ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަން ކުރުމަށް ކުރީގެ ބަންޑާރަ ނައިބު އަދި މަރު ކޮމިޝަންގެ ރައީސް ހުސްނުއް ސުއޫދުގެ ނަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ޖޭއެސްސީއަށް ފޮނުވުމުން، މަރު ކޮމިޝަންގެ މަސައްކަތްތަކަށް ދެން ވާނެ ގޮތަކާމެދު އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފު ސުވާލު އުފައްދަވައިފި އެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަން ކުރަން ކުރީގެ ބަންޑާރަ ނައިބު ހުސްނުއް ސުއޫދާއި ހައިކޯޓުގެ ފަނޑިޔާރު އަބްދުއް ރައޫފް އިބްރާހިމްގެ ނަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ފޮނުވާފައިވަނީ އިއްޔެ އެވެ.
ޖޭއެސްސީއިން ވަނީ ސުޕްރީމް ކޯޓުން ހުސްވެފައިވާ ދެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައި އެކަމަށް މުއްދަތު ވެސް އިތުރުކޮށްފަ އެވެ. ސުޕްރީމް ކޯޓަށް އައްޔަން ކުރަން ބޭނުންވާ ފަރާތްތަކުގެ ނަން ރައީސަށް ވެސް ޖޭއެސްސީއަށް ފޮނުވޭނެ އެވެ.
އެގޮތުގެ މަތިން އިއްޔެ ރައީސް ވަނީ އެމަނިކުފާނު އުފައްދަވާފައިވާ ރިޔާސީ ކޮމިޝަންގެ ރައީސްކަން ކުރައްވާ ސުއޫދުގެ ނަމާއި ހައިކޯޓުގެ ފަނޑިޔާރުންގެ ފަރާތުން ޖޭއެސްސީގައި އިންނަވާ ފަނޑިޔާރު ރައޫފްގެ ނަން ފޮނުވާފަ އެވެ.
އެކަމާ ގުޅިގެން އެމްޑީޕީގެ ޗެއާޕާސަން އަދި ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފް ވަނީ މަރު ކޮމިޝަންގެ މަސައްކަތް ނުނިމެނީސް، އެ ކޮމިޝަންގެ ރައީސް ސުޕްރީމް ކޯޓަށް އައްޔަން ކުރުމުން ދެން ވާނީ ކިހިނެތްތޯ ސުވާލު ކުރައްވާފައެވެ.
“ޔާރައްބީ! ރައީސް، މަރުތަކާބެހޭ ރިޔާސީ ކޮމިޝަންގެ މަސައްކަތް ނުނިމެނީސް، ކޮމިޝަންގެ ރައީސް ސުޕްރީމް ކޯޓަށް އައްޔަން ކުރެެއްވީމަ ކިހިނެތްތޯ ކޮމިޝަންގެ މަސައްކަތަށް ދެންވާނީ؟،” ހަސަން ސުވާލު ކުރައްވާފައި ވެއެވެ.
މަރާލާފައިވާ މީހުންނާ ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބެލުމަށް ވެރިކަމުގެ ފުރަތަމަ ދުވަހު ރައީސް ސޯލިހު ވަނީ ރިޔާސީ ކޮމިޝަނެއް އުފައްދަވާފަ އެވެ. އެ ކޮމިޝަނުން ގިނަ މައްސަލަތަކެއް ބަލާނެ ކަމަށް ބުނެފައިވީ ނަމަވެސް ދެ މައްސަލައެއްގައި ނޫނީ ފައިނަލް ރިޕޯޓެއް އައިސްފައެއް ނުވެއެވެ. އެއީ ޑރ. އަފްރާޝީމް އަލީގެ މަރުގެ ރިޕޯޓާ، ރައުދާ އާތިފްގެ މަރުގެ ރިޕޯޓެވެ.
އެ ދެ ރިޕޯޓާ މެދުވެސް ގިނަ ބަޔަކު ސުވާލު އުފައްދަމުންދާއިރު އެ ދެ އާއިލާއިން ވެސް ވަނީ ކޮމިޝަންގެ ރިޕޯޓް ބަލައި ނުގަންނަ ކަމަށް ބުނެފަ އެވެ.