ހަބަރު

ދީބާޖާއަށް ބަދަލުދޭތީ އުޝާމްގެ ސުވާލެއް

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ހެދި އެއްބަސްވުމެއް އޭގެ ފަހުން އުވާލި މައްސަލާގައި ލިބުނު ގެއްލުމުގެ ގޮތުގައި ދީބާޖާ އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޑެޓަށް 348.10 މިލިއަން ރުފިޔާގެ ބަދަލުގައި 174 މިލިއަން ރުފިޔާ ދޭން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ނިންމެވިއިރު އެ މައްސަލަ މުރާޖައާ ކުރަން ސަރުކާރުން ސުޕްރީމް ކޯޓަށް ހުށަހެޅުއްވިކަން ސާފުކޮށްދޭން ޖެހޭ ކަމަށް ވިލިމާލެ ދާއިރާގެ މެންބަރު އަހުމަދު އުޝާމް ވިދާޅުވެއްޖެ އެވެ.

ދީބާޖާ އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޑެޓަށް 348.10 މިލިއަން ރުފިޔާގެ ބަދަލުގައި 174 މިލިއަން ރުފިޔާ ދޭން ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ބަންޑާރަ ނައިބުގެ އޮފީހުން އެކުލަވާލި ސެޓެލްމެންޓް ކޮމިޓީއިން ލަފާ ދީފައިވާތީ އެ ލަފަޔާ އެއްގޮތަށް އަމަލުކުރުމަށް ސަރުކާރުން އިއްޔެ ވަނީ ނިންމާފައެވެ.

ކުރިން ޑެޕިއުޓީ އެޓާނީ ޖެނެރަލްގެ މަގާމުވެސް ފުރުއްވި މެންބަރު އުޝާމް ވިދާޅުވީ ދީބާޖާ އިންވެސްޓްމެންޓަށް ބަދަލު ދިނުމަށް ހުށައަޅާފައިވާ މައްސަލަ މުރާޖައާކުރަން ސުޕްރީމް ކޯޓަށް ހުށައަޅާނެ ކަމަށް ކުރިން އޭޖީ ވިދާޅުވެފައިވާ ކަމަށެވެ. އަދި އެ ހުށައެޅުން ލަސްވަނީ އޭރު ސްޕްރީމް ކޯޓް އޮތްގޮތުން ފަނޑިޔާރުންނަށް ކުރެވޭ ސީރިއަސް ތުހުމަތުތަކެއް ހުރުމުން ކަމަށް އޭޖީ ވިދާޅުވެފައިވާ ކަމަށެވެ.

މިއަދު މުޅި ސުޕްރީމް ކޯޓްގެ ބެންޗު ބަދަލުވެފައިވާކަން ފާހަގަކުރައްވާ ފައިސާ ދެއްކުމަށް ނިންމެމުގެ ކުރިން މި މައްސަލަ މުރާޖައާ ކުރަން ސަރުކާރުން ސުޕްރީމް ކޯޓަށް ހުށަހެޅިތޯ ސަރުކާރުން ސާފްކޮށްދޭންޖެހޭ ކަމަށް އުޝާމް ވިދާޅުވިއެވެ.

"ސަރުކާރުން މީގެކުރިން ބުނަމުން އައީ މިމައްސަލަ މުރާޖައާކުރަން ކޯޓަށް ހުށަހަޅާނެކަމަށް. ސުޕްރީމް ކޯޓުގެ ބެންޗުވެސް ބަދަލުވެއްޖެ. ފައިސާ ދެއްކުމަށް ނިންމެވުމުގެ ކުރިން މިމައްސަލަ މުރާޖައާ ކުރަން ސަރުކާރުން ސުޕްރީމް ކޯޓަށް ހުށަހެޅުއްވިތޯ ސަރުކާރުން ސާފްކޮށްދޭންޖެހޭ." އުޝާމް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން އިބްރާހިމް ހޫދު އިއްޔެ ވިދާޅުވީ ބަންޑާރަ ނައިބުގެ އޮފީހުން އެކުލަވާލި ސެޓެލްމެންޓް ކޮމިޓީއިން ދެއްވާފައިވާ ލަފަޔާ އެއްގޮތަށް އަމަލުކުރެއްވުމަށް ރައީސް ނިންމަވާފައިވާ ކަމަށެވެ. ނަމަވެސް އެ ފައިސާ މިހާތަނަށް އެ ކުންފުންޏަށް ދީފައިނުވާ ކަމަށް އޭނާ ވިދާޅުވިއެވެ.

"ރައީސް މި ނިންމެވީ ސެޓެލްމެންޓް ކޮމިޓީއިން ކަނޑައެޅުއްވި އަދަދު އެ ކުންފުންޏަށް [ދީބާޖާ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޑެޓް] އަށް ދިނުމަށް. ނަމަވެސް އަދި ރައީސްގެ ނިންމެވުމެއް މިއައީ. ފައިސާއެއް ނުދެން. ސަރުކާރުން ދެން އިތުރަށް ނިންމާނެ ފައިސާ ދޭނީ ކިހިނެތްތޯ، އެއީ އެއްފަހަރުންތޯ ނުވަތަ ބައިބަޔަށް ބަހާލައިގެންތޯ." ހޫދު ވިދާޅުވިއެވެ.

ދެހާސްދިހަ ވަނަ އަހަރުގެ ތެރޭގައި ދީބާޖާ އިންވެސްޓްމެންޓް ކުންފުންޏަށް ނ، ރ، ބ އަދި ޅ އަތޮޅުގެ ދަތުރުފަތުރު ހިދުމަތް ދިނުމުގެ އެންމެހާ ކަންކަން އެއްބަސްވުމެއްގެ ދަށުން ހަވާލުކުރި އެވެ. ނަމަވެސް އެއްބަސްވުމުގެ ދަށުން އޭރުގެ ޓްރާންސްޕޯޓް މިނިސްޓްރީން ފުރިހަމަކޮށް ދޭން ޖެހޭ ކަންކަން ފުރިހަމަ ނުކޮށް 2013 ވަނަ އަހަރު އެއްބަސްވުން ވަނީ ބާތިލްކޮށްފަ އެވެ. އެއީ ކުރީގެ ރައީސް މުހައްމަދު ވަހީދުގެ ވެރިކަމުގަ އެވެ.

ސަރުކާރުން އެއްބަސްވުން ބާތިލްކުރީ ދީބާޖާ ކުންފުނިން އެއްބަސްވުމާ ހިލާފުވެފައިވާ ކަމަށް ބުނެ އެވެ. އެ އެއްބަސްވުމުގެ ދަށުން އެ ކުންފުންޏަށް ރިސޯޓް ތަރައްގީ ކުރުމަށާއި ފެރީ ޓާމިނަލްތައް ހެދުމަށް ބިން ދޫކުރަން އޮތީ ލާޒިމްކޮށްފަ އެވެ. ނަމަވެސް އެ ބިންތައް ވެސް އެ ކުންފުންޏަށް ދޫކޮށްފައެއް ނުވެ އެވެ.

އެއްބަސްވުން ބާތިލް ކުރުމުގެ ސަބަބުން ގެއްލުމުގެ ބަދަލު ހޯދަން ދީބާޖާ ކުންފުނިން ސިވިލް ކޯޓަށް ހުށަހެޅުމުން އެ މައްސަލަ ނިންމީ އެ ކުންފުންޏާ އެއްކޮޅަށެވެ. އެއީ އެ ބިންތައް ހަވާލުނުކޮށް އޮތުމަކީ ދައުލަތުން އެއްބަސްވުމާ ހިލާފުވުން ކަމުގައި ކަނޑައެޅުމަށްފަހު އެވެ. އެހެންވެ ގެއްލުމުގެ ބަދަލު ދީބާޖާ ކުންފުންޏަށް ދޭން ސިވިލް ކޯޓުން ހުކުމްކުރި އެވެ. އެއީ 348.10 މިލިއަން ރުފިޔާ އެވެ. އޭގެފަހުން ހައިކޯޓުން އެ ހުކުމް ބާތިލްކުރި އެވެ.

ހައިކޯޓުގެ ހުކުމް ސުޕްރީމް ކޯޓަށް ދީބާޖާއިން ގެންދިޔައީ އެންމެ ނުކުތާއެއްގެ މައްޗަށް ރިއާޔަތްކޮށެވެ. އެއީ އެ މައްސަލާގައި ދައުލަތުން ހައިކޯޓުގައި އިސްތިއުނާފުކޮށްފައިވަނީ އިސްތިއުނާފަށް ކަނޑައަޅާފައިވާ މުއްދަތަށްވުރެ ފަހުން ކަމަށް ބުނެ ފާހަގަކޮށްފައިވާ ނުކުތާ އެވެ. އެނުކުތާގެ މައްޗަށް ބިނާކޮށް، ސްޕްރީމް ކޯޓުން ވަނީ ދީބާޖާއަށް ލިބުނު ގެއްލުމުގެ ގޮތުގައި 348.10 މިލިއަން ރުފިޔާ ދޭން ދައުލަތުގެ މައްޗަށް ހުކުމްކޮށްފަ އެވެ.