ހަބަރު

އެޑަމްސް މޮޖޯ ފިޒް ބްރޭންޑުގެ ފުޅިއަކުން ސުއިޕެއް ފެނިއްޖެ

Nov 28, 2019

ރާއްޖެއަށް އެތެރެކޮށް ވިއްކާ އުފެއްދުމެއް ކަމަށްވާ " އެޑަމްސް މޮޖޯ ފިޒް" ބްރޭންޑުގެ ފިޒީ އެޕަލް ޑްރިންކުގެ ފުޅިއަކުން މަރުވެފައިވާ ސުއިޕެއް ފެނުމާއި ގުޅިގެން ފިޒީ އެޕަލް ޑްރިންކު ވިއްކުން މޯލްޑްވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ)އިން މަނާކޮށްފި އެވެ.

އެމްއެފްޑީއޭއިން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނީ، މަރުވެފައިވާ ސޫއިޕެއް ފެނިފައިވަނީ ފިޒީ އެޕަލް ޑްރިންކުގެ ޕީކޭޑީ 020819 ބީ. 0202 އިން ކަމަށްވާތީ އެބެޗް ނަމްބަރުގެ ބުއިންތައް މިހާރު ރީކޯލް ކުރުމަށް ނިންމާފައިވާ ކަމަށެވެ. އަދި އެޑަމްސް މޮޖޯ ފިޒް އުފެއްދުންތަކުގެ ރައްކާތެރިކަން ކަށަވަރު ކުރުމުގެ ގޮތުން، މިހާރު ސާމްޕަލް ނަގައި ޗެކް ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

ބަޔާނުގައި ވަނީ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ފިޒީ އެޕަލް ޑްރިންކުން ނުބުއިމަށް ވެސް އިލްތިމާސްކޮށްފަ އެވެ. އަދި މިކަމާ ގުޅޭ މައުލޫމާތު ރަސްމީ ގަޑީގައި އޮފީހުގެ ރަސްމީ ނަމްބަރަށް އަދި އެނޫން ވަގުތެއްގައި ނަމަ އެފްއެފްޑީއޭގެ ހޮޓްލައިން ނަމްބަރަށް ގުޅުމަށް އެދިފަ އެވެ.