ރިޕޯޓް

ޝަހީމްގެ އަޑުން ގުރުއާން ރިކޯޑްކޮށް ވިއްކުން: ލިބޭ ފައިސާ އެހީ އަށް!

ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ދަންނަނީ ކިހިނެތްތޯ އެވެ؟ ޔަގީނަށް ވެސް ދީނީ އިލްމުވެރިޔަކަށް ވުރެ ބޮޑަށް އަދި ގުރުއާން އެހާމެ ރީއްޗަށް ކިޔަވާ ވިދާޅުވާ ބޭފުޅަކަށް ވުރެ ބޮޑަށް ޝަހީމް ވަރަށް އިހަކާ ޖެހެންދެން އާންމުންގެ ތެރޭގައި މަޝްހޫރުވެ ވަޑައިގަތީ ސިޔާސީ ބޭފުޅެއްގެ ގޮތުގަ އެވެ.

ނަމަވެސް އަދާލަތު ޕާޓީގެ ތެރެއިން ސަރުކާރަށް ވަދެވަޑައިގެން އިސްލާމިކް މިނިސްޓަރު ކަމުގެ މަގާމު އަދާކުރައްވަމުން ގެންދެވި ޝަހީމް ވަނީ އެ ބޭފުޅާގެ އަދާލަތާއި ސަރުކާރު ސިޔާސީ ކަޅު ބޯވިލާގަނޑެއްގެ ދަށަށް ދިޔަ ދަނޑިވަޅުގައި މަގާމުން އިސްތިއުފާ ދެއްވުމަށް ފަހު ނަގޫރޯޅިއެއްހެން ސަރުކާރުން ނުކުމެވަޑައިގެން ގޮސް އެންމެފަހުން ސިޔާސީ ސްޓޭޖަށް ވެސް އަލްވަދާއު ކިޔުއްވައިފަ އެވެ.

އެއަށް ފަހު ވިދާޅުވެފައި ވަނީ ދެން ފެނިވަޑައިގަންނަވާނީ އިޖުތިމާއީ ދާއިރާއިން ކަމަށެވެ. އިޖުތިމާއީ ހިދުމަތްތަކުން ފެނިވަޑައިގަންނަވާނެ ކަމަށް ވިދާޅުވި ޝަހީމް އެ ބޭފުޅާގެ އަޑުން ގުރުއާން ރިކޯޑްކުރައްވައި އާންމުންނާ ހަމަ އަށް ގެނެސްދެއްވުމަށް ކުރައްވަމުން ގެންދަވާ މަސައްކަތަކީ ސިޔާސީ މައިދާނުން ނުކުމެ ވަޑައިގަތް ނުކުމެ ވަޑައިގަތުމަކީ ހަގީގަތެއްކަން ސާބިތުކޮށްދޭ ކަމެކެވެ.

ގައުމީ އިސްލާމިކް ޔުނިވާސިޓީގެ ވައިސް ޗާންސެލާގެ މަގާމުގައި ހުންނެވި ޝަހީމްގެ އަޑުން ރިކޯޑްކުރަމުން އަންނަ ގުރުއާނުގެ ސިލްސިލާގެ ފުރަތަމަ ރިކޯޑިން ނުވަތަ ރިކޯޑްކުރެއްވި ފުރަތަމަ ފޮތް މިހާރު ވަނީ އާންމުންނާ ހަމަ އަށް ނެރެން ގާތްގަނޑަކަށް ތައްޔާރުވެފަ އެވެ.

"މިހާރު އައްމާ ފޮތް އެއްކޮށް ނިމިފައި އެ ވަނީ. އަންނަ ހަފުތާގައި އަޅުގަނޑުމެން އެ ފޮތް އާންމުންނާ ހަމަ އަށް ނެރޭނަން،" ފޯނު މެދުވެރިކޮށް ވާހަކަ ދައްކަވަމުން ޝަހީމް އިއްޔެ ވިދާޅުވި އެވެ.

"އަޅުގަނޑު މި ވިސްނަނީ ކޮންމެ މަހެއްގައި ވެސް ފޮތެއް ނެރެމުންދާން. ރިކޯޑްކުރެވޭ މިންވަރަކުން ނެރެމުންދާން."

އެހެންވީމަ ޝަހީމްގެ މި ހިތްގައިމު ރިކޯޑިންގެ އަޑުއަހާލަން އާންމުންނަށް ލިބޭނީ ކިހިނެތް ހެއްޔެވެ؟ މި ރިކޯޑިން ވިއްކަނީ ހެއްޔެވެ؟ ނުވަތަ އެތައް ބައެއްގެ އެދުމުގެ މަތިން ކުރައްވަވާ ކަމަކަށްވާތީ ހިލޭ ސާބަހަށް އާންމުންނަށް މި ރިކޯޑިންގެ ސީޑީތައް ބައްސަވާލައްވަނީ ތޯ އެވެ؟

މިއީ ޝަހީމްގެ ހިތްގައިމު އަޑުފުޅުން ގުރުއާން ރިކޯޑްކުރައްވަން ފެއްޓެވުމުން ބައެއް މީހުންގެ ހިތުގައި އުފެދުނު ސުވާލުތަކެކެވެ.

"އަޅުގަނޑު މި ވިސްނަނީ ރަމްޒީ އަގެއްގައި މި ސީޑީ ގަންނަން ލިބޭނެ ގޮތެއް ހަދަން. އަދި އެއަށް ލިބޭ ފައިސާ ގުރުއާނުގެ އިލްމަށް ޚަރަދުކުރާ ގޮތަށް ވަގުފުކުރަން. އެކަންތައް އަޅުގަނޑު ކުރިއަށް ގެންދާނީ އެންޖީއޯއެއް މެދުވެރިކޮށް،" މި ސުވާލުތަކަށް ޝަހީމް ދެއްވި ޖަވާބަކީ މިއީ އެވެ.

"ޒުވާން ޓީމަކުން ކުރިއަށް ގެންދާ ކަމެއް މިއީ. ސީދާ ހުރިހާ ކަމެއް އަދި ފައިނަލްއެއް ނުވޭ. އެހެން ނަމަވެސް އެގޮތަށް ސީޑީގެ ކަންކަން ކުރިއަށް ގެންދިއުމަށް ވާނީ ހިޔާލު އަރުވާފައި"

"އަޅުގަނޑުގެ ވިސްނުމަކީ ކޮންމެވެސް އަގެއްގައި ދޫކޮށްލާފައި އެއިން ލިބޭ ފައިސާ ގުރުއާން ކްލާސްތަކަށާއި އިސްލާމީ މަސައްކަތްތަކަށް އެފަދަ ގޮތަކަށް ހޭދަކުރަން."

އޭނާ ވިދާޅުވީ ގުރުއާނުގެ ރިކޯޑިން ވިއްކައިގެން ލިބޭ ފައިސާ އަމިއްލަ ބޭނުމަކަށް ހޭދަކުރެއްވުމުގެ ބަދަލުގައި އިސްކަން ދެއްވާނީ އާންމުންނާއި އެހެން ފަރުދުންނަށް އެހީތެރިކަން ފޯރުކޮށް ދެއްވުމަށެވެ.

"އަޅުގަނޑުގެ އަމިއްލަ ބޭނުމަކަށް (މި ފައިސާ) ބޭނުންނުކުރާ ގޮތަށް،" ޝަހީމް ވިދާޅުވި އެވެ.

"ވާގޮތަކީ ގުރުއާން މުބާރާތްތައް ބޭއްވުމަށް އެ މުބާރާތްތަކުގައި ދޭނެ އިނާމުތައް ހޯދުމަށް ވެސް ވަރަށް ގިނަ ތަންތަނުން އަޅުގަނޑުމެންނަށް ގުޅާހަދާ. އެހެންވީމަ އެފަދަ ފަރާތްތަކަށް އެހީ ލިބޭނެ ފަންޑެއްގެ ތެރެއިން މިކަންތައް ކުރިއަށް ގެންދަން ބޭނުންވަނީ."

މިއީ ސިޔާސީ ރޯގާއެއްގައި ޖެހިގެން ޝަހީމަށް ފާޑުކިޔައި އެބޭފުޅާއާ ދިމާލަށް ރުޅިވެރިކަން އިސްކުރި ފަރާތްތަކުން މިއަދު އެ ބޭފުޅާ ބަލައިގަންނަން ޖެހޭ ސަބަބެކެވެ. ނަމަވެސް ފާހަގަކޮށްލަން ޖެހެނީ ޝަހީމްގެ އަޑުން ގުރުއާން ރިކޯޑްކޮށް ނެރެން އުޅޭތީ އެކަމަށް ވެސް ބައެއް ފަރާތްތަކުގެ ފާޑުކިޔުން އަމާޒުވެފައިވާ ކަމެވެ.

ބައެއް ފަރާތްތަކުން މި ބޭފުޅާގެ މި އަމަލު ސިފަކުރަނީ "ވިޔަފާރިއެއް" ގެ ގޮތުގަ އެވެ.

"މިކަން އަޅުގަނޑުމެން މިކުރަނީކީއެއް ވިޔަފާރިއެއްގެ ގޮތުގައެއް ނޫން. އެކަހަލަ ނިޔަތެއް ނެތް ހަގީގަތުގައި،" ޝަހީމް ވިދާޅުވީ މިހެންނެވެ.

"ދީނީގޮތުން ބަލާއިރު މައްސަލައެއް ނޫން މިއީކީ. މިކަހަލަ ކަމަކަށް އަގެއް ނުވަތަ މަސައްކަތަށް އަގެއް ނެގުން. މިއީ ދުނިޔޭގެ އެހެން ތަންތަނުގައި ވެސް އިލްމުވެރިން މަނާކޮށްފައި އޮންނަ ކަމެއް ނޫން،" ގުރުއާން ރިކޯޑްކޮށްގެންނާއި މަދަހަ ސީޑީތައް ހަދައިގެން ބާޒާރަށް ނެރުމަކީ ދީނީ ނަޒަރަކުން ބަލާއިރު ކޮން ކަހަލަ ކަމެއްތޯ ދެންނެވުމުން ޝަހީމް ވިދާޅުވި އެވެ.

މި މޭރުމުން ވާހަކަ ދައްކަވަމުން ޝަހީމް ވިދާޅުވީ މަސްރަހް އޮތްގޮތުން މި ވަގުތަށް އެބޭފުޅާގެ ހިތް އެ ބޭފުޅާ އަށް ބާރުއަޅުއްވަނީ އިލްމީ މަސައްކަތްތަކުގައި ދެމިހުންނެވުމަށް ކަމަށެވެ.

"އެހެންވީމަ އަޅުގަނޑު ކިޔަވާފަ ހުރި އެއްޗިއްސާއި ނޮލެޖު ވަރަށް ބޮޑަށް އެހެން މީހުންނާ ހިއްސާކުރަން ބޭނުން. އަޅުގަނޑަށް ގަބޫލުކުރެވޭ ގޮތުގައި އަޅުގަނޑަށް މިހާރު ކުރެވުނު އިލްމީ މަސައްކަތްތަކެއް އެޝްޓަބްލިޝްކުރެވޭނީ. މީގެ ވިއްސަކަށް އަހަރު ފަހުން މިފަދަ މަސައްކަތްތަކެއް ކުރަން ފަހަރެއްގައި އުނދަގޫވެދާނެ. މުސްކުޅިކަމުގެ ތެރެއަށްތާ ދެން ދާނީ،" ޝަހީމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ސިޔާސީ މައިދާނުގައި އުޅުއްވިއިރު ވެސް އެ ބޭފުޅާ އަކީ ސިޔާސީ ފޯރިއެއް އަރާވަޑައިގެން ވެރިކަމުގެ ބާރުތަކަށް ދަހިވެތިވެގެން އުޅުއްވި ބޭފުޅެއް ނޫން ކަމަށާއި މަގާމުގެ ހައިސިއްޔަތުން ކުރެއްވި ކަންތައްތައް އެފަދަ ގޮތަކަށް މާނަ ކުރެއްވުމަކީ ވެސް އެދިވަޑައިގަންނަވާ ކަމެއް ނޫން ކަމަށެވެ.

"ސިޔާސީ މައިދާނުގައި އުޅުނުއިރު ވެސް އަޅުގަނޑު ވަރަށް ބޮޑަށް ކުރަމުން ދިޔައީ ދީނީ ކަންތައްތަކެއް. އިސްލާމްދީނުގެ ކަންކަން ދިފާއުކުރުން ނޫނީއްޔާމު އިސްލާމީ މަސައްކަތްތަކުގެ ތެރޭގައި އުޅުން،" ޝަހީމް ވިދާޅުވި އެވެ.