މެލޭރިއާ

އަތުލާ މަސް ބޯޓުތަކުން މެލޭރިއާ މަދިރި އެތެރެ ވެދާނެ: ޖަމްޝީދު

ރާއްޖޭގެ ކަނޑުގެ ސަރަހައްދުން އަތުލައިގަނެވޭ ބޭރުގެ އުޅަނދު ފަހަރުން މެލޭރިއާ ފަތުރާ މަދިރި ރާއްޖެ އެތެރެވުމުގެ ފުރުސަތު ބޮޑު ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ދެކުނު އޭޝިއާގެ އަށް ކަނޑައަޅުއްވާފައި ހުންނަވާ އެޑްވައިޒަރު ޑރ. އަހްމަދު ޖަމްޝީދު ވިދާޅުވެއްޖެ އެވެ.

ކުރިން ރާއްޖޭގެ ހެލްތު މިނިސްޓަރުކަން ވެސް ކުރެއްވި ޖަމްޝީދު ޓުވީޓެއް ކުރައްވާ ވިދާޅުވީ ގަވާއިދާ ހިލާފަށް ރާއްޖޭގެ ކަނޑުގެ ސަރަހައްދުތަކަށް ވަންނަ އުޅަނދު ފަހަރު ސިފައންގެ ބެލުމުގެ ދަށުން ރާއްޖޭގެ ބަނދަރުތަކަށް ވައްދާއ އިރު އެފަދަ އުޅަނދުތަކުން މެލޭރިއާ ފަތުރާ މަދިރިއާއި އެނޫން ވެސް ސޫފާސޫފި ރާއްޖެ އެތެރެވުމުގެ ފުރުސަތު ބޮޑު ކަމަށެވެ.

ޖަމްޝީދު މިހެން ވިދާޅުވެފައި ވާއިރު މިދިއަ ހަފުތާގައި ވެސް ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ގަވާއިދާ ހިލާފަށް މަސްވެރިކަން ކުރަމުންދިޔަ ސްރީލަންކާގެ ހަތް މަސްބޯޓެއް ހިފަހައްޓައި ވަނީ ހުޅުމާލޭ ބަނދަރަށް ވައްދާފަ އެވެ.

އޭނާ ވިދާޅުވީ މިހާރު ސްރީލަންކާގައި ފެތުރެމުންދާ އެނޯފިލިސް މަދިރީގެ ބާވަތަކީ ލަންކާގެ ސަރަހައްދުން އަތުލައިގަތް އިންޑިއާގެ މަސް ބޯޓުތަކަކުން ފެތުރިފައިވާ އެއްޗެއް ކަމަށް ބެލެވޭ ކަމަށެވެ. އެހެންވެ ދިވެހިން މި ކަމަށް ސަމާލުވުން މުހިންމު ކަމަށެވެ.

ރާޢްޖެއިން މެލޭރިއާ އެއްކޮށް ނައްތާލާފައިވާ ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ކަނޑައަޅާފައިވަނީ 2015 ވަނަ އަހަރުގަ އެވެ.

ޑަބްލިއުއެޗްއޯ ގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މެލޭރިއާ ބަލީގައި މުޅި ދުނިޔެއިން އަހަރަކު ގާތްގަނޑަކަށް 435،000 މީހުން މަރުވަމުން ދާއިރު އޭގެތެރެއިން 90 ޕަސެންޓަކީ އެފްރިކާއަށް ނިސްބަތްވާ ފަސް އަހަރުން ދަށުގެ ކުޑަކުދިން ނެވެ.