ވިޔަފާރި

ގެސްޓްހައުސް އިންސްޕެކްޓް ކުރުން ކައުންސިލްތަކަށް

ގެސްޓްހައުސް ވިޔަފާރި ފަށަން، ކުރާ އިންސްޕެކްޓްކޮށް ދިނުމުގެ ބާރު ކައުންސިލްތަކަށް ހަވާލުކުރަން ޓޫރިޒަމް މިނިސްޓްރީން ނިންމައިފި އެވެ.

އަތޮޅުތަކުގައި ކުރިއަށް ގެންދާ "ޓޫރިޒަމް ސިމްޕޯޒިއަމް" އަށް ފުރާވަޑައިގަތުމުގެ ގޮތުން، ވީއައިއޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ އެ މިނިސްޓްރީން މުހިންމު ނިންމުމެއް ނިންމާފައިވާ ކަމަށާ، އަންނަ މަހުގެ ހަތްވަނަ ދުވަހުން ފެށިގެން، ޓޫރިސްޓުން ތިބޭ ތަންތަން ރަޖިސްޓްރީ ކުރުމާއި ރަޖިސްޓްރީއާ ކުރަން ހަދާ އިންސްޕެކްޝަންގެ މަސައްކަތް ކައުންސިލް ތަކަށް ހަވާލު ކުރަން ނިންމާފައިވާ ކަމަށެވެ.

"މިކަމާ ގުޅިގެން ސަރުކާރުން ހަރަދުކޮށްގެން 175 ކައުންސިލްގެ މުވައްޒަފުން މާލެ އަށް މި ޖަމާކުރަނީ ހަތްވަނަ ދުވަހު ތަމްރީން ދޭން. މިހާރު ބައެއް ރަށްރަށުން މިގޮތަށް ހުއްދަ ދޭ. ނަމަވެސް އެހެން ފަރާތް ތަކުން މާލެ އިން މީހުން ގެންގޮސްގެން ބައި ލައްކަ ރުފިޔާ ވަރު މި ކަމަށް [އިންސްޕެކްޝަން] އަށް ހޭދަ ކުރަން ޖެހޭ. އެހެންވެ މިއީ ގެސްޓްހައުސް ވިޔަފާރި އަށް ހިތްވަރު ދޭނެ މުހިންމު އެހީއެއް،" އަލީ ވިދާޅުވި އެވެ.

މިނިސްޓަރު އަލީ ވިދާޅުވީ މި އިންސްޕެކްޝަންތައް ހެދުމަށްފަހު، ދެން ހުރި ބައިތައް ބަލަހައްޓާނީ ޓޫރިޒަމް މިނިސްޓްރީން ކަމަށެވެ.

"މިނިސްޓްރީން އިންސްޕެކްޝަން ރިޕޯޓުތައް ބަލައިގަނެ، ހުއްދަ ދިނުމުގެ މަސައްކަތް ކުރެވޭނެ. މިކަން ކުރިނަމަވެސް، ސަލާމަތާއި ރައްކާތެރިކަމަށް ރައީސްގެ އިސް ނެގުމަށް ފެށި އޮޑިޓް އިޔާލީކޮށް ކުރި އަށް ދާނެ،" އަލީ ވިދާޅުވި އެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބު ދައްކާ ގޮތުގައި 500 އަށްވުރެ ގެސްޓްހައުސް ރާއްޖޭގައި ހިންގަ އެވެ. އަދި މި ވިޔަފާރި ދަނީ ފުޅާވަމުންނެވެ.