ދުނިޔެ

ދުނިޔޭގެ ހަމަޖެހުން ނަގާލަނީ އެމެރިކާއިން: ޗައިނާ

Nov 24, 2019

ގައުމުތަކުގެ މެދުގައި އިގްތިސޯދީ އަދި ހަތިޔާރުގެ ގޮތުން ވާދަވެރިކަން އުފައްދާ، ގައުމުތަކުގެ މެދުގައި އޮންނަ ހަމަޖެހުން ނަގާލަނީ އެމެރިކާއިން ކަމަށް ޗައިނާއިން ބުނެފި އެވެ.

ޖީ 20ގެ ގައުމުތަކުގެ ހާރިޖީ ވަޒީރުންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ޗައިނާގެ ފޮރިން މިނިސްޓަރު ވާންގްޔީ ވިދާޅުވީ، އެމެރިކާއިން ދަނީ އިންސާނީ ހައްގުތަކާއި، ޓެރަރިޒަމް ޝިއާރުތައް ބޭނުން ކޮށްގެން އެތައް ގައުމެއްގައި ހަމަނުޖެހުން އުފައްދަމުން ކަމަށެވެ. އަދި އެކަމުގެ ސަބަބުން މެދު އިރުމަތި އެއްކޮށް ވީރާނާވެފައިވާއިރު މިހާރު އަމާޒުހުރީ އޭޝިއާ ބައްރުގެ ގައުމުތަކަށް ކަމަށް ވެސް ވާންގްޔީ ވަނީ ވިދާޅުވެފަ އެވެ.

އެ ބައްދަލުވުމުގައި އިތުރަށް ވާންގްޔީ ވިދާޅުވީ، ހޮންގްކޮންގުގައި ކުރަމުންދާ މުޒާހަރާތަކާ ޗައިނާއާ ގުޅުމެއް ނެތް އިރުވެސް އެމެރިކާއިން ބުނަމުން ދަނީ މުޒާހަރާގެ އަމާންކަން ނަގާލީ ޗައިނާއިން ކަމަށެވެ. އަދި އެކަމުގެ ސަބަބުން ހޮންގްކޮންގުގެ ރައްޔިތުންގެ ހިތުގައި ޗައިނާ މީހުނާމެދު ނަފްރަތު އުފެދިފައިވާ ކަމަށް ވެސް ވާންގްޔީ ވިދާޅުވި އެވެ.

އެމެރިކާ ކުށްވެރިކޮށް ވާހަކަ ދައްކަވާ އިތުރަށް ވިދާޅުވީ، އެމެރިކާއިން މިހާރު މަސައްކަތް ކުރަނީ އޭޝިއާގެ ގައުމުތަކުގެ މެދުގައި ހަތިޔާރުގެ ވާދަވެރިކަން އުފައްދަން ކަމަށެވެ. އެގޮތަށް އަމަލުކޮށް މެދު އިރުމަތި ހަލާކުކޮށްފައިވާ ކަމަށް ވާންގްޔީ ވިދާޅުވި އެވެ.

ޗައިނާއިން އެމެރިކާއަށް ފާޑު ވިދާޅުވެ ވާހަކަ ދައްކާފައި މިވަނީ، އެމެރިކާއިން ޓައިވާނަށް ދެ ބިލިއަން ޑޮލަރުގެ ހަތިޔާރު ވިއްކަން ނިންމާފައި ވަނިކޮށެވެ. މިއާއެކު ޗައިނާއާ ޓައިވާނުގެ ގުޅުން ގޯސްވެ، ހަތިޔާރުގެ ވާދަވެރިކަން ވަނީ އުފެދިފަ އެވެ. މީގެ އިތުރުން އެމެރިކާއިން އެގައުމުގެ އެކުވެރި ގައުމުތަކުގެ އެހީގައި ޗައިނާ އުފެއްދުންތަށް ބޮއިކޮޓް ކުރަމުންދާ މައްސަލަ ވެސް ބައްދަލުވުމުގައި ވަނީ ފެންމަތިކޮށްފަ އެވެ.

މި ބައްދަލުވުމުގައި އެމެރިކާއިން ބައިވެރިވި ނަމަވެސް ޗައިނާގެ ވާހަކަތަކަށް ރައްދު ދީފައެއްނުވެ އެވެ.