ދުނިޔެ

ހޮންގްކޮންގުގެ އިންތިހާބު ކާމިޔާބު ކުރީ ޑިމޮކްރެޓިކް ކެންޑިޑޭޓުން

ހޮންގްކޮންގުގެ ސިލްސިލާ މުޒާހަރާތައް ފެށި ފަހުން އެ ގައުމުގައި ފުރަތަމަ ފަހަރަށް ބޭއްވި އިންތިހާބު ކަމަށްވާ، ކައުންސިލް އިންތިހާބު ޑިމޮކްރެޓިކް ކެންޑިޑޭޓުން ކާމިޔާބުކޮށްފި އެވެ.

އިންތިހާބު ބާއްވާފައި ވަނީ ހޮންގްކޮންގުގެ 18 ޑިސްޓްރިކްޓަކަށް 452 ކައުންސިލަރުން ހޮވާށެވެ. އިންތިހާބުގެ ނަތީޖާ އިއުލާން ކުރަން ފަށާފައިވާއިރު، ހޮންގްކޮންގުގެ ލީޑަރު ކެރީ ލޭމްގެ ތާއީދާއެކު ނިކުތް ގިނަ ކެންޑިޑޭޓުން ވަނީ ބަލިވެފަ އެވެ. ސަރުކާރަށް ލިބިފައި ވަނީ 58 ގޮނޑި އެވެ. އިދިކޮޅު ޑިމްކޮރެޓިކް ކެންޑިޑޭޓުން ވަނީ 388 ގޮނޑި ކާމިޔާބުކޮށްފަ އެވެ. އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބިފައިވަނީ 2.94 މިލިއަން މީހުނަށެވެ.

ހޮންގްކޮންގުގެ ޑިސްޓްރިކްޓު ކައުންސިލަރުންނަކީ ގާނޫނީ ގޮތުން މާ ގިނަ މަސްއޫލިއްޔަތުތަކެއް ހަވާލު ކޮށްފައިވާ ބައެއް ނޫނެވެ. ނަމަވެސް ހޮންގްކޮންގުގެ ލީޑަރު، ނުވަތަ ޗީފް އޮފް އެގްޒެކެޓިވް އޮފް ހޮންގްކޮންގުގެ މަގާމަށް މީހަކު އައްޔަން ކުރުމަށް މި ކައުންސިލަރުންގެ ވޯޓު މުހިންމު ވާނެ އެވެ.

މީގެ ތެރެއިން ކައުންސިލަރުންގެ މަގާމަށް ހޮވުނު ގިނަ ފަރާަތްތަކުން ބުނެފައި ވަނީ، ކެރީ ލޭމް މަގާމުން ދުރު ކުރުމަށް މަސައްކަތް ކުރާނެ ކަމަށެވެ. ހޮންގްކޮންގުގެ ގިނަ ރައްޔިތުން މިހާރު ބޭނުން ވަނީ ކެރީ ލޭމް މަގާމުން ވަކިކޮށް ޗައިނާގެ ނުފޫޒުން ގައުމު މިނިވަން ކުރުމަށެވެ. ޗައިނާގެ ނުފޫޒާއެކު ކެރީ ލޭމް ވަނީ ދެ ފަހަރެއްގެ މަތިން ކައުންސިލް އިންތިހާބު ފަސްކޮށްފަ އެވެ.

ނަމަވެސް ހަމަނުޖެހުންތައް އިތުރު ވަމުންދަނީ ޗައިނާ ސަރުކާރުގެ އެންގުމާ ހިލާފަށް ކެރީ ލޭމް ނިންމީ ކައުންސިލް އިންތިހާބު ބާއްވާށެވެ. މަގާމަށް ހޮވުނު ކައުންސިލަރުން މިހާރު ވަނީ އެމެރިކާ އާއި އިނގިރޭސިވިލާތާ ގުޅިގެން ހޮންގްކޮންގުގައި ޑިމްކޮރަސީ ގާއިމް ކުރުމުގެ މަސައްކަތް ފަށައިފަ އެވެ.