ރާއްޖޭގެ ސަލާމަތީ ބާރުތަކާ ބެހޭ ގޮތުން ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ދައްކަވާ ވާހަކަތައް ތަހުގީގު ކުރަންޖެހޭ ކަމަށް ކުރީގެ ނާއިބް ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެ އެވެ.
ޖަމީލް މިހެން ވިދާޅުވެފައިވަނީ ރާއްޖޭގައި ދީނީ ހަރުކަށި ފިކުރުގެ ފަލްސަފާގެ މައްޗަށް އުފެދިފައިވާ އަނދިރި ދައުލަތަށް ސަލާމަތީ ބާރުތައް ލެބެން ފަށާފައިވާކަމަށް ވިދާޅުވެ، ފުލުހުންނާއި ސިފައިންނަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ފާޑުވިދާޅުވެފައި ވަނިކޮށެވެ. ތ. އަތޮޅާއި ލ. އަތޮޅުގެ ޖުޑީޝަލް ދާއިރާއަށް ހާއްސަކޮށްގެން ކުރިއަށް ގެންދާ ކުޑަކުދިންގެ ހައްގުތަކާއި ކުޑަކުދިންގެ އަދުލުގެ ނިޒާމާ ބެހޭ ސެމިނާރު އިފްތިހާހުކޮށް ދެއްވަމުން ނަޝީދު ވިދާޅުވީ އަނދިރި ދައުލަތެއްގެ ތެރެއިން ދިވެހީންގެ ހިތްތަކާ ބީރަށްޓެހި ފަލްސަފާއެއް ފެތުރެން ފަށާފައިވާ ކަމަށެވެ.
ނަޝީދުގެ ވާހަކަތަކަށް ރައްދު ދެއްވަމުން ޖަމީލް ވިދާޅުވީ ރައީސް ނަޝީދު ކުރައްވާފައިވަނީ ސީރިއަސް އިލްޒާމްތަކެއް ކަމަށާ އެކަމުން ވަރަށް ނުރައްކާ ނަތީޖާތަކެއް ނުކުމެދާނެ ކަމަށެވެ.
"ރާއްޖޭގެ ސަލާމަތީ ބާރުތަކާ ބެހޭ ގޮތުން މަޖިލިސް ރައީސް ދައްކަވާ ވާހަކަތައް ތަހުގީގު ކުރަންޖެހޭ. އެއީ ސީރިއަސް އިލްޒާމްތަކެއް، ނުރައްކާ ނަތީޖާތަކެއް ނުކުމެދާނެ ކަމެއް. ގައުމީ ސަލާމަތަށް މި ވާހަކަތަކުން ނުރައްކާވޭ." ޖަމީލް ވިދާޅުވިއެވެ.
ކުރިންވެސް ސިފައިންނަށް 'މަނީ މަނީ ޔެސް ސާ' ކިޔައިގެން ފޮށި ގަދަރަށް އަރައިގަތް. ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހުޅުޖެހި. ތަޅާނެ ކުދިންކޮޅެއް ހޯދަން މަޝްވަރާކުރި. މި އަމަލްތައް ތަކުރާރުވުމުގެ ފުރުސަތު އެބައޮތް. މިއީ ސަލާމަތީ ބާރުތަކުގެ ވެރިން ހަނު ހުންނަ ވަރުގެ ކަމެއް ނޫންޑރ. މުހައްމަދު ޖަމީލް އަހުމަދު | ކުރީގެ ނާއިބް ރައީސް
ޖަމީލް ވިދާޅުވީ މިއީ ރައީސް ނަޝީދު ސަލާމަތީ ބާރުތަކަށް ފުރައްސާރަކޮށް އަދި ބޮޑެތި ތުހުމަތުތައް ކުރެއްވި ފުރަތަމަ ފަހަރު ނޫން ކަމަށެވެ. އެހެންކަމުން އެ މުއައްސަސާތަކުގެ ވެރިން އެފަަދަ ކަންކަމާ ހަނު ހުރެގެން ނުވާނެ ކަމަށް ވިދާޅުވިއެވެ.
"ކުރިންވެސް ސިފައިންނަށް 'މަނީ މަނީ ޔެސް ސާ' ކިޔައިގެން ފޮށި ގަދަރަށް އަރައިގަތް. ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހުޅުޖެހި. ތަޅާނެ ކުދިންކޮޅެއް ހޯދަން މަޝްވަރާކުރި. މި އަމަލްތައް ތަކުރާރުވުމުގެ ފުރުސަތު އެބައޮތް. މިއީ ސަލާމަތީ ބާރުތަކުގެ ވެރިން ހަނު ހުންނަ ވަރުގެ ކަމެއް ނޫން" ޖަމީލް ވިދާޅުވިއެވެ.
ރައީސް ނަޝީދު އިއްޔެ ވިދާޅުވީ ސަލާމަތީ ބާރުތައް ހިމެނޭ ގޮތަށް ރާއްޖޭގައި އަމުރު މައުރޫފު ހިންގާ މީހުންގެ ތެރެއަށްވެސް ހަރުކަށި ފިކުރުގެ ފަލްސަފާ ފެތުރި، އެ ފިކުރަށް ލެނބެން ފަށާފައިވާ ކަމަށެވެ.
"އަޅުގަނޑުމެންނަށް މިހާރު މި ފެންނަނީ އަނދިރި ދައުލަތެއްގެ ތެރެއިން އެހެން ނިޒާމަކަށް މަސައްކަތް ކުރާ މަންޒަރު. އެ ބަޔަކު މި ވާދަކުރަނީ އަޅުގަނޑުމެންގެ ނިޒާމާ. ވިސްނައި މިދެނީ ރައްޔިތުންގެ މަޖިލީހުން ފާސްކޮށް ރައީސުލްޖުމްހޫރިއްޔާ ތަސްދީގުކޮށްފައިވާ ގާނޫނުތައް ނުދެމެހެއްޓުން އެންމެ ރަނގަޅޭ. ދިފާއީ ބާރާއި ފުލުހުންގެ ތެރޭގައި މި ފެންނަނީ އެފަދަ މައްސަލަތަކަށް އަޅާނުލާކަން. ވަރިހަމަކޮށްލައިގެން ތިބޭތަން،" ނަޝީދު ތުހުމަތު ކުރެއްވި އެވެ.
ރައީސް ނަޝީދުގެ ވާހަކަތަކާއިމެދު ހިތަދޫ މެދު ދާއިރާގެ ކުރީގެ މެންބަރު އަދި ބްރިގޭޑިއާ ޖެނެރަލް އިބްރާހިމް މުހައްމަދު ދީދީވެސް ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.
ނަޝީދުގެ ވެރިކަމުގައި މާލޭ އޭރިޔާގެ ކުރީގެ ކޮމާންޑަރަށް ހުންނެވި ދީދީ ވިދާޅުވީ ސިފައިންނާ ފުލުހުންނަކީވެސް ގައުމުގެ އިސްތިރާޖީ ތަރިކަ ކަމަށެވެ. އަދި އެއީވެސް އިންސާނުން ކަމަށްވާރީ މައްސަލަތަކަށް އުޅެދާނެ ކަމަށެވެ. އެހެން ނަމަވެސް ސިފައިންނާއި ފުލުހުންގެ ތެރޭގައި މައްސަލައެއް އުޅޭނަމަ އެކަންކަން ހައްލުކުރަންވާނީ ސިޔާސީ ނުކޮށް ޕްރޮފެޝަނަލްކޮށް ކަމަށް ވިދާޅުވިއެވެ.
"ސިޔާސީގޮތުން ގައުމަށް ހެޔޮއެދޭ ހުރިހާ ފަރާތްތަކުން ސިފައިންނާއި، ފުލުހުންގެ މައްސަލައެއް އުޅޭނަމަ އެކަން ސިޔާސީނުކޮށް ހައްލުކުރަން ޖެހޭނީ ޕްރޮފެޝަނަލްކޮށް." ދީދީ ވިދާޅުވިއެވެ.