ރަތަފަންދޫ

ރަތަފަންދޫގެ ދެ މާރާމާރީއަކާއި ގުޅިގެން އަށް މީހަކު ހައްޔަރުކޮށްފި

ގދ. ރަތަފަންދޫގައި ހިންގި މާރާމާރީތަކެއްގެ މައްސަލާގައި އަށް މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުުހުން ބުނީ، ތަރަފަންދޫގައި މިދިޔަ އާދީއްތަ ދުވަހު ގުރޫޕް މާރާމާރީއެއް ހިންގާފައިވާ ކަމަށާއި، އެ މާރާމާރީއާއި ގުޅިގެން ހަތަރު މީހަކަށް އެކިވަރުގެ އަނިޔާ ލިބިގެން ފަރުވާ ހޯދާފައިވާ ކަމަށެވެ. މީގެ އިތުރުން ހޯމަ ދުވަހު ވެސް އެރަށުގެ ދެމީހެއްގެ ދޭތެރޭ މާރާމާރީ ހިންގާ އެކަކަށް އެކިވަރުގެ އަނިޔާ ވެގެން ފަރުވާހޯދާފައިވާ ކަމަށެވެ.

އެ ދެމައްސަލައާއި ގުޅިގެން ހޯމަ ދުވަހުގެ ރޭ ކޯޓު އަމުރެއްގެ ދަށުން އަށް މީހަކު ހައްޔަރު ކޮށްފައިވާ ކަމަަށާއި، ހައްޔަރުކޮށްފައިވަނީ، 20 އަހަރުގެ ދެ މީހުންނާއި، 21 އަހަރުގެ މިހަކާއި، 23 އަހަރުގެ މީހަކާއި، 24 އަހަރުގެ ދެމީހުންގެ އިތުރުން، 26 އަަހަރުގެ މީހަކާއި، 27 އަހަރުގެ މީހެއް ކަމަށެވެ.

މީގެ އިތުރުން، އެމީހުންގެ ބަންދާއި މެދު ގޮތެއް ނިންނުމަށް ގދ. ތިނަދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރު ކުރުމުން، ހަތަރު މީހަކު ޝަރުތުތަކަކާއެކު ދޫކޮށްލާފައިވާ ކަމަށާއި، 20 އަހަރުގެ އެކަކާއި، 24 އަހަރުގެ މީހާއަށް 7 ދުވަސް އަދި 23 އަހަރުގެ މީހާއަށް 6 ދުވަހުގެ އިތުރުން، 20 އަހަރުގެ މީހާއަށް 5 ދުވަސް ދީފައިވާ ކަމަށެވެ.

ފުލުހުން އިތުރަށް ބުނީ، އެ މައްސަލާގައި ހައްޔަރުކޮށްފައިވާ އެންމެންނަކީވެސް ދިވެހިން ކަމަށާއި، އެ މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށެވެ.