ދުނިޔެ

ކޮންމެ ނަތީޖާއެއް ނުކުތަސް ހޮންކޮންގަކީ ޗައިނާގެ ބައެއް: ޗައިނާ

Nov 26, 2019

ހޮންކޮންގުގެ ކައުންސިލް އިންތިހާބުގައި ނަތީޖާ ކޮންމެ ގޮތަކަށް ނުކުތް ނަމަވެސް، ހޮންކޮންގު އޮންނާނީ ޗައިނާގެ ބައެއްގެ ގޮތުގައި ކަމަށް ޗައިނާގެ ފޮރިން މިނިސްޓަރު ވާންގް ޔީ ވިދާޅުވެއްޖެ އެވެ.

ޔީ ވިދާޅުވީ، މުޒާހަރާ ކުރުމުގެ ނަމުގައި މީހުންގެ އަދި ސަރުކާރުގެ މުދަލާއި އޮފީސްތަކުގައި ހުޅު ޖަހަމުންދާ ބަޔަކަށް ހޮންކޮންގުގައި އުޅުމުގެ ފުރުސަތު ޗައިނާއިން ނުދޭނެ ކަމަށެވެ. ލޯކަލް ކައުންސިލް އިންތިހާބުގައި އިދިކޮޅު ފަރާތްތަކުން މެޖޯރިޓީ ހޯދުމުން ޗައިނާ ސަރުކާރުން ގެންދަނީ ހޮންގްކޮންގުގައި ނުފޫޒު ގަދަކޮށް، ކައުންސިލަރުންނަށް ޕްރެޝަރު ކުރަމުންނެވެ.

ކައުންސިލަށް ހޮވުނު ކައުންސިލަރުން މިހާރު ވަނީ އެމެރިކާއާ އިނގިރޭސިވިލާތާ ގުޅިގެން ހޮންކޮންގުގައި ޑިމްކޮރަސީ އިއާދަކޮށް މިނިވަން ދައުލަތެއް ހެދުމުގެ މަސައްކަތް ކުރަމުންނެވެ. މީގެ އިތުރުން ހޮންކޮންގުގެ ލީޑަރު ކެރީ ލޭމް މަގާމުން ދުރު ކުރުމުގެ މަސައްކަތް ވެސް ވަނީ ފަށާފަ އެވެ.

ލޭމް ވަނީ ކައުންސިލް އިންތިހާބު ދެ ފަހަރެއްގެ ޗައިނާގެ އެދުމުގެ މަތިން ފަސްކޮށްފަ އެވެ. ލޭމްއަކީ ޗައިނާ ސަރުކާރުގެ ތާއީދާއެކު މަގާމަށް އައްޔަން ކުރި މީހެކެވެ. ނަމަވެސް ޗައިނާ ސަރުކާރަށް ގިނަ ބާރުތަކެއް ލިބިދޭ ގޮތަށް އެކްސްޓްރެޑިޝަން ބިލެއް ފާސް ކުރަން އުޅުމުން، ލޭމްގެ އިތުބާރު ވަނީ ގެއްލިފަ އެވެ.

ޗައިނާއިން މަސައްކަތް ކުރަމުންދަނީ ދުނިޔޭގެ އެއް ވަނަ އިގްތިސޯދަށް ވުމަށް މަސައްކަތް ކުރަމުންނެވެ. ހޮންކޮންގުގެ އިގްތިސޯދަކީ ޗައިނާ އިގްތިސޯދުގެ ހަތަރު ޕަސަންޓެވެ.

ހޮންކޮންގު މިނިވަން ދައުލަތަކަށް ވެއްޖެނަމަ ޔޫރަޕްގެ ގިނަ ގައުމުތަކުން ތިބީ ހޮންގްކޮންގުގައި އިންވެސްޓު ކުރަން ތައްޔާރަށެވެ. ފޯބްސް މެގަޒިން ބުނެފައިވާ ގޮތުގައި ހޮންގުކޮންގު ޔޫރަޕްގެ ގައުމުތަކުން ކުރަން އުޅޭ އިންވެސްޓްމެންޓުގެ އަގު 23 ބިލިއަން ޑޮލަރަށް އަރަ އެވެ. އެހެންކަމުން ޗައިނާ ސަރުކާރުން ގެންދަނީ ނުފޫޒުގެ ބޭނުންކޮށް ހޮންކޮންގުގެ މިނިވަން ދައުލަތަކަށް ހެދުމަށް ކުރާ މަސައްކަތަށް ހުރަސް އަޅަމުންނެވެ.