކަން ނުކުރުމަށް އިންޒާރުކޮށް ބްލޮގެއްގައި އެވާހަކަ ލިޔަންވެސް ލިޔުނީއެވެ.
ބޮޑުވަޒީރު ކީ ވަނީ އެ ކެފޭއަށް އެނބުރި އައިސް ވޭޓަރުގެ ކިބައިން މާފަށް އެދިފައެވެ.
"ވޭޓަރުން ރުޅިއައިސްގެން މީހުންނަށް ދޭ ލަނޑު ފެނިފަ ހުރި މީހަކަށް ނުކެރޭނެ ވޭޓަރަކަށް ޖެއްސުން ކުރާކަށް ދުވަހަކު ވެސް." މާލޭގެ ރެސްޓޯރެންޓެއްގައި މަސައްކަތް ކުރުމައްފަހު މިހާރު ރިޒޯޓެއްގެ ބަދިގޭގައި ކޮމީ އަކަށް އުޅޭ ބިދޭސީ ޒުވާނަކު ބުންޏެވެ.
އޭނާ އެއްބަސްވި ގޮތުގައި އޭނާ ވެސް އެއްފަހަރަކު މީހަކަށް "ބަދިގޭ ހަމަލާއެއް" ދިނެވެ. އޭނާ މާލޭގައި އުޅުނު ރެސްޓޯރެންޓަށް އާންމުކޮށް އަންނަމުން ދިޔަ އޭނާގެ އުމުރުގެ ދެ ޒުވާނަކު ވަރަށް އުނދަގޫ ކުރި ކަމަށާ އޭނާގެ ކެތްތެރިކަން ކޮޅުންލީ އެ ދެމީހުން އަންހެން ކުދިންތަކެއް ގޮވައިގެން އައި ދުވަހަކު އޭނާ ލަދުގަންނަވާލުމުން ކަމަށް އޭނާ ބުންޏެވެ. އޭނާ އެ ދެ ޒުވާނުންގެ ކާތަކެއްޗަށް ހެދިގޮތް ކިޔާދިނުމަށް އަޅުގަނޑު އުޒުރުވެރި ވަމެވެ.
ވޭޓަރުންނާއި ކައްކާއިންގެ ހަމަލާތަކާމެދު ބިރު ނުގަންނަ، ބަންގާޅީ ވޭޓަރަށް ގަދަކަން ދައްކަން ކެރޭ ގަޓު ހުރި ފަހުލަވާނުންނަށް އަޅުގަނޑު ދައްކާލަން އޮތީ ހަމަ އެންމެ އެއްޗެކެވެ. ތަންކޮޅެއް ކުރިން ދެއްކި ޔޫޕީއެން ޓީވީގެ ސިލްސިލާ "ވެން ޝެފްސް އެޓޭކް" އެވެ. ޔޫޓިއުބް ހާވާލާށެވެ.
މިއަދުގެ ކެއުން ހަރާބުވީތީ ވަރަށް ބޮޑަށް މާފް ކުރައްވާށެވެ.