ފައިސަލް ނަސީމް

ހަ އަހަރުގެ ހާފިޒް، ޔޫޔޫއަށް ނާއިބް ރައީސް ހިތްވަރު ދެއްވައިިފި

އުމުރުން އެންމެ ހަ އަހަރުގައި ކީރިތި ގުރުއާން ހިތުން ދަސްކުރި ރ. އިނގުރައިދޫ، އުދަރެސް / ޔޫސުފް ބިން މާޒިން (ޔޫޔު) އަށް، ރައީސުލްޖުމްހޫރިއްޔާގެ ނާއިބް ފައިސަލް ނަސީމް ހިތްވަރު ދެއްވައިފި އެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ނާއިބް ރައީސް ފައިސަލް ނަސީމް ވަނީ ޔޫސުފްއާއި އޭނާގެ މައިބަފައިންނާ ބައްދަލްކުރައްވާފައެވެ. އަދި ކީރިތި ގުރުއާން ހިތުން ދަސްކުރުމުގައި ޔޫސުފް ކުރި މަސައްކަތަށް ފައިސަލް ވަނީ ހިތްވަރު ދެއްވާފައެވެ.

ހަ އަހަރުގައި ކީރިތި ގުރުއާން ހިތުން ދަސްކުރި ޔޫސުފް ބިން މާޒިން (ޔޫޔު) ގެ ވާހަކަ އާންމުންގެ ސަމާލުކަމަށް އައީ ޔޫޔުއާއި ގުޅޭގޮތުން އަވަސްގައި ގެނެސްދިން ޚާއްސަ އިންޓަވިއުންނެވެ. އެ އިންޓަވިއުގައި ޔޫޔު، ކީރިތި ގުރުއާން ހިތުން ދަސްކުރުމަށް ކުރި މަސައްކަތް އޭނާގެ ބެލެނިވެރިން ވަނީ ކިޔައިދީފައެވެ. އަދި ޔޫޔުއަށް އެ މަސައްކަތްކޮށްދިން ދޮންދޫނި ލިޓުލް ލާނާސް ޕްރީ ސްކޫލްގެ ވާހަކަތައްވެސް ވަނީ ގެނެސްދީފައެވެ.

ޔޫޔުގެ މަންމާ، އުންމު ހާނީއަކީ ރީތިކޮށް ގުރުއާން ކިޔަވާ، ގުރުއާނުގެ ތަރިއެކެވެ. ޓީވީއެމްގައި އެންމެ ފަހުން ބޭއްވި "އެންމެ އަލިގަދަ ތަރި" މުބާރާތުގައި އޭނާ ވަނީ ދެވަނަ ހޯދާފަ އެވެ. އަދި އުންމު ހާނީއަކީ ކީރިތި ގުރުއާން ހިތުދަސް ހާފިޒެކެވެ.

ޔޫޔުއަކީ ވަރަށް ކުޑައިރުން ފެށިގެން ރީތިކޮށް މަޚުރަޖަށް ކިޔަވަން ފެށި ކުއްޖެކެވެ. އޭނަގެ މަންމާ، އުންމު ހާނީއަކީ ގުރުއާން ކިޔަވައިދޭ މުދައްރިސެކެވެ. މަންމާ ކިޔަވައިދޭ އިރު ޔޫޔު ވެސް ދިޔައީ ފަހަތުން ގުރުއާންގެ އާޔަތްތައް ރީތި މަހުރަޖާގައި ކިޔަވައި ހިތުދަސް ކުރަމުންނެވެ. އެކަންވީ އާދަހިލާފު ކަމަކަށެވެ. އަދި އެކަންވީ ޔޫޔު އަށް ކިޔަވައިދޭން ވެސް ފަސޭހަވި ސަބަބަކަށެވެ.

ނާސަރީގައި ކިޔެވި އިރު ޔޫޔު ދެ ފޮތް ހިތު ދަސް ކުރި އެވެ. އޭގެ ކުރިން އަންމާފޮތް އެއްކޮށް މުރާޖައާކުރިއެވެ. އަދި އެލްކޭޖީގައި އިތުރު ފަސް ފޮތް ދަސްކުރި އެވެ. އެ މަރުހަލާ ނިންމާލީ ޖުމްލަ އައް ފޮތް ދަސްކޮށް އެ އަށް ފޮތް އެކަށް މުރާޖައާ ކުރުމަށް ފަހުއެވެ.

ޔޫކޭޖީގައި ޔޫޔު ހޭދަކުރި އަހަރަކީ ގުރުއާނާއެކު އެންމެ ގިނަ ވަގުތު ހޭދަކުރި އަހަރެވެ. އެއީ އިއްޔެ ސްކޫލް ޗުއްޓީ ފެށި މި އަހަރެވެ. މިއަހަރު ތެރޭ ޔޫޔު ވަނީ 22 ފޮތް ހިތުން ދަސްކޮށްފަ އެވެ. މިދިއަ އޮކްޓޫބަރު މަހު އެކަނި ޔޫޔު ވަނީ 10 ފޮތް ހިތު ދަސްކޮށްފަ އެވެ. މިހާރު ގެންދަނީ އެ ބައިތައް މުރާޖައާ ކުރަމުންނެވެ.