އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މަގާމުން ދުރުކުރުމަށް ގާނޫނު ހަދާ މަޖިލީހުގެ ތިރީގޭގައި ތިބި އިދިކޮޅު މެމްބަރުން ކުރަމުން ގެންދާ މަސައްކަތުގެ ދެވަނަ މަރުހަލާ މިހާރު ފަށަން ތައްޔާރުވެފައިވާ ކަމަށް ޑިމޮކްރަޓިކް ޕާޓީން ބުނެފި އެވެ.
ޓްރަމްޕް މަގާމުން ވަކިކުރުމުގެ މަސައްކަތް އިދިކޮޅުން ފެށީ، ޔޫކްރެއިންގެ ރައީސް ވޮލޮޑިމީރް ޒެލެންސްކީއަށް ކުރެއްވި ފޯނު ކޯލެއްގެ މައްސަލައިގަ އެވެ. އެ ފޯނު ކޯލުގައި ޓްރަމްޕް، ޒެލެންސްކީގެ ކިބައިން ވަނީ، ވާދަވެރި ޑިމޮކްރަޓިކް ޕާޓީގެ ޖޯ ބައިޑަންއާމެދު ތަހުގީގެއް ހިންގުމަށް އެދިވަޑައިގެންފަ އެވެ. އިދިކޮޅުން ދެކޭ ގޮތުގައި މިއީ ޓްރަމްޕު ރިޔާސީ އިންތިހާބަށް ނުފޫޒު ފޯރުވުމުގެ ގޮތުން ކުރައްވަން އުޅުނު ކަމެކެވެ.
ބައިޑަންއާ ވާދަކުރައްވަން ޖެހިވަޑައިގަތުމަކީ ޓްރަމްޕަށް އަންނަ ރިޔާސީ އިންތިހާބުގައި ކުރިމަތިލައްވަން ޖެހިވަޑައިގަންނަވާނެ އެންމެ ބޮޑު ގޮންޖެހުމެވެ. ޔޫކްރެއިންގެ ރައީސްގެ ކިބައިން ޓްރަމްޕް އެދިވަޑައިގެންފައިވަނީ ބައިޑަންއާއި އޭނާގެ ފިރިހެން ދަރިފުޅު ޔޫކްރެއިންގެ ހަކަތައާ ބެހޭ ކުންފުންޏަކާއެކު ކުރި ވިޔަފާރީގެ މުއާމަލާތެއްގައި ކޮރަޕްޝަންގެ ހިމެނޭ މައްސަލަ ބަލައި ދިނުމަށެވެ.
މި ފޯނު ކޯލުގެ މައްސަލަ ބޮޑުކޮށް އިދިކޮޅުން ވަނީ މައްސަލަ ކޯޓަށް ހުށަހަޅައިފަ އެވެ. މި މައްސަލައިގެ ހެކި ބަސް ނެގުމުގެ މަސައްކަތް މިދިޔަ ދެ ހަފްތާ ތެރޭގައި ވަނީ ނިންމައިފަ އެވެ. އަދި މައްސަލަ އިތުރަށް ބެލުމުގެ ގޮތުން ކޮމިޓީއެއް އުފައްދާފަ އެވެ. ޓްރަމްޕް ދެއްވި ހެކިބަހާއި ފޯނު ކޯލުގެ ރިކޯޑިން އެނަލައިޒް ކުރުމަށްފަހު ކޮމިޓީން ވަނީ ރިޕޯޓެއް ތައްުޔާރުކޮށްފަ އެވެ. މި ރިޕޯޓް ފޮނުވަން ހަމަޖެހިފައިވަނީ ހައުސް އޮފް ޖުޑިޝަރީ ކޮމިޓީއަށެވެ. އެއަށްފަހު ޖުޑިޝަރީ ކޮމިޓީއަށް ޓްރަމްޕް މަގާމުން ދުރުކުރަން ފެންނަ ކަމަށްވާނަމަ އެކަމަށް މުއްދަތެއް ކަނޑައަޅާނެ އެވެ.
ޓްރަމްޕް މަގާމުން ވަކިކުރުމުގެ މައްސަލައިގައި އެންމެ އިސްކޮށް ހަރަކާތްތެރިވާ ގާނޫނު ހަދާ މަޖިލީހުގެ އިންޓެލިޖެންސް ކޮމިޓީގެ ޗެއާމަން އެޑަމް ޝިފް ވިދާޅުވީ، ކުރިއަށް އޮތް ތަނުގައި ޓްރަމްޕާ ދެކޮޅަށް ގިނަ ކިތާބީ ހެކިތަކެއް ލިބޭނެ ކަމަށެވެ. އަދި ހެކިތައް ޖުޑިޝަރީ ކޮމިޓީއަށް ހުށަހަޅާނެ ކަމަށެވެ.
މަގާމުން ވަކިކުރުމުގެ މަސައްކަތް އިދިކޮޅުން ފެށުމުން ޓްރަމްޕް ވިދާޅުވެފައިވަނީ، ރައީސް ކަމުގެ މަގާމުން ދުރުކުރަން ޖެހޭ ވަރުގެ ކުށެއް ކުރައްވާފައި ނޯންނާނެ ކަމަށެވެ. އަދި މިއީ އަންނަ ރިޔާސީ އިންތިހާބުގައި އެމަނިކުފާނަށް ވާދަކުރުމުގެ ފުރުސަތު ގެއްލުވާލުމުގެ ގޮތުން ކުރަމުންދާ ކަމެއް ކަމަށް ވެސް ވަނީ ވިދާޅުވެފަ އެވެ.