ލައިފްސްޓައިލް

އިނގިލިތަކުގެ ކުރި އައިބުވުމަކީ ފުއްޕާމޭގެ ކެންސަރުގެ ނިޝާނެއް

Nov 27, 2019

އަތުގެ ހުރިހާ ނިޔަފަތިތަކެއް އެއްކޮށް ހިފަހައްޓާ ފިއްތާލުމުން ޑައިމަންޑް ޝޭޕަށް އިންނަ ކުޑަކުޑަ ހުސް ދޭތެރެއަކުން އަލިކަމެއް ފާޅުވޭ ހެއްޔެވެ؟ މިއީ ބަލީގެ ވަރަށް ކުރީކޮޅު ފުއްޕާމޭގެ ކެންސަރު ހުރިތޯ ޗެކް ކުރަން ރަނގަޅު ގޮތެއް ކަމަށް ސައިންސްވެރިން ބުނެ އެވެ.

މިގޮތަށް އިނގިލިތަކުގެ ދޭތެރެއިން ޑައިމަންޑް ޝޭޕަށް އިންނަ ކުޑަ ތަންކޮޅެއް ފާޅުނުވާނަމަ އޭގެ މާނައަކީ އިނގިލިތަކާއި ނޭފަތިތަކަށް ކޮންމެވެސް ކަހަލަ ބަދަލުތަކެއް އައިސްފައި ވުމެވެ. އަދި މިއީ ފުއްޕާމޭގެ ކެންސަރުގެ ވަރަށް ކުރީކޮޅުގެ އަލާމާތަކަށް ވެދާނެ އެވެ.

އިނގިރޭސި ވިލާތުގެ ކެންސަ ރިސާޗް ބުނާ ގޮތުން އިނގިލިތައް ޚާއްސަކޮށް ނިޔަފަތިގަނޑު ހުންނަ ހިސާބުގެ ޝޭޕަށް ބަދަލު އައިސް އައިބު ވުމަކީ ފުއްޕާމޭގެ ކެންސަރުގެ ވައްތަރެއް ކަމަށްވާ ނަން-ސްމޯލް ސެލް ލަންގް ކެންސާ ޖެހޭ 35 ޕަސެންޓް މީހުންގެ ހަށިގަނޑުން ފެންނަ ނިޝާނެކެވެ. އަދި ސްމޯލް ސެލް ލަންގް ކެންސާ ހުންނަ ހަތަރު ޕަސެންޓް މީހުންގެ އިނގިލިތަކުން ވެސް މި ނިޝާން ފެނެ އެވެ.

އިނގިލިތަކުގެ ކުރި އައިބުވުމުގެ މާނައަކީ ނިޔަފަތިގަނޑުގެ ދަށުގައިވާ ބައިގެ މަޑުވެފައި ވުމެވެ. މިހެން ވުމުން ނިޔަފައްޗާ ޖެހިގެން ހުންނަ ހަންގަނޑުގައި ވިދުމެއް ހުންނާނެ އެވެ. އަދި ނިޔަފަތިތަކުގެ ކުރިތައް ފަލަވެ އެވެ. މި ހުރިހާ ކަމަކަށް ވުރެ ވެސް ފަސޭހަ ގޮތަކީ އެއް ފަރާތުން ނިޔަފަތިގަނޑު ކާވް ވުމެވެ. "ޑައިމަންޑް ގެޕް" ޓެސްޓް އަންނަނީ މިހިސާބުންނެވެ.

ކުރިމައްޗަށް ދެ އަތް ދަމާލައި ދެ އަތުގެ ޝަހާދަތްއިނގިލި ފޮޓޯގައިވާ ގޮތަށް ޖައްސާ ފިއްތާލައި ދެ އިނގިލީގެ ނިޔަފަތި ޖައްސާލުމުން ތުތިމަހުގެ ބައްޓަމަށް ހުސް ތަންކޮޅެއް ދޭތެރެއިން ފާޅުވާނަމަ އެއީ މައްސަލައެއް ނެތް ކަމުގެ ނިޝާނެކެވެ. މި ޓެސްޓަށް ކިޔަނީ ޝެމްރޮތުސް ޓެސްޓެވެ.

ޖީން ޓޭލާ ކިޔާ މީހަކު މިދިޔަ އަހަރު ހާމަކޮށްފައިވާ ގޮތުގައި އޭނާގެ ލަންގް ކެންސަރު ހުރިކަން ދެނެގަނެވުނީ އޭނާގެ އިނގިލި ކުރިތައް އައިބުވެފައިވާތަން ދަރިފުޅަށް ފެނިގެން އެކަމާ ކަންބޮޑުވެގެން ޓެސްޓްކުރުމުންނެވެ. މިގޮތަށް އިނގިލިތައް އައިބުވުމަށް ކިޔަނީ ކްލަބިން އެވެ.

ޑައިމަންޑް ގެޕް ނެތުމަކީ ބަލި ހުރިކަން 100 ޕަސެންޓް ޔަގީންވާ ކަމެއް ނޫނެވެ. ނަމަވެސް އިނގިލިތަކުގެ ކުރިއަށް އެއްވެސް ބަދަލެއް އައިސްފައިވާނަމަ ޑޮކްޓަރަކާ މަޝްވަރާ ކޮށްލުން ރަނގަޅެވެ.

ފުއްޕާމޭގެ ކެންސަރުގެ އިތުރު އަލާމާތްތަކުގެ ތެރޭގައި ދެ ތިން ހަތަރު ހަފުތާ ވަންދެން ހުއްޓާ ނުލާ ކެއްސުން، އަދި ދުވަހަކަށް ވުރެ ދުވަހެއް ކެއްސުން ގޯސްވުން، ގިނަގިނައިން ފުއްޕާމޭގެ އިންފެކްޝަންތައް ޖެހުން، ކެއްސާއިރު އަނގައިން ލޭ އައުން، ކެއްސާއިރު ނުވަތަ ނޭވާލާއިރު މެޔަށް ތަދުވުން، ނޭވާކުރުވުން، ހަކަތަ ނުހުރުން، ކާހިތްނުވުން އަދި ވަކި ކަމެއް ނުވެ ބަރުދަން ލުއިވަމުން ދިއުން ހިމެނެ އެވެ.