ހަބަރު

މުސްލިމް އުއްމަތުގެ ވަރުގަދަ ޝަހުސިއްޔަތުންގެ ތެރޭގައި ޝަހީމް

Nov 27, 2019
4

މުސްލިމް އުއްމަތުގެ އެންމެ ވަރުގަދަ 500 ބޭފުޅުންގެ ލިސްޓްގައި ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ހިމެނިވަޑައިިގެންފި އެވެ.

މުސްލިމް އެކި ގައުމުތަކުގެ އިސް ދީނީ އިލްމްވެރިންނާއި ދީނީ ކުރިއެރުވުމަށް މަސައްކަތް ކުރައްވާ ބޭފުޅުން ހިމަނާފައިވާ މި ލިސްޓްގައި ޑރ. ޝަހީމް ހިމެނިވަޑައިގެންފައިވަނީ އެޑްމިނިސްޓްރޭޝަންގެ ދާއިރާއިންނެވެ.

މި ލިސްޓަކީ ކޮންމެ އަހަރަކު ވެސް ޖޯޑަންގެ ރޯޔަލް އިސްލާމިކް ސްޓްރެޓަޖީސް ސްޓަޑީޒް ސެންޓަރުން ނެރެމުން އަންނަ ލިސްޓެކެވެ.

ލިސްޓްގައި ޑރ. ޝަހީމްގެ ނަން ހިމެނިފައިވާއިރު އޭނާ މިހާރު މަސައްކަތް ކުރައްވަމުން ގެންދަނީ އިސްލާމީ ގައުމުތަކުގެ ޖަމިއްޔާ، އޯއައިސީގަ އެވެ. އޯއައިސީއަށް ވަޑައިގެންނެވުމުގެ ކުރިން ހުންނެވީ ރާއްޖޭގެ އިސްލާމިކް ޔުނިވާސިޓީގެ ޗާންސެލާ ކަމުގެ މަގާމުގަ އެވެ.

އިސްލާމިކް މިނިސްޓަރުކަން ވެސް ގިނަ ދުވަސްތަކެއްވަން ދެން ކުރެއްވި ޑރ. ޝަހީމް ވަނީ ރާއްޖޭގައި އިސްލާމީ ތައުލީމް ކުރިއެރުވުމަށް އިސްލާމީ އެހެން ގައުމުތަކުގެ ޔުނިވާސިޓީތަކާ ގުޅިގެން ގިނަ މަސައްކަތްތަކެއް ޗާންސެލާ ކަމުގެ ދައުރުގައި ކުރައްވާފަ އެވެ.