ސުޕްރީމް ކޯޓް

މުއުތަސިމާ، ސުއޫދު ސުޕްރީމް ކޯޓަށް އައްޔަންކުރައްވައިފި

އުއްތަމަ ފަނޑިޔާރުކަމަށް، މާފަންނު ގުލްފާމްގެ އަހްމަދު މުއުތަސިމް އަދުނާން އަދި ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް، އައްޑޫ ސިޓީ މީދޫ، ހަސަންކާރިގެ ހުސްނުއްސުއޫދު މިއަދު އައްޔަން ކުރައްވައިފި އެވެ.

މި 2 ބޭފުޅުން މަގާމުތަކަށް އައްޔަންކުރެއްވުމުގެ ރަސްމިއްޔާތު ބާއްވަވާފައި ވަނީ މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

މުއުތަސިމް ވަނީ 2010 އިން 2014 އަށް ސްޕްރީމް ކޯޓުގެ ފަނޑިޔާރެއްގެ ގޮތުގައި މަސައްކަތްކުރައްވާފައެވެ. އޭނާ ވަނީ އިނގިރޭސި ވިލާތުގެ ގްލަސްގޯ ޔުނިވާސިޓީން ޓްރާންސް ނޭޝަނަލް ކޮމާޝަލް ލޯއިން މާސްޓާސް އޮފް ފިލޯސަފީ ހާސިލު ކުރައްވާފައެވެ. އަދި އިނގިރޭސި ވިލާތުގެ ބަކިންހަމް ޔުނިވާސިޓީން، ބެޗްރަލާ އޮފް ލޯ، މުއުތަސިމް އަދުނާނު ވަނީ ހާސިލުކުރައްވާފައެވެ. މިއަދު ބޭއްވެވި ރަސްމިއްޔާތުގައި މުއުތަސިމް އަދުނާނަށް މަގާމުގެ ހުވައި ލައިދެއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ހުސްނުއްސުއޫދެވެ.

ސުއޫދު ވަނީ އޮސްޓްރޭލިޔާގެ ކްއީންސްލޭންޑް ޔުނިވަރސިޓީން މާސްޓާސް އޮފް ލޯ ހާސިލުކުރައްވާފައެވެ. އަދި ސުއޫދު ވަނީ މެލޭޝިޔާގެ އިންޓާނޭޝަނަލް އިސްލާމިކް ޔުނިވާސިޓީން ބެޗްލާ އޮފް ލޯގެ އޮނާސް ޑިގްރީއެއް ވެސް ހާސިލުކުރައްވާފައެވެ. ސުއޫދު އެންމެފަހުން ހުންނެވީ، މަރާލާފައިވާ މީހުންނާއި، ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަހުގީގު ކުރާ ކޮމިޝަނުގެ ޗެއާމަންގެ މަގާމުގައެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް، އައްޔަންކުރެއްވި ސުއޫދަށް މަގާމުގެ ހުވައި ލައިދެއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑޮކްޓަރު ުއަޒްމިރާލްދާ ޒާހިރެވެ.

އާ އުއްތަމަ ފަނޑިޔާރު މުއުތަސިމަކީ އެންމެ ފުރަތަމަ ސުޕްރީމް ކޯޓު އުފެއްދިއިރު އެ ކޯޓަށް އައްޔަން ކުރި ފަނޑިޔާރުންގެ ތެރެއިން ބޭފުޅެކެވެ. ނަމަވެސް މިދިޔަ މަޖިލީހުގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗުން ދެ މަގާމު ހުސްވާ ގޮތަށް ކޯޓުތަކާ ބެހޭ ގާނޫނަށް ބަދަލު ގެނެސްގެން އޭނާގެ މަގާމު ގެއްލުވާލި އެވެ.

އެންމެ ފުރަތަމަ ސުޕްރީމް ކޯޓު އުފެއްދިއިރު އުއްތަމަ ފަނޑިޔާރު ކަމުގެ މަގާމުގައި ހުންނެވި ޑރ. އަހްމަދު ފާއިޒު ހުސައިންގެ މަގާމު ވެސް އޭރު ގެއްލިގެން ދިޔައީ ސުޕްރީމް ކޯޓުގެ ބެންޗުން ދެ ފަނޑިޔާރަކު މަދު ކުރާ ގޮތަށް މަޖިލީހުން ގާނޫނަށް ގެނައި ބަދަލުގެ ދަށުންނެވެ.

އޭގެ ފަހުން އުއްތަމަ ފަނޑިޔާރުގެ މަގާމު ފުރުއްވީ އަބްދުﷲ ސައީދެވެ. އޭނާގެ މަގާމު ވެސް ގެއްލުވާލީ ފަނޑިޔާރުންގެ ގާނޫނަށް މިދިޔަ މަޖިލީހުގައި ގެނައި ބަދަލެއްގެ ދަށުންނެވެ. އެއީ ގާނޫނުގައި ފަނޑިޔާރު ކަމުގެ މަގާމު ގެއްލޭ އިޖުރާއަތަކަށް މަޖިލީހުން ގެނައި ބަދަލެކެވެ.

އޭރު ޖަލު ބަންދުގައި ނުވަތަ ހުކުމްތަކުގައި ތިއްބެވި އިދިކޮޅު ސިޔާސީ ލީޑަރުން މިނިވަން ކުރަން މިދިޔަ އަހަރުގެ ފެބްރުއަރީ މަހު ނެރުނު އަމުރާ ގުޅިގެން ފަނޑިޔާރު އަބްދުﷲ ސައީދުގެ މައްޗަށް ޖިނާއީ ކުށެއް ސާބިތުވެ އެ ހުކުމް ސުޕްރީމް ކޯޓުން ވެސް ތާއީދުކޮށްފައިވެ އެވެ. އެއާ ހިސާބުން ފަނޑިޔާރުގެ މަގާމު ވަގުތުން ގެއްލޭ ގޮތަށް ގާނޫނަށް އޭރު ބަދަލު ގެނައީ އެވެ.

އުއްތަމަ ފަނޑިޔާރު ކަމަށް މުއުތަސިމް އައްޔަން ކޮށްފައިވާއިރު އެންމެ ފުރަތަމަ ސުޕްރީމް ކޯޓަށް އައްޔަން ކުރެއްވި ހަތް ފަނޑިޔާރުންގެ ތެރެއިން މިހާރު ސުޕްރީމް ކޯޓުގައި ހުންނެވި ހަމައެކަނި ފަނޑިޔާރަކީ މުއުތަސިމެވެ. އަދި މިހާރު އަމަލު ކުރާ ގާނޫނުގެ އަސާސީގެ ދަށުން، އުއްތަމަ ފަނޑިޔާރުގެ މާގަމު ފުރުއްވާނެ ހަތަރުވަނަ ބޭފުޅާ އެވެ.

މުއުތަސިމްގެ އިތުރުން މިހާރު ސުޕްރީމް ކޯޓުގައި ތިއްބެވީ ޑރ. އަޒްމިރަލްދާ ޒާހިރާއި ފަނޑިޔާރު އައިޝާ ސުޖޫން އާއި ފަނޑިޔާރު މަހާޒު އަލީ ޒާހިރް އެވެ.