ހަބަރު

ރައީސް ޔާމީންގެ ޓެސްޓުތައް އައިޖީއެމްއެޗްގައި ހަދައިފި

މަނީލޯންޑަރިންގެ މައްސަލާގައި ފަސް އަހަރުގެ ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން މެޑިކަލް ޗެކްއަޕެއް އިޖީއެމްއެޗްގައި ހަދައިފި އެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ އޮފިޝަލަކު "އަވަސް" އަށް ވިދާޅުވީ މެޑިކަލް ޗެކްއަޕެއް ހައްދަން ރައީސް ޔާމީން މިއަދު އައިޖީއެމްއެޗްއަށް ގެންގޮސްފައިވާ ކަމަށެވެ. އަދި އެމަނިކުފާނު ހުކުމް ތަންފީޒު ކުރައްވާނީ ކޮން ޖަލެއްގައި ކަން ކަނޑައަޅާނީ އެއަށް ފަހުގައި ކަމަށެވެ، ރައީސް ޔާމީން މިވަގުތު ހުންނެވީ މާލެ ޖަލުގައި ކަމަށެވެ.

"ޓެސްޓުތައް މި ހައްދަނީ އާންމު އުސޫލުން ކުރިޔަށް ގެންދާ ޕްރޮސީޖާއެއް،" އޮފިޝަލް ވިދާޅުވި އެވެ.

އެމްއެމްޕީއާރްސީގެ ކޮރަޕްޝަން އެންމެ ބޮޑަށް ތުހުމަތުވާ އެސްއޯއެފް ކުންފުނީގެ އެކައުންޓުން ދެ ޗެކަކުން އެއް މިލިއަން ޑޮލަރު އިސްލާމިކް ބޭންކްގައި އޮންނަ ޔާމީންގެ ސޭވިން އެކައުންޓަށް ޖަމާކުރި މައްސަލާގައި އެމަނިކުފާނު ފަސް އަހަރަށް ޖަލަށް ލާން ފަސް ފަނޑިޔާރުންގެ އިއްތިފާގުން ހުކުމް ކުރީ އިއްޔެ އެވެ. އޭގެ އިތުރުން ހަ މަސް ތެރޭގައި ފަސް މިލިއަން ޑޮލަރު (77.1 މިލިއަން ރުފިޔާ) މޯލްޑިވްސް އިންލޭންޑް އޮތޯރިޓީއަށް ދައްކަން ވެސް ވަނީ ހުކުމްކޮށްފަ އެވެ.