ވިޔަފާރި

ރިސޯޓުތަކާއި ރައްޔިތުން ގުޅިގެން މައްސަލަތައް ހައްލުކުރަން ބައްދަލު ކުރަނީ

ރިސޯޓުތަކާއި ރައްޔިތުން ގުޅިގެން މި ދާއިރާގައި ހުރި މައްސަލަ ތަކަށް ހައްލު ހޯދަން، ބައްދަލުވުންތަކެއް ފަށަން ޓޫރިޒަމް މިނިސްޓްރީން ތައްޔާރު ވެއްޖެ އެވެ.

ޓޫރިޒަމް ސިނާއަތާއި ރައްޔިތުން ގުޅުން ބަދަހިކޮށް، މައްސަލަތައް ހައްލު ހޯދުމަށް އަތޮޅުތަކުގައި ބާއްވާ އިމްޕޯޒިއަމް އަށް ފުރާވަޑައިގަތުމުގެ ގޮތުން، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ ފާއިތުވެދިޔަ އަހަރެއްހާ ދުވަހުގެ ތެރޭގައި ކައުންސިލް ތަކުން ގިނަ ކަން ބޮޑުވުން ތަކެއް ލިބެމުން ދިޔަ ކަމަށާ، އެހެންކަމުން މި ދަތުރުގެ މަގުސަދަކީ މި ކަންބޮޑުވުން ތަކަށް ހައްލު ހޯދަން، ރިސޯޓުތަކާއެކު ރައްޔިތުން ގުޅިގެން މި ކަންކަމަށް ހައްލު ހޯދަން މަސައްކަތް ފެށުން ކަމަށެވެ.

"އަޅުގަނޑުމެން ގަސްތުކުރީ ރައްޔިތުންގެ އަޑު އެހުމަށްފަހު، އެ ސަރަހައްދު ތަކަށް ޒިޔާރަތްކޮށް މަޝްވަރާ ކުރަން. މިއަދު މި ފަށަނީ އެ ހުރި މައްސަލަތަކަށް ހައްލު ގެންނަން ބާއްވާ ސިމްޕޯޒިއަމް ތަކެއް. މި ބައްދަލުވުތައް މުޅި ރާއްޖޭގައި ކުރިއަށްދާނެ،" އަލީ ވިދާޅުވި އެވެ.

ޓޫރިޒަމް މިނިސްޓްރީން ފަށާ ސިމްޕޯޒިއަމް ފުރަތަމަ ބާއްވާނީ ނ. އަތޮޅާއި ރ. އަދި ޅ. އަތޮޅުގަ އެވެ. މި ބައްދަލުވުންތައް އޮންނާނީ ކައުންސިލްތަކާ ގުޅިގެންނެވެ.

މަޝްވަރާ ކުރާ ދާއިރާތައް:

  • އަތޮޅުތަކުގެ ރައްޔިތުންނަށް ވަޒީފާގެ ފުރުސަތު އިތުރު ކުރުން
  • އަތޮޅުތަކުގެ އާއްމު ރައްޔިތުންނަށް ހުރި އެހެނިހެން ފުރުސަތުތައް އިތުރު ކުރުން
  • ޓޫރިޒަމް ދާއިރާގެ އިޖުތިމާއީ ޒިންމާގެ ދަށުން ރަށްރަށަށް ލިބޭ މަންފާ އިތުރު ކުރުން
  • ޓޫރިސްޓުންގެ ސަލާމަތާއި ރައްކާތެރިކަމަށް އަޅަން ޖެހޭ ފިޔަވަޅުތައް އިތުރު ކުރުން
  • ޓޫރިޒަމް ޒޯން ކަނޑައެޅުމުގައި "ރިސޯޓް ބައުންޑްރީ" އާމެދު މަޝްވަރާ ކުރުން

ބައްދަލުވުމުގައި ބައިވެރިވާ ފަރާތްތައް:

  • އަތޮޅުތަކުގެ ރައްޔިތުން މަޖިލީހުގެ މެންބަރު
  • އަތޮޅު ކައުންސިލްތައް
  • ރަށު ކައުންސިލްތައް
  • ރިސޯޓުތަކުގެ ޑިސިޝަން މޭކް ކުރެވޭ ފެންވަރު ވެރިން
  • ރެޖިސްޓާޑް ހުރިހާ ގެސްޓްހައުސް ތަކެއް

މިނިސްޓަރު ވިދާޅުވީ މި ބައްދަލުވުންތަކުގައި މަޝްވަރާކޮށް ހުރި މައްސަލަތައް ހޯދައި އެ މައްސަލަ ހައްލު ވެސް ހޯދާނެ ކަމަށެވެ.

"އިންސްޕެކްޝަންތައް ނިމުމުން ތަފާސް ހިސާބުތައް އެބަހުރި. އެހެންވެ މައްސަލަތައް އެބައެނގޭ. އެހެންވެ މިހާރު ފެށިގެން މިދަނީ އެ ހުރި މައްސަލަތައް ހައްލު ކުރުމުގެ މަސައްކަތް. ޓޫރިޒަމް ސޯން ކަނޑައެޅުމުގައި ކައުންސިލްތަކަށް އެހީތެރިކަން ބޭނުންވޭ. އެކަމަށްވެސް މަޝްވަރާ ކުރެވޭނެ،" އަލީ ވިދާޅުވި އެވެ.