ހިލޭ އެހީގެ ގޮތުގައި ދައުލަތަށް ހަރުމުދަލުގެ ގޮތުގައި ލިބޭ ތަކެތި، ޕަބްލިކް އެކައުންޓިން ސިސްޓަމްގައި ރަޖިސްޓްރީ ކުރަން ފިނޭންސް މިނިސްޓްރީން އެދިއްޖެ އެވެ.
މިނިސްޓްރީ އޮފް ފިނޭންސުން ދައުލަތުގެ ވުޒާރާތަކަށް ފޮނުވާފައިވާ ސާކިއުލާއެއްގައި ބުނި ގޮތުގައި މާލިއްޔަތު ގަވާއިދުގައި ބުނާ ގޮތުން ހަރުމުދަލުގެ ރަޖިސްޓްރީ ބަހައްޓަން ޖެހޭ ކަމަށެވެ. އެހެންކަމުން ދައުލަތަށް ހިލޭ އެހީގެ ގޮތުގައި ލިބޭ މުދަލާ ބެހޭ މައުލޫމާތު ޕަބްލިކް އެކައުންޓިން ސިސްޓަމްގައި ރެކޯޑު ކުރުމަށްޓަކައި އެކަމަށް ހާއްސަ ފޯމް ފުރިހަމަ ކުރުމަށްފަހު، ރެކޯޑު ކުރުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް އެދިފައިވެ އެވެ.
ފިނޭންސް މިނިސްޓްރީން އާއްމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި މި އަހަރުގެ މިހާތަނަށް ދައުލަތަށް ހިލޭ އެހީގެ ގޮތުގައި އެއް ބިލިއަނަށް ވުރެ ގިނަ ރުފިޔާ ލިބިފައިވެ އެވެ. ނަމަވެސް ދައުލަތަށް ހިލޭ އެހީގެ ގޮތުގައި ލިބޭ ހަރުމުދަލުގެ މައުލޫމާތު މިހާތަނަށް ސަރުކާރުން ހާމައެއް ނުކުރެ އެވެ.