އަޔުޝްމާން ކުރާނާ

އަޔުޝްމާން: ބޮލީވުޑްގެ ބަޖެޓް ސުޕަސްޓާ

"ވިކީ ޑޯނާ"އިން ފެށިގެން "ބާލާ" އާ ހަމައަށް އަޔުޝްމާން ކުރާނާ ކުޅެފައިވާ ކުދި ބަޖެޓް ފިލްމުތައް ވަރަށް ރަނގަޅު ކާމިޔާބެއް ބޮކްސް އޮފީހުގައި ވަނީ ހޯދާފަ އެވެ. ކިތަންމެ ކުޑަ ބަޖެޓަކުން އުފެއްދި ނަމަވެސް ހިޓަކަށް ފަހު ހިޓެއް އޭނާ އަންނަނީ ދެމުންނެވެ. އޭނާ މިހާތަނަށް ލީޑް ރޯލު ކުޅުނު 13 ފިލްމުގެ ތެރެއިން ނުވަ ފިލްމު ވަނީ ބޮކްސް އޮފީހުގައި ބޮޑު ކާމިޔާބެއް ހޯދާފަ އެވެ. އެހެންވެ އޭނާއަކީ "ބަޖެޓް ސުޕަސްޓާ"އެއް ކަމަށް ބައެއް މީހުން ދަނީ ސިފަ ކުރަމުންނެވެ.

ބޮލީވުޑްގެ ނަން މަޝްހޫރު އެކްޓަރުން ލައިގެން އުފައްދާ 100 ކްރޯޑަށް ވުރެ މަތީ ބަޖެޓުތަކުގެ ފިލްމުތައް ފްލޮޕްވަމުންދާއިރު އަޔުޝްމާންގެ ގިނަ ފިލްމުތަކަކީ 10-36 ކްރޯޑާ ދެމެދުގެ ބަޖެޓަކުން އުފައްދާ ފިލްމުތައް ކަން ފާހަގަ ކޮށްލަން ޖެހެ އެވެ. އެހެންވެ މި ފިލްމުތަކުގެ ކާމިޔާބަކީ ހަގީގަތުގައި ވެސް ބަލައިގަންނަން ޖެހޭ ވަރުގެ ކާމިޔާބަކަށް ވަނީ އެވެ.

އޭނާގެ އެންމެ ފަހުގެ ފިލްމު "ބާލާ"ވެސް މިހާރު ވަނީ 100 ކްރޯޑު ރުޕިސް އަށް ވުރެ މަތިން ހޯދާފަ އެވެ. މިއީ 2019 އަހަރު ތެރޭގައި ޖައްސަ ޖައްސައިގެން އޭނާގެ ކާމިޔާބުވި ތިން ވަނަ ފިލްމެވެ.

މި ތިން ފިލްމުގެ ތެރެއިން "ޑްރީމް ގާލް" އަށް ވެސް 100 ކްރޯޑަށް ވުރެ މަތިން ލިބުނެވެ. "އާޓިކަލް 15"އަށް 65 ކްރޯޑު ރުޕީސް ލިބިފައި ވެއެވެ.

އަޔުޝްމާންގެ ފިލްމުތައް ބެލުންތެރިންނަށް އެހާ ކަމުދަނީ ކީއްވެތޯ ބަލާލާއިރު ފާހަގަ ކޮށްލެވޭ އެއް ކަމަކީ އާދައިގެ ދިރިއުޅުމުގައި މީހުންނާ ދިމާވާ ވަރަށް އާދަޔާޚިލާފު އެހެން ނަމަވެސް މަޖާ ހާދިސާތަކަށް އޭނާގެ ފިލްމުތައް ބިނާކޮށްފައި ހުރުމެވެ. އަދި އޭނާގެ ގިނަ ފިލްމުތަކަކީ ކޮމެޑީ ފިލްމުތަކަށް ވާތީ މަޖާ ޑައިލޯގްތައް ހިމެނޭތީ ބެލުންތެރިންނަށް އެ ފިލްމުތަކާ ގަޔާވެވޭ ގޮތް ވެއެވެ.

އަޔުޝްމާން މިހާތަނަށް ކުޅުނު 13 ފިލްމުގެ ތެރެއިން 10 ފިލްމަކީ ކޮމެޑީ ތީމް އަށް ކުޅުނު ފިލްމުތަކެވެ. އޭނާގެ ފުރަތަމަ ފިލްމަކީ 2012 ގައި ރިލީޒްކުރި "ވިކީ ޑޯނާ" އެވެ. މިއީ ވެސް ކޮމެޑީ ފިލްމެކެވެ. އެންމެ 10 ކްރޯޑުގެ ބަޖެޓަކުން އުފެއްދި މި ފިލްމަށް 35 ކްރޯޑު ރުޕީސްގެ ވިޔަފާރި ވިއެވެ.

އަޔުޝްމާންގެ ފިލްމުތަކުގެ ތެރެއިން 100 ކްރޯޑު މާކް ފަހަނަޅަ ދިޔަ ފުރަތަމަ ފިލްމަކީ 2018 ގައި ނުކުތް "ބަދާއި ހޯ" އެވެ. އެންމެ 29 ކްރޯޑު ރުޕީސްގެ ބަޖެޓަކުން އުފެއްދި މި ފިލްމަށް 137 ކްރޯޑު ލިބިފައި ވެއެވެ.

ކޮމެޑީ ފިލްމުތައް ގިނައިން ކުޅުނަސް އަޔުޝްމާންގެ ހުނަރު ހުރީ ހަމައެކަނި ކޮމެޑީ ބަޔަކަށް ނޫނެވެ. "އަންދާދުން" އަކީ އޭނާގެ ވަރަށް ސީރިއަސް ރޯލެއް ހިމެނުނު ތުރިލާ އެކެވެ. އަދި "އާޓިކަލް 15" އަކީ ކްރައިމް ޑްރާމާ އެކެވެ. މި ދެ ފިލްމަށް ވެސް ބޮކްސް އޮފީހުގައި ވަރަށް ބޮޑު ކާމިޔާބެއް ހޯދުނެވެ.

ކުރިޔަށް އޮތް އަހަރު އަޔުޝްމާން ފެންނާނެ ކަމަށް އުންމީދު ކުރެވެނީ އަމީތާބު ބައްޗަން އާއެކު ކުޅޭ "ގުލާބޯ ސިޓާބޯ" އިންނެވެ. އަދި "ޝުބް މަންގަލް ޒިޔާދާ ސާވްދާން"ގެ ޝޫޓިންގް ވެސް އަޔުޝްމާން މިހާރު ކުރިޔަށް އެބަ ގެންދެ އެވެ.