ހަބަރު

ސީއެޗްއެސްއީގެ އިސްލާމް ޓީޗަރެއްގެ މައްސަލައެއް އެޑިއުކޭޝަން މިނިސްޓްރީން ބަލަނީ

ސެންޓަ ފޮ ހަޔަ އެޑިއުކޭޝަން (ސީއެޗްއެސްއީ) ގެ އިސްލާމް ޓީޗަރެއްގެ މައްސަލައެއް އެޑިއުކޭޝަން މިނިސްޓްރީން ބަލަން ފަށައިފި އެވެ.

އެޑިއުކޭޝަން މިނިސްޓްރީން މިއަދު ނެރުނު ނޫސްބަޔާނެއްގައިވާ ގޮތުން އެ މިނިސްޓްރީން ބަލަން ފަށާފައިވަނީ ސީއެޗްއެސްއީގެ ހަސަން ޒަރީރު ނަމަކަށް ކިޔާ އިސްލާމް ޓީޗަރެއްގެ މައްސަލައެކެވެ. އެ މިނިސްޓްރީން މިހާތަނަށް ބެލި ބެލުމުން އޭގައި ދަރިވަރުން ފާހަގަކުރި ކަންކަމަކީ އޭނާގެ ފަރާތުން ހިނގާފައިވާ ކަންކަމުގައި ބެލެވެ ކަމަށް މިނިސްޓްރީން ބުނެފައިވެ އެވެ.

"މިފަދަ ކަންކަމަކީ އިތުބާރު ކުރެވޭ ފަދަ މަގާމެއްގައި ހުރި މީހަކު އޭނާގެ ބެލެހެއްޓުމުގައިވާ ފަރާތަކާ މެދު ހިންގައިގެން ވާނެ އަމަލުތަކެއް ކަމުގައި ނުދެކެމެވެ." އެޑިއުކޭޝަން މިނިސްޓްރީން ބުންޏެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނީ އެއްވެސް ބާވަތެއްގެ ފުރައްސާރައެއް ދަރިވަރަކަށް ކުރިމަތިވާނެ ފަދަ އަމަލެއް ސްކޫލްގެ އެއްވެސް މުވައްޒަފެއް ހިންގާފައިވާނަމަ އެ ކަމެއް ބަލައި އެންމެ ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށެވެ. އެނގިފައިވާ ގޮތުގައި އެ ޓީޗަރުގެ މައްޗަށް ކުރެވެނީ ވެސް ދަރިވަރަކަށް ފުރައްސާރަކުރި ކަމުގެ ތުހުމަތެވެ.

އެނގިފައިވާ ގޮތުގައި މިއީ 2017 ވަނަ އަހަރު ހިނގާދިޔަ މައްސަލައެކެވެ. އެ މައްސަލަ ހިނގުމާއެކު ސީއެޗްއެސްސީން ވަނީ އެ ޓީޗަރަށް ފިޔަވަޅު އަޅާފައެވެ. އަދި އެޑިއުކޭޝަން މިނިސްޓްރީގެ އެންގުންތަކާ އެއްގޮތަށް ޓީޗަރާމެދު އެ ސުކޫލުން ވަނީ އަމަލުކޮށްފައެވެ.